ވިޔަފާރި

ރާއްޖޭގެ އިންޓަނެޓުގެ އަގަށް ހެޔޮ ބަދަލެއް ގެނެސްދޭނަށް: އުރީދޫ ގްރޫޕްގެ ސީއީއޯ

Aug 17, 2015
6

އުރީދޫން ރާއްޖޭގެ އިންޓަނެޓުގެ ހިދުމަތުގެ އަގަށް ހެޔޮ ބަދަލެއް ގެނެސްދޭނެ ކަމަށް އުރީދޫ ގްރޫޕްގެ ސީއީއޯ ނާސިރު މަރަފިހް ވިދާޅުވެއްޖެ އެވެ.

އުރީދޫން ރާއްޖޭގައި ހިދުމަތް ދޭން ފެށިތާ، 10 އަހަރު ފުރުމާ ގުޅިގެން އުރީދޫ ގްރޫޕުން ނެރެފައިވާ ނޫސް ބަޔާނަކަށް ދެއްވި އިންޓަވިއުއެއްގައި އެ ގްރޫޕްގެ ސީއީއޯ ނާސިރު ވިދާޅުވީ ރާއްޖޭގައި އިންޓަނެޓު ހިދުމަތް ދިނުމުގެ ލައިސަންސް އުރީދޫ ގްރޫޕަށް ލިބުމާ ގުޅިގެން ހިދުމަތުގެ ފެންވަރާއި ހިދުމަތުގެ އަގަށް ރަނގަޅު ބަދަލެއް ގެނެސްދޭނެ ކަމަށެވެ. އަދި އެ ކުންފުނިން މަސައްކަތް ކުރަމުން ގެންދާނީ އިންޓަނެޓުގެ ހިދުމަތް ފެށުމާއެކު ރާއްޖޭގެ އިގްތިސާދަށް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް ގެނެސްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

އުރީދޫއަށް ރާއްޖޭގައި ލޭންޑް ލައިން އިންޓަނެޓުގެ ހިދުމަތް ދިނުމުގެ ލައިސަންސް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން އުރީދޫއަށް ދީފައިވަނީ މިދިޔަ މަހު އެވެ. އެ ކުންފުނިން ވަނީ ކުރިއަށް އޮތް ހައެއްކަ މަހުގެ ތެރޭގައި ހިދުމަތްދޭން ފެށޭނެ ކަމަށް ބުނެފަ އެވެ.

ރާއްޖެއަކީ އުރީދޫ ގްރޫޕަށް އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދޭ އެއް މާކެޓެވެ. މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހަށް ބަލާއިރު އެކުންފުނިންޏަށް އާމްދަނީގެ ގޮތުގައި ރާއްޖޭން 37.7 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައިވެ އެވެ. މިއީ މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު 26.7 މިލިއަން ޑޮލަރާ އަޅާބަލާއިރު، 52 ޕަސެންޓް އިތުރުވުމެކެވެ.

އުރީދޫން ރާއްޖޭގައި މޮބައިލް ހިދުމަތް ދޭން 2005 ވަނަ އަހަރު ފެށުމާއެކު، އެ ކުންފުނިން ރާއްޖެއަށް ތްރީޖީ އާއި ތްރީޖީ ޕްލަސް އަދި ފޯޖީގެ ހިދުމަތް ދޭން ވެސް ފަށާފައިވެ އެވެ.