އެމްއާރުއެމް

އެމްއާރުއެމްގެ ވަގުތީ ރައީސަކަށް މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ އުފައްދާ ޕާޓީ، މޯލްޑިވްސް ރިޕޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ވަގުތީ ރައީސް އަކަށް އެ މަނިކުފާނު މިރޭ އިންތިހާބު ކޮށްފި އެވެ.

ދަރުބާރުގޭގައި މިރޭ ކުރިއަށް ދިޔަ ޖަލްސާގައި އެމްއާރުއެމް އުފެއްދުމުގެ ގޮތުން އެ ޕާޓީ ހިންގާނެ ވަގުތީ ލީޑާޝިޕް އިންތިހާބުކޮށް، ޕާޓީ ހިންގާނެ އަސާސީ ގަވާއިދު ވަނީ ފާސްކޮށްފަ އެވެ. އަދި ޕާޓީގެ ދިވެހި ނަމެއްގެ ގޮތުގައި "ދިވެހިންގެ އިސްލާހީ ހަރަކާތް" ކިޔަން ވަނީ ފާސްކޮށްފަ އެވެ.

މިރޭގެ ޖަލްސާގައި ފާސް ކުރި އަސާސީ ގަވާއިދުގެ ދަށުން، ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން އެ ޕާޓީގެ ވަގުތީ ރައީސްގެ މަގާމަށް އިންތިހާބު ކުރީ، ރައީސް މައުމޫނެވެ. އެ މަގާމަށް ކުރިމަތިލެއްވީ ވެސް އެމަނިކުފާނު އެކަންޏެވެ. އެހެން ކަމުން ވަގުތީ ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށް ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ.

ވަގުތީ ގޮތުން ޕާޓީ ހިންގާނެ އިންތިގާލީ އެގްޒެކެޓިވް ކޮމިޓީ ކައުންސިލަށް 20 މެންބަރުން އިންތިހާބު ކުރި އެވެ. އެއީ ފިރިހެން 10 މެންބަރުންނާއި އަންހެން 10 މެންބަރުންނެވެ.

އެމްއާރުއެމްގެ ލޯގޯގެ ގޮތުގައި ފާސްކުރުމަށް މިރޭގެ ޖަލްސާގައި ތިން ލޯގޯއެއް ހުށަހެޅުނެވެ. އޭގެ ތެރެއިން ފާސްކުރީ ގަދަ ފެހި ކުލަ އާއި ރަން ކުލަ ހިމެނޭ ލޯގޯ އެކެވެ. ޕާޓީގެ ކުލައަކަށް ވެސް ފާސް ކުރީ އެ ދެ ކުލަ އެވެ.

އެ ލޯގޯ ރަމްޒު ކޮށްދެނީ ޒުވާނުންގެ ހިތްވަރުންނާއި ރައްޔިތުންގެ އެއްބައިވަންތަކަމާއެކު ގައުމު އިސްލާހުގެ މަގަށް ގެންދިއުން ކަމަށް އެމްއާރުއެމް އިން ބުނެ އެވެ. އެ ލޯގޯ ފާސްކުރީ ޖަލްސާގައި ތިބި މީހުންގެ ތެރެއިން 156 މެންބަރުންގެ ވޯޓުންނެވެ.

އެމްއާރުއެމް އަކީ ރައީސް މައުމޫން އިސްވެ ހުންނަވައި އުފައްދަވާ ތިންވަނަ ސިޔާސީ ޕާޓީ އެވެ. ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ވެސް އުފެއްދެވީ އެމަނިކުފާނު އިސްވެ ހުންނަވައިގެންނެވެ.

އެމްއާރުއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ރައީސް މައުމޫން ނިންމެވީ، ޕީޕީއެމްގެ ހިންގުން ހޯދުމުގެ ކޯޅުން މައުމޫންގެ ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރެއްވުމުންނެވެ. އެންމެ ފަހުން ޕީޕީއެމްގެ ރައީސް ކަމަށް ޔާމީން އިންތިހާބު ކުރި އެ ޕާޓީގެ ކޮންގްރަސް ސައްހަ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.