ޕާކިސްތާންގައި މިހާރު ކުރިއަށްދާ ޔޮނޮކްސް ސަންރައިޒް ޕާކިސްތާން އިންޓަނޭޝަނަލް ސީރީޒް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް އަދި މިކްސް ޑަބަލް ކެޓަގަރީން ރާއްޖޭގެ ދެ ޕެއާ ފައިނަލަށް ދަތުރު ކޮށްފި އެވެ.
އަންހެން ޑަބަލްސްގައި ރާއްޖޭގެ އާމިނަތު ނަބީހާ އަބްދު ރައްޒާގް އާއި ފާތިމަތު ނަބާހާ އަބްދުރައްޒާގް ފައިނަލަށް ދަތުރު ކުރީ އިއްޔެ ކުޅުނު ސެމީ ފައިނަލު މެޗުގައި ޕާކިސްތާންގެ ސެހްރާ އަކުރަމް އާއި ހުމާ ޖަވީދު ބަލި ކުރުމަށް ފަހު އެވެ. ރާއްޖޭގެ ޕެއާ ގޭމްތައް ކާމިޔާބު ކުރީ 21-16 އަދި 21-16 އިންނެވެ.
މިކްސް ޑަބަލްގެ ސެމީ ފައިނަލުގައި ހުސައިން ޒަޔާން އާއި ނަބާހާގެ ޕެއާ ނުކުތީ، ޕާކިސްތާންގެ އަބްދު ރަހްމާން އާއި ސައިމާ ވައްގާސްގެ ޕެއާ އާ ދެކޮޅަށެވެ. ޒަޔާން އާއި ނަބާހާގެ ޕެއާ ފައިނަލަށް ދަތުރު ކުރީ 21-14 އަދި 21-13 އިން މެޗު ކާމިޔާބު ކޮށްގެންނެވެ.
ސިންގަލްސް ސެމީ ފައިނަލުގައި ރާއްޖޭގެ ނީލާ ނަޖީބު ބަލިވެ އޭނާއަށް ލިބުނީ ބްރޯންޒް މެޑަލްއެވެ. އެ ކެޓަގަރީގެ ސެމީގައި އޭނާ ބަލިވީ ޕާކިސްތާންގެ މަހޫރު ޝަހްޒާދު އަތުން 21-18 އަދި 21-11 އިންނެވެ.
އަންހެން ޑަބަލްސް ފައިނަލުގައި، ނަބީހާ އާއި ނަބާހާ ނުކުންނާނީ ދެ ވަނަ ސެމީގައި ރާއްޖޭގެ ދެ ޕެއާ ކަމަށްވާ، ނިލާ އާއި މައިސާ ފަތުހުﷲ މައްޗަށް ކާމިޔާބު ހޯދައިގެން ފައިނަލަށް ދަތުރު ކުރި ބުޝްރާ ގައްޔޫމް އާއި މަހޫރު ޕެއާ އާ ދެކޮޅަށެވެ. މަހޫރޫ އާއި ބުޝްރާގެ ޕެއާ އާ ދެކޮޅަށް ކުޅުނު މެޗުގެ ދެ ވަނަ ގޭމް ނީލާ އާއި މައިސާ ކާމިޔާބު ކުރި އެވެ. އެ ގޭމް އެ ދެކުޅުންތެރިން ކާމިޔާބު ކުރީ 21-11 އިންނެވެ. ފުރަތަމަ ގޭމް ބުޝްރާ އާއި މަހޫރުގެ ޕެއާ ކާމިޔާބު ކުރީ 21-17 އިންނެވެ. މެޗުގެ ޑިސައިޑިން ގޭމް އެ ދެކުޅުންތެރިން ކާމިޔާބު ކުރީ 21-18 އިންނެވެ.
ޒަޔާން އާއި ނަބާހާގެ ޕެއާ ފައިނަލުގައި ނުކުންނާނީ ފުރަތަމަ ސެމީ ފައިނަލުގައި ޕާކިސްތާންގެ މުހައްމަދު އަލީ ލަރޯޝް އާއި ގަޒާލާ ސައްދޫގީ ބަލި ކުރި ނޭޕާލްގެ ދިޕޭޝް ދަހަމް އާއި އަމިތާ ގިރީ އާ ދެކޮޅަށެވެ. ސެމީގެ މެޗު ދިޕޭޝް އާއި އަމިތާ ކާމިޔާބު ކުރީ 21-15، 21-18 އަދި 21-17 އިންނެވެ.