އަދާލަތު ޕާޓީ

ނުފޫޒުގަދަ ބަޔަކު އެމްޑީއެން ދިފާއުކުރި: އަދާލަތު

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ދިފާއުގައި ރާއްޖޭގައި ތިބި ނުފޫޒުގަދަ ބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އަދާލަތު ޕާޓީން މިހެން ބުނެފައިވަނީ އިސްލާމްދީނާ މާތް ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާ އުވާލުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ރައީސް ސޯލިހަށް ތައުރީފުކޮށް ނެރުނު ބަޔާނެއްގައެވެ.

އަދާލަތުން ބުނީ އެމްޑީއެންއިން އިސްލާމް ދީނަށް ފުރައްސާރަކޮށް މާތް ﷲ ގެ ކުޅަދުންވަންތަކަމާމެދު ސުވާލު އުފައްދައި، ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަކޮށް އަދި ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންގެ ނަން ކިނލަބުވާފަދަ ގޮތަކަށް ރިޕޯޓް އެކުލަވާލާފައިވާތީ، އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނެވުނު ހިސާބުން ފެށިގެން، އެ ޖަމިއްޔާ ސަސްޕެންޑުކޮށް، އެ ޖަރީމާގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.

ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖެ އޮންނާތީ ކަންބޮޑުވާ އެތައް ބަޔަކު ދައުލަތާ ދެކޮޅަށް ފިކުރީ ހަނގުރާމައެއް ކުރަމުން އަންނަ ޒަމާނެއްގައި، އަދި ރާއްޖެއިން ބޭރުގެ ނުފޫޒުގަދަ އެތައް ބާރުތަކަކުންނާއި ރާއްޖޭގައި ތިބި މަދު ނަމަވެސް ނުފޫޒުގަދަ ބަޔަކު އެ ޖަމިއްޔާގެ ދިފާއުގައި ތިއްބާ ސަރުކާރުން މިއިން ނުފޫޒަކަށް ބެލުމެއްނެތި ގާނޫނުގެ ވެރިކަން ނަގަހައްޓާފައިވާ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ. -އެމްޑީއެންގެ ދިފާއުގައި މަސައްކަތް ކުރެއްވި ނުފޫޒުގަދަ ފަރާތްތަކަކީ ކޮބައިކަމެއް އަދާލަތުގެ ބަޔާނުގައި ބުނެފައެއް ނުވެއެވެ.-

ދިވެހި ރައްޔިތުންނަކީ ޒަމާނުއްސުރެ ދީނަށް ލޯބިކުރާ، ދީނުގެ ދިފާއުގައި ކޮންމެ ގުރުބާނީއެއްވެސް ވާން ތައްޔާރަށް ތިބޭ ރައްޔިތެއްކަން ތާރީޚު ހެކިދޭ ކަމަށާ އެކަން ހަނދާންނެތިފައިވާ ފަރާތްތަކަށާއި އޮޅިފައިވާ ފަރާތްތަކަށް އަލުން އެކަން ހަނދާންކޮށްދީ އޮޅުންފިލުވައި ދީފައިވާ ކަމަށްވެސް އަދާލަތުން ވަނީ ބުނެފައެވެ.

"ހަމަކަށަވަރުން މިއީ ދިވެހި ރައްޔިތުންގެ މަސައްކަތުގެ ނަތީޖާ. އިސްލާމް ދީނާއި ރާއްޖޭގެ ގައުމިއްޔަތު ނަގަހައްޓައި ގާނޫނީ ވެރިކަން ދެމެހެއްޓުމަށް ދިވެހިރައްޔިތުން ދެއްކެވި ނަމޫނާ އަށް މި ޕާޓީއިން ޝުކުރު ދަންނަވަން. އަދި ދިވެހިރާއްޖޭގެ ގައުމިއްޔަތަށް ހަމަލާ ދިނުމަށް ފޫގަޅާލާފައި ތިބި އަނދިރި ބާރުތަކާމެދު ފާރަވެރިވެ ދެމިތިބުމަށް ގޮވާލަން." އަދާލަތުގެ ބަޔާނުގައިވެއެވެ.

އެމްޑީއެން އުވާލުމަށް އިއްޔެ ޔޫތް މިނިސްޓްރީން ނިންމީ ތަހުގީގަށްފަހު ފުލުހުން ދީފައިވާ މައުލޫމާތަށް ބެލުމަށްފަހު އެވެ. ޖަމިއްޔާގެ ގާނޫނުގެ ދަށުން އެމްޑީއެން އުވާލަން ނިންމައި، ޖަމިއްޔާގެ ދަރަންޏާއި މުދަލާ ގުޅޭ ކަންކަން 45 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ މުއްދަތު ދީފަ އެވެ.

އެމްޑީއެންގެ "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓްއާ ގުޅިގެން ފާޑުކިޔުން އަމާޒުވުމުން ފުލުހުން ހެދި އެސެސްމަންޓްއިން އެ ރިޕޯޓުގައި އިސްލާމް ދީނަށް ތައުހީން ކުރުމުގެ ގޮތުން ފާޑު ކިޔާފައިވާ ކަން ފާހަގަވެފައިވާ ކަމަށާއި ދީނަށާއި ރަސޫލާއަށް ވެސް އެ ރިޕޯޓުގައި ފުރައްސާރަކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާ އުވާލާފައިމިވަނީ އެކަމަށް އެދި ދިވެހި ރައްޔިތުން އަޑު އުފުލަމުން ގެންދާތާ މަސް ދުވަސްފަހުންނެވެ. އެ ޖަމިއްޔާ އުވާލުމަށް 140 ވުރެ ގިނަ ކައުންސިލުން ގޮވާލާފައިވާއިރު، އެތައް ރަށެއްގައި އެ ޖަމިއްޔާއާ ދެކޮޅަށް އަޑުއުފުލުމަށް އެއްވުންތައް ވަނީ ބާއްވާފައެވެ.