އިސްލާމްދީނާ ދިވެހި ދައުލަތާ ރައްޔިތުންގެ މަސްލަހަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނަގަހައްޓާނެ ކަމުގެ ފުރިހަމަ އިތުބާރު އޮތުމަކީ އަދާލަތު ޕާޓީ ސަރުކާރާއެކު ސާބިތުވެ ދެމި އޮތުމުގެ ސަބަބުކަަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަ ކުރި މައްސަލައިގައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އިއްޔެ ދެއްވުމާއި ގުޅިގެނެވެ.
ރައީސް ސޯލިހުގެ ހޯމް މިނިސްޓަރު، އިމްރާން ވިދާޅުވީ ދީނުގެ މަސްލަހަތުތައް ނަގަހައްޓާ ގާނޫނުގެ ވެރިކަން ރައީސް ސޯލިހުގެ ސަރުކާރުން ދަމަހައްޓާނެ ކަމަށެވެ.
އިސްލާމްދީނާ ދިވެހި ދައުލަތާ ރައްޔިތުންގެ މަސްލަހަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނަގަހައްޓާވާނެ ކަމުގެ ފުރިހަމަ އިތުބާރު އޮތުމަކީ އަދާލަތު ޕާޓީ ސަރުކާރާއެކު ސާބިތުވެ ދެމި އޮންނަ ސަބަބު.އިމްރާން އަބްދުﷲ | އަދާލަތު ޕާޓީގެ ރައީސް
އިއްޔެ ނެރުއްވި ބަޔާނެއްގައި ރައީސް ވިދާޅުވީ ގާނޫނު އަސާސީީގެ 10 ވަނަ މާއްދާގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާ އިސްލާމްދީނަކީ ގާނޫނު އަސާސީގެ މައިގަނޑު މަސްދަރު ކަމުގައި ބަޔާންވެފައިވާއިރު އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ވެރިކަން ހިންގާ އެ ދީން ހިމާޔަތް ކުރުމަކީ ދިވެހި ރާއްޖޭގެ އެންމެ މަތީވެރިޔާއަށް ގާނޫނު އަސާސީން ލާޒިމު ކޮށްފައިވާ ކަމެއް ކަމަށެވެ.
"އެހެންކަމުން އަޅުގަނޑުގެ އެންމެ އިސް ވާޖިބަކީ މި މަތިވެރި ޒިންމާ އަދާ ކުރުން މަތީ ދެމި ހުރުން." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ 2015 ވަނަ އަހަރު "ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" އެ ނަމުގައި އެންޑީއެމުން ނެރެފައިވާ ރިޕޯޓްގައި އިސްލާމްދީނުގެ އަސްލުތަކާއި ފުށުއަރާ، އަދި އިސްލާމްދީނާއި ރަސޫލާއަށް ތަވްހީނުވާ ފަދަ ބައެއް ވާހަކަތައް ހިމެނިފައިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަަމަށެވެ.
"އެހެން ކަމުން މި މައްސަލަ ބަލައި، ދިވެހި މުޖްތަމައުގައި ގާއިމުވެފައި މި އޮތް ހަމަޖެހުމާއި، ދީނީ އެއްބައިވަންތަކަމާއި، އަމަން އަމާންކަން ދެމެހެއްޓުމަށްޓަކައި ގާނޫނީ ގޮތުން އަަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނަމެވެ." ރައީސްގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އަދި ދީނީ ޝިއާރު ފާޅުކުރުމާއި، ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކުގެ ބޭނުން ހިފުމުގައި މުޅި މުޖްތަމައުގެ މަސްލަހަތު އިސްކޮށް އިސްލާމް ދީނުގެ މަތިވެރި އަސާސްތަކާއި ޚިލާފުނުވުމަށް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
އެމްޑީއެން މައްސަލާގައި ރައީސް އެއްޗެއް ވިދާޅުވީ މާ ފަހުން ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ފާޑު ކިޔާފައެވެ. ނަމަވެސް ރައީސްގެ ބަޔާނުގައި އެމްޑީއެންއަށް ފިޔަވަޅު އަޅާނެ ކަަމަށް ވިދާޅުވެފައިވާތީ އެމަނިކުފާނަށް ތާއީދު ކުރާ ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.