ނިއުރޭޑިއަންޓް ކޯޗެއްގެ ގޮތުގައި މި އަހަރު ބަލްގޭރިޔާގެ ވެލީޒާ ޕޮޕޯފް ނުގެންނާނެ ކަމަށް އެކުލަބުގެ ޑިރެކްޓަރ އޮފް ފުޓްބޯޅަ، އަންވަރު އަލީ ދެއްކި ވާހަކަ ކުލަބުން މިއަދު ދޮގުކޮށްފި އެވެ.
ނިއުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ ޑިރެކްޓަރ އޮފް ފުޓްބޯޅަ އަންވަރު އަލީއާ ހަވާލާދީ އަވަސްގައި މިއަދު ޖެހި ހަބަރަކީ ޒިންމާދާރުކަމެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ކުރިމަގުގައި އެކުލަބުން ޕޮޕޯފް ފުރުސަތު ނެތްކަމަށް ބުނެ ޖެހި ހަބަރަކީ އަންވަރަށް އެނގުމެއްނެތި ޖަހާފައިވާ ލިޔުމެއް ކަމަށެވެ. ނަމަވެސް އަންވަރު ރޭ ބުނީ ނިއު އަށް މި އަހަރު ދެން ޕޮޕޯފް ނުގެންނާނެ ކަމަށެވެ.
"ޕޮޕޯފް ނުގެންނާނަން. މިކުލަބާ ދުރުގައި ތިބި ބަޔަކު އަދި އެހެން އޭނާ ގެންނަން އުޅުނަސް ނިއު އަށް މީހަކު ގެންނަންޏާ (މިވަގުތު) އެކަން ކުރާނީ އަހަރެން. ޕޮޕޯފް ގެނައުމުގެ ވިސްނުމެއް ނިއުރޭޑިއަންޓަކު ނެތް،" އަންވަރު ވިދާޅުވި އެވެ.
ޕޮޕޯފް އަކީ ނިއުރޭޑިއަންޓްގައި ކާމިޔާބު ކޯޗެވެ. 2013 ވަނަ އަހަރު އޭނާ ވަނީ ބަލިނުވެ ދިވެހި ލީގާއި އެފްއޭކަޕް ކާމިޔާބުކޮށްދީފަ އެވެ. ނަމަވެސް މި އަހަރު ގައުމީ ޓީމަށް އައިތާ ހަ މަސް ފަހުން އޭނާ ކޯޗުކަމުން ބޭރުކުރީ އަހުލާގީގޮތުން ދަށް ފެންވަރުގެ ވާހަކަތަކާއި ފޮޓޯތައް ކުޅުންތެރިންނާ މުއާމަލާތްކުރަން އެފްއޭއެމުން ހެދި ވައިބާ ގްރޫޕުގައި ދައުރުކުރި ކަމަށްބުނެ އެވެ. އެފްއޭއެމުން ބުނީ ކޯޗު އުޅުނީ ކުޅުންތެރިން ހައްދަން ކަމަށާއި އަހުލާގީގޮތުން ބައިވަރު މައްސަލަތައް އެބަހުރި ކަމަށެވެ.
ނަމަވެސް ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ ސަޕޯޓަރުން ގިނަ ކުލަބުން ބުނެފައިވަނީ ކޯޗާ ބެހޭ ގޮތުން ދެކެވެމުންދާ ވާހަކަތަކާމެދު ކަންބޮޑުވާ ކަމަށެވެ. އަދި އެކުލަބުގައި ޕޮޕޯފް ހުރި އިރު އަހުލާގީ އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށެވެ.