ބަންގުލަދޭޝްގެ ޕްރިމިއާ ލީގްގައި ވާދަ ކުރާ ސައިފް ސްޕޯޓްސް ކުލަބުގެ ކޯޗްގެ ގޮތުގައި ރާއްޖޭގެ މުހައްމަދު ނިޒާމްއާއެކު އެ ކުލަބުން ކޮންޓްރެކްޓްގައި ސޮއި ކޮށްފި އެވެ.
ޓީމާ ހަވާލުވާން، ނިޒާމް ބަނގްލަދޭޝްއަށް ގޮސްފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. ސައިފް ސްޕޯޓިން ކުލަބާއެކު ނިޒާމް މިއަދު އެއްބަސްވުން ހެދީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. ސައިފް ސްޕޯޓްސް ކުލަބުން ބުނެފައި ވަނީ އެ ޓީމުގެ ކޯޗަކަށް ނިޒާމް ހަމަޖައްސާފައި ވަނީ ކޯޗެއްގެ ގޮތުގައި އޭނާ ކޮށްފައިވާ މަސައްކަތަށް ބެލުމަށް ފަހު ކަމަށެވެ.
ނިޒާމްގެ ކޯޗް ކަމުގެ ދަށުން ޓީސީ ސްޕޯޓްސް ކުލަބުން ވަނީ ބަންގުލަދޭޝްގައި 2017 ވަނަ އަހަރު ބޭއްވި ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު ކަޕްގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އަދި އޭއެފްސީ ކަޕް ކޮލިފިކޭޝަންގައި ޓީސީ އާއެކު ސައިފް ސްޕޯޓްސް ކުލަބު ދެ ލެގުގައި ވެސް ބަލި ކުރި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ނިޒާމްގެ ފެއާވެލް މެޗަށް ފަހު އޭނާ ބުނެފައި ވަނީ ސައިފްގެ އޮފާ ލިބުމުގެ އެންމެ ބޮޑު ސަބަބަކަށްވީ ބަންގުލަދޭޝްގައި ކުޅުނު މެޗުތަކުން ކާމިޔާބު ހޯދާފައި ވުން ކަމަށެވެ.
"ބަންގުލަދޭޝް ފަސްގަނޑުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެފަ އަދި އެ ގައުމުގެ ވަރުގަދަ ހުރިހާ ކުލަބެއްގެ މައްޗަށް ކުރި ހޯދިފައި ހުރީމަ އެއީ ވަރަށް ބޮޑަށް އެމީހުން ފާހަގަ ކުރި ކަމެއް،" ނިޒާމް ބުނެފައި ވެއެވެ.
ކަމާލް ކަޕްގައި ޓީސީން ވަނީ ބަންގުލަދޭޝްގެ އޭރުގެ ޗެމްޕިއަން ޑާކާ އަބާހާނީވެސް ބަލި ކޮށްފަ އެވެ.
ބަންގުލަދޭޝް ޕްރިމިއާ ލީގް ފަށުމަށް ހަމަޖައްސާފައި ވަނީ ޖެނުއަރީ މަހު އެވެ. މިދިޔަ ސީޒަންގެ ލީގް ސައިފް ސްޕޯޓްސް ކުލަބުން ނިންމާލީ ހަތަރު ވަނައިގަ އެވެ. ލީގްގެ އެންމެ ފަހުގެ ޗެމްޕިއަނަކީ ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކޯޗް ކޮށްދިން ސްޕެއިންގެ އޮސްކާ ބުރުޒޯން ބަރޭރަސް ކޯޗް ކޮށްދޭ ބޮށުންދަރާ ކިންގްސް އެވެ.