ޑރ. އަހުމަދު އަބްދުﷲ ދީދީ

އެސްޖީއަށް ބިރެއް ނުދައްކަން، ހުރަސް އަޅާތީ ދިނީ ނަސޭހަތް: އުއްތަމަ ފަނޑިޔާރު

ސުޕްރީމް ކޯޓުގެ ސެކްރެޓްރީ ޖެނަރަލް (އެސްޖީ) ޑރ. ހުސެއިން ފާއިޒަށް އިންޒާރުދީ ބިރު ދައްކާފައިވާ ވާހަކަ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ދޮގު ކުރައްވައިފި އެވެ.

އުއްތަމަ ފަނޑިޔާރު އެކަން ދޮގު ކުރެއްވީ އެ މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަން ނިންމާފައިވަނިކޮށެވެ. އިއްޔެ ޖޭއެސްސީގެ ބައްދަލުވުމުގައި ނިންމާފައިވަނީ ޑރ. ފާއިޒަށް އުއްތަމަ ފަނޑިޔާރު ވަޒީފާގެ ބިރު ދައްކައި، ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އާ އެއްވެސް މުއާމަލާތެއް ނުކުރުމަށް އަންގާފައިވާ ކަމަށް ބުނެ އެ މައްސަލަ ބަލަން ނިންމާފަ އެވެ.

އުއްތަމަ ފަނޑިޔާރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޖޭއެސްސީގެ ގާނޫނަށް މިފަހުން ގެނައި އިސްލާހަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާފައިވާ އިސްލާހެއް ކަމަށްވާތީ އެ އިސްލާހަށް އިހްތިރާމް ކުރައްވާ ކަމަށެވެ. އެ އިސްލާހު ތަންފީޒު ކުރަން ސުޕްރީމް ކޯޓުން އެއްބާރުލުން ވެސް ދޭނެ ކަމަށެވެ.

ކުރިން ސުޕްރީމް ކޯޓުގެ ދަށުން ހިންގަމުން ދިޔަ ޑީޖޭއޭ މިފަހުން ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހެއް ދަށުން ވަނީ ޖޭއެސްސީގެ ދަށަށް ގެންގޮސްފަ އެވެ. މިހާރު ޑީޖޭއޭ ހިންގަނީ ޖޭއެސްސީގެ ބެލުމުގެ ދަށުންނެވެ. ޑީޖޭއޭއަކީ ކޯޓުތަކުގެ އިދާރީ ކަންކަން ހަމަޖެއްސުމަށް އެހީތެރިވެދޭ އިދާރާއެކެވެ.

އެ އިސްލާހުން ވެސް އެނގޭ ގޮތުގައި ޑީޖޭއޭއާ ހަވާލުކޮށްފައިވަނީ އަދުލްއިންސާފު ގާއިމް ކުރުމުގެ އާންމު އިދާރީ ކަންކަން ބެލެހެއްޓުން ކަމަށާއި ކޯޓުތަކުގެ އެތެރޭގެ އިދާރީ ކަންކަން އާ އިސްލާހުން ވެސް ޑީޖޭއޭއާ ހަވާލުކޮށްފައިނުވާކަން އުއްތަމަ ފަނޑިޔާރު މިއަދުގެ ބަޔާނުގައި ވެސް ފާހަގަ ކުރެއްވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުން ހިންގާނީ އުއްތަމަ ފަނޑިޔާރުކަން ކަމާއި ހައިކޯޓާއި ސްޕީރިއާ ކޯޓުތަކުގެ އިދާރީ ހިންގުން އޮންނަން ވާނީ އެ ކޯޓެއްގެ އިސް ފަނޑިޔާރުގެ ބެލުމުގެ ދަށުންކަން ގާނޫނުން ސާފުވާ ކަމަށާއި އަދި މެޖިސްޓްރޭޓް ކޯޓުތަކުގައި އެ ދައުރު އޮތީ އިސް މެޖިސްޓްރޭޓަށްކަން ވެސް އެނގޭ ކަމަށެވެ.

އެހެން އޮތްވައި، ޑީޖޭއޭއިން ކޯޓުތަކުގެ އެތެރޭގެ އިދާރީ ހިންގުމާ ބެހޭ އުސޫލުތައް ކަނޑައަޅައި އަންގާ އެންގުންތަކަށް ރިއާޔަތްކޮށް ސުޕްރީމް ކޯޓުގެ އެސްޖީ ޑރ. ފާއިޒް ވަނީ އުއްތަމަ ފަނޑިޔާރުގެ ހުއްދައެއް އަދި އެންގުމެއް ނެތި މުވައްޒަފުންނާ ބައްދަލުކޮށް ކޯޓުގެ ހިންގުމުގެ އެންމެ އިސް ވެރިޔަކީ އުއްތަމަ ފަނޑިޔާރު ނޫން ކަމަށް ބުނެފަ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި އެންމެ އިސް ފަރާތަކީ އޭނާ ކަމަށް ޑރ. ފާއިޒް މުވައްޒަފުންނަށް ދެންނެވި ކަމަށެވެ.

"ތިމަންނަ ރިޕޯޓް ކުރާން ޖެހޭ ފަރާތަކީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރޭ ވިދާޅުވެ ދުސްތޫރީ އަދި ގާނޫނީ މއްދާތަކުގެ ބާރު ކެނޑޭ ގޮތަށް އަމަލު ކުރައްވައިފި، މި އަމަލުތަކުގެ ސަބަބުން ސުޕްރީމް ކޯޓުގެ މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފެދި ކޯޓުގެ އެތެރޭގެ ހަމަޖެހުމާއި މަސްލަހަތު ދަނީ ގެއްލެމުން، އަދި އަޅުގަނޑާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާ ކުރުމަށް ވަނީ ހުރަސް އެޅިފައި،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އެގޮތަށް ޑރ. ފާއިޒް އަމަލު ކުރެއްވުމުން އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުން އޭނާއަށް ނަސޭހަތް ދެއްވި ކަމަށާއި އަދި އެއީ ކޮށްގެން ހުރި ހުވާގެ މަތިން ލާޒިމް ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެފަދަ އަމަލުތައް ދެން އިތުރަށް ތަކުރާރު ނުކުރުމަށް އެންގެވި ކަމަށާއި ޑރ. ފާއިޒްގެ މައްޗަށް އެހެން މުވައްޒަފުންނަށް ވެސް އޮންނަ އުސޫލުގެ ތެރެއިން ގަވައިދުގެ ދަށުން ފިޔަވަޅު އެޅުމަށް ހުރަސް ނޯންނާނެކަން ދަންނަވާފައިވާނެ ކަމަށެވެ.

"އެފަދަ އެންގުމެއް އެންގުމަކީ އަޅުގަނޑު އޭނާއަށް އިންޒާރު ދިނުން ކަމުގައި ބެލޭނެ އެއްވެސް ހަމައެއް ނޯންނާނެ ކަމާއި އަދި އެއީ ސުލޫކީ މައްސަލައެއް ކަމުގައި ބަލާނެ އެއްވެސް އަސާސެއް ވެސް ނޯންނާނެ، ނަމަވެސް އެއީ އަޅުގަނޑުގެ ދުސްތޫރީ އަދި ގާނޫނީ މަސްއޫލިއްޔަތު އަދާކުރުންކަން މި ފުރުސަތުގައި ފާހަގަކުރަން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ބަޔާން ނިންމާލައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުތަކަކީ ވަކި ބައެއްގެ މައްޗަށް ހިންގައިފައި ވަކި މީހެއްގެ މަސްލަހަތާއި ފައިދާއަށްޓަކައި އެއް ފަރާތް ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ.

އުއްތަމަ ފަނޑިޔާރު މީގެކުރިން ނެރުއްވި ބަޔާނެއްގައި ޖޭއެސްސީއަށާއިި ޑީޖޭއޭއަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވި އެވެ. އެގޮތުން ކޯޓުގެ ތަކުގެ އިދާރީ ހިންގުމަށް އަތްބާނައި ނިޒާމް ޕެރެލައިޒްކޮށް ޒިންމާއަށް ހުރަސް އަޅަން އުޅޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ޑރ. ދީދީ ވިދާޅުވީ ކޯޓުތަކުގެ އިދާރީ މުވައްޒަފުންނާއި އިދާރީ ނިޒާމަކީ ފަނޑިޔާރުންގެ ބާރު ނުހިނގާ ނިޒާމަކަށް ވެއްޖެނަމަ އޭގެ ސަބަބުން ފަނޑިޔާރުންގެ މަސައްކަތަށް ގިރާ ނުކުރެވޭނެ ފަދަ ހުރަސްތަކެއް ކުރިމަތިވެގެން ދާނެ ކަމަށެވެ. އަދި ކޯޓުތަކުގެ އިދާރީ އަދި ނިޒާމީ އިންޓެގްރިޓީ ގެއްލި ކޯޓާއި ފަނޑިޔާރުންގެ މަސައްކަތް ނުކުރެވޭނެ ފަދަ މާހައުލެއް އުފެދޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އިދާރީ ނިޒާމާ ބެހޭ ސިޔާސަތުތަކާއި އުސޫލުތައް ކަނޑައަޅައި އެކަށައެޅުމާއި އެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް ކޯޓު ހިންގުމުގެ ކަންކަމަކީ އުއްތަމަ ފަނޑިޔާރަށް ގާނޫނުތަކުން ދީފައިވާ ބާރެއްކަން އެނގެން އޮންނަ ކަމަށާއި އެއާ ހިލާފަށް އެކަން ކުރަން އުޅުމަކީ ގާނޫނާ ހިލާފު ޣައިރު ދުސްތޫރީ އަމަލެއްކަން ވަރަށް ސާފު ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވެ ބަޔާން ނެރުއްވީ ޑީޖޭއޭއަށް ހުރަސް އަޅަން ސުޕްރީމް ކޯޓުން އުޅޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިންނާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މައްސަލައެއް ވެސް ބަލަމުންދާ ދަނޑިވަޅެއްގަ އެވެ. އެ ދެ ތަނުން އެ މައްސަލަ ބަލަން ނިންމީ ޑީޖޭއޭގެ ބާރު ކަނޑުވާލަން ޖުޑީޝަލް ކައުންސިލުން އުޅޭ ކަމަށް ބުނެ އެވެ.