އަހުލާގީ މައްސަލަތަކެއް ފެންމަތިވެގެން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން ދުރުކުރި ވެލިޒާ ޕޮޕޯފްގެ ވާހަކަ ފެތުރެމުންދާ ގޮތާ މެދު ހިތްހަމަނުޖެހިގެން މި މައްސަލަ އެންމެފަހުން ކޯޓަށް ވައްދަން ނިންމައި އޭނާ އެކަން މިއަދު އިއުލާނުކޮށްފި އެވެ.
އަމިއްލަ ގައުމު ކަމުގައިވާ ބަލްގޭރިއާގައި މިހާރު ހުރި ޕޮޕޯފް މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކޮންމެ ކަމެއްގައި ވެސް ހައްދެއް އޮންނަން ޖެހޭނެ ކަމަށާއި ދެން ދާނީ ކޯޓަށް ކަމަށެވެ. އެނގިފައިވާ ގޮތުގައި ޕޮޕޯފް ހިތްހަމަނުޖެހުން ފާޅުކުރަމުން ދަނީ ގައުމީ ޓީމުގެ ކޯޗުކަން އޭނާ އަށް ގެއްލުނު ގޮތާ ބެހޭ ގޮތުން އެކި މީހުން ފަތުރަމުންދާ ވާހަކަތަކާ ގުޅިގެންނެވެ.
އަޑު އަރާފައިވާ ގޮތުން ޕޮޕޯފްގެ މައްސަލަ އިތުރަށް ހޫނުވެގެން ގޮސްފައި ވަނީ އޭނާ އާއި ގައުމީ ޓީމުގެ ކުޅުންތެރިން ގެންގުޅު ވައިބާ ގްރޫޕެއްގައި ކޯޗާއި ކުޅުންތެރިން ދައްކާފައިވާ ވާހަކަތައް ފެންނަ ސްކްރީންޝޮޓްތަކެއް "ދިވެހި ފުޓްބޯޅަ އާއިލާ" ތެރޭގައި އާންމުވުމާ ގުޅިގެންނެވެ.
ނަމަވެސް ޕޮޕޯފްކޮށްފައިވާ ޓްވީޓަށް ބަލާއިރު އޭނާއާ ބެހޭ ގޮތުން ފަތުރަމުންދާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތެވެ. އޭނާގެ ޓްވީޓްގައި ބުނެފައި ވަނީ ކޯޓަށް ގޮސް މައްސަލަ ކާމިޔާބުކުރުމަށް ފަހު ބަދަލުގައި ލިބޭ ފައިސާ ހަދިޔާކުރާނީ ކުޑަކުދިންގެ ޖަމިއްޔާއަކަށް ކަމަށެވެ.
ނަމަވެސް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު ވެސް ކުރިން ވިދާޅުވެފައި ވަނީ ކޯޗުގެ ކިބައިން ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި އެންމެ ފުރަތަމަ އެ ވާހަކަ ނުދެއްކީ ކޯޗަށް ދިން އިހްތިރާމެއްގެ ބޮޑުކަމުން ކަމަށެވެ.
"ކޯޗު ކުޅުންތެރިންނާއެކު ހަދައިގެން ގެންގުޅޭ ވައިބަ ގްރޫޕްތަކާއި، އެ ގްރޫޕުގައި ދައްކާފައިހުރި ވާހަކަތަކާއި ހުރި ފޮޓޯތައް ވެސް އަޅުގަނޑުމެން ބަލައިފިން. ބައިވަރު މައްސަލަތައް އެބަހުރި،" އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ވެސް ކުރައްވަމުން އަންނަ ޝަވީދު ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެ އެވެ.