ހަބަރު

ޑރ. އަފްރާޝީމްގެ މަރުގެ ރިޕޯޓު ރައީސް އޮފީހަށް ފޮނުވައިފި

Nov 7, 2019
3

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި މަރުތައް ބަލާ ރިޔާސީ ކޮމިޝަން އިން ކުރި ތަހުގީގުގެ ރިޕޯޓު ރައީސް އޮފީހަށް ފޮނުވައިފި އެވެ.

ރަހުމު ކުޑަ ގޮތަކަށް ދީނީ އިލްމުވެރިޔާ އަފްރާޝީމް އަވަހާރަކޮށްލީ އޮކްޓޯބަރު 1، 2012 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު، އޭނާ ދިރިއުޅޭ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތް ދުވަހު އުފެއްދެވި މަރުގެ މައްސަލަތައް ބަލާ ކޮމިޝަން އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ އަފްރާޝީމްގެ މަރުގެ މައްސަލަ ތަހުގީގު ނިންމާފައިވާ ކަމަށާއި ނިންމި ގޮތުގެ ރިޕޯޓު ރައިސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މަރު ކޮމިޝަނުން ކުރި ޓުވީޓް

މަރު ކޮމިޝަންގެ ރައީސް ހުސްނުސުއޫދު މީގެ ކުރިން ވިދާޅުވެފައި ވަނީ ވަަރަށް އަވަހަށް އަފްރާޝީމްގެ މަރުގެ ހަގީގަތްތައް ހާމަ ކުރާނެ ކަމަށެވެ. ހަތް އަހަރުވެފައިވާ އެ މައްސަލަ ތަހުގީގު ކުރަން ފެށި އަލުން ފަހުން މަރު ކޮމިޝަން އިން ވަނީ އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހަކު ހޯދުމަށް ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ. އަދި އަފްރާޝީމްގެ މަރުގެ ފަހަތުގައި ތިބި މީހުން ހޯދިފަީއވާ ކަމަށް ވެސް އެ ކޮމިޝަން އިން ބުންޏެވެ.

އަފްރާޝީމަށް އިންސާފު ހޯދައި ދިނުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.