މުހައްމަދު ނާޒިމް

ގާސިމްގެ އެޑްވައިޒަރު ކަމުން ނާޒިމް އިސްތިއުފާ ދެއްވައިފި

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވައިިފި އެވެ.

ނާޒިމް ވަނީ އެކަން ބަޔާންކޮށް ގާސިމަށް މިއަދު ސިޓީ ފޮނުއްވާފަ އެވެ.

ދަނގެތީ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ނާޒިމްގެ އެ ސިޓީގައި ވިދާޅުވެފައި ވަނީ މިވަގުތު މަސައްކަތް ހުރި ގޮތުން ޖޭޕީގެ މަސައްކަތްތަކަށް އެކަށީގެންވާ ވަގުތު ނުދެވޭތީ ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ހުށައަޅުއްވާ ކަމަށެވެ. އަދި އެ އިސްތިއުފާ ގަބޫލު ކުރެއްވުން އެދި ވަޑައިގަންނަވާ ކަމަށެވެ.

ނާޒިމް ވަނީ ގާސިމް ބެހެއްޓެވި ގާތްކަމާއި ޖޭޕީން އޭނާއަށް ދިން އެހީތެރިކަން ފާހަގަ ކުރައްވާފަ އެވެ.

ގާސިމް ޕޮލިޓިކަލް އެޑްވައިޒަރުގެ މަގާމުން ނާޒިމް އިސްތިއުފާ ދެއްވާފައިވާއިރު އޭނާއަކީ ޖޭޕީގެ ޕީޖީ ގުރޫޕްގެ މެންބަރެކެވެ. އަދި ޕާލިމެންޓްރީ ގުރޫޕް ޑެޕިއުޓީ ލީޑަރުވެސް މެއެވެ. އެ މަގާމަކުން އިސްތިއުފާއެއް ނުދެއްވާއިރި ޕާޓީގެ މަންބަރުކަން ވެސް ދޫކޮށްލައްވާފަ އެއް ނުވެ އެވެ.

ފަހަކަށް އައިސް ޖޭޕީއަށް ސިލްސިލާކޮށް މެންބަރުންތަކެއް ސޮއި ކުރަމުން ގެންދާއިރު، އެ ޕާޓީއާއި ގުޅެމުންދާ ގިނަ މެންބަރުންނަކީ އިދިކޮޅު ޕީޕީއެމްގެ މެންބަރުންނެވެ. އޭގެ ތެރޭގައި ރައީސް ޔާމީންގެ އަރިހުގައި މީގެ ކުރިން އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންވެސް ހިމެނެ އެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުންނަށް ޖޭޕީ ބައެއް މަގާމުތަކަށް ވެސް ވަނީ ހަމަޖައްސާފަ އެވެ.

ނާޒިމަކީ ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރެވެ. މަގާމުގައި ހުންނަވަނިކޮށް ރެއެއްގެ ދަންވަރު އެމަނިކުފާނުގެ ގެކޮޅަށް ފުލުހުން ވަދެ، އެ ގެއިން ފިސްތޯލައެއް ހޯދައި އޭނާގެ މައްޗަށް ދައުވާކޮށް 11 އަހަރަށް ވަނީ ޖަލަށްލި އެވެ. ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ ގިނަ ދުވަހު ޖަލުގައި ހުންނެވި ބޭފުޅަކީ ނާޒިމެވެ.