ހަބަރު

އައްޑޫގައި ނެއިބާހުޑް ޕޮލިސްގެ ހިދުމަތް ރަސްމީކޮށް ފަށައިފި

Nov 7, 2019

ފުލުހުންގެ ނެއިބާހުޑް ސަޕޯޓް އޮފިސަރުންގެ ހިދުމަތް އައްޑޫ ސިޓީގައި ރަސްމީކޮށް ފަށައިފި އެވެ. އައްޑޫ ސިޓީ ގަން އީކުއޭޓާ ވިލެޖްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ނެއިބާހުޑް ސަޕޯޓް އޮފިސަރުންގެ ހިދުމަތް ރަސްމީކޮށް ފައްޓަވާދެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

ފުލުހުން ބުނީ ނެއިބާހުޑް ސަޕޯޓް އޮފިސަރުން އައްޑޫ ސިޓީގެ ގޭބިސީތަކަކާއި އެއޮފިސަރަކަށް ކަނޑައެޅިފައިވާ ސަރަހައްދުތަކަށް ގޮސް، ގޭބިސީތަކާއި އެ ސަރަަހައްދުތަކުގެ އާންމު މައުލޫމާތު އޮޅުން ފިލުވާނެ ކަމަށެވެ. އަދި އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު އަމަލުތަކާއި ސަރަހައްދުތަކުގައި ހިނގާ އެހެނިހެން ކުށްތައް ދެނެގަނެ ހައްލު ހޯދައިދިނުމަށް ވެސް މަސައްކަތް ކުރަމުންދާނެ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން ކުށް މަދުކުރުމަށާއި އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރަންވީ ގޮތުގެ މައުލޫމާތު އެ ސިޓީގައި ހިމެނޭ އާންމު ރައްޔިތުންނާއި ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ކުށުގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކާއި އެކި މައްސަލަތަކުގައި ހެކިބަސްދޭ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދިނުމަށް މަސައްކަތްކުރުމާއި، އިންޓެލިޖެންސާއި އެ ސަރަހައްދަކުން ލިބޭ މައުލޫމާތު ފުލުހުންނާއި ހިއްސާކޮށް ހައްލު ހޯދައިދިނުމަށް ވެސް ނެއިބާހުޑް ޕޮލިސް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން ނެއިބާހުޑް ޕޮލިސް ހަރަކާތްތެރިވާނީ އައްޑޫ ސިޓީގެ އަވަށްތައް ބެހިފައިވާ ގޮތަށް ބަލައި، 21 ސަރަހައްދަކަށް ކަމަށާއި ކޮންމެ ސަރަހައްދެއްގައި ނެއިބާހުޑް ޕޮލިސްގެ ދެ އޮފިސަރުން ހަރަކާތްތެރިވާނެ ކަމަށް ފުލުހުން ބުންޏެވެ.

ނެއިބާހުޑް ޕޮލިސްގެ ހިދުމަތް އައްޑޫގައި މިއަދު ރަސްމީކޮށް ފެއްޓެވި ނަމަވެސް މިދިޔަ މެއި މަހުން ފެށިގެން ނެއިބާހުޑް ޕޮލިސް އެ ސިޓީގައި ހަރަކާތްތެރިވެ އެވެ.