ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ލ. ފޮނަދޫގައިި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކުގެ ތެރެއިން މިހާތަނަށް ހަވާލު ނުކުރެވި ހުރި ހައުސިން ޔުނިޓްތައް ހަވާލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މި މަޝްރޫއުގެ ދަށުން ފޮނަދޫގައި ވަނީ 50 ހައުސިން ޔުނިޓް އިމާރާތް ކޮށްފަ އެވެ.
ހައުުސިން މިނިސްޓްރީން މިއަދު ބުނީ، ހައުސިން ޔުނިޓުތައް ލިބިފައިވާ ހައްގުވެރި ފަރާތްތަކާއި ގެ ހަވާލުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރަމުން އެބަގެންދާ ކަމަށެވެ. އެގޮތުން ގެ ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އިއްޔެ ފަށައިގެން ލ. ފޮނަދޫގައި ކުރިއަށް ގެންދާ ކަމަށެވެ.
ހައުސިންގް ޔުނިޓް ލިބުނު ފަރާތްތަކާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ ހައްދުންމަތީ ކައުންސިލް އިދާރާގަ އެވެ. މި މަސައްކަތް މިމަހު ބުރާސްފަތި ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށް މިނިސްޓްރީން މައުލޫމާތު ދިނެވެ.
މިނިސްޓްރީން މިދިޔަ މަހު ފަހުކޮޅު ވަނީ ފުވައްމުލަކުގައި އިމާރާތް ކުރި ފްލެޓުތައްވެސް ސޮއިކޮށް ހަވާލު ކޮށްފަ އެވެ.