ޓީ-ޖެޓީ ސަރަހައްދުގައި ހިނގާދިޔަ އަލިފާނުގެ ބޮޑު ހާދިސާގައި ފިއުލް އެކްސްޕްރެސް މޯލްޑިވްސް އަށް ލިބުނު ގެއްލުންތަކަށް ދިވެހި އިންޝުއަރެންސް އިން ބަދަލު ދީފި އެވެ. ފިއުލް އެކްސްޕްރެސްގެ ހުރިހާ ޕްރޮޕަޓީއެއް އިންޝުއަރެންސް ކޮށްފައިވަނީ ދިވެހި އިންޝުއަރެންސްގައެވެ.
ފިއުލް އެކްސްޕްރެސްއަށް ލިބުނު ގެއްލުންތަކަށް ދިވެހި އިންޝުއަރެންސްގެ ފަރާތުން ބަދަލުދިން ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުއް ވާހިދު ތައުފީގެވެ. އަދި ފިއުލް އެކްސްޕްރެސްގެ ފަރާތުން އެ ލިޔުމާ ހަވާލްވެފައިވަނީ ކުންފުނީގެ ވެރިޔާ މުހައްމަދު ޝިހާބެވެ.
އަވަސްއާ މިއަދު ވާހަކަދައްކަމުން ފިއުލް އެކްސްޕްރެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިހާބް ވިދާޅުވީ އެ ކުންފުނީގެ ހުރިހާ ޕްރޮޕަޓީއެއް އިންޝްއަރެންސް ކޮށްފައިވަނީ ދިވެހި އިންޝުއަރެންސްގަ ކަމަށެވެ.
ޓީ-ޖެޓީ ސަރަހައްދުގައި ހިނގާދިޔަ އަލިފާނުގައި އެ ކުންފުނީގެ ދެ ތެޔޮ ބައުޒަރުގެ ތެރެއިން އެކަތި ވަނީ މުޅިން އަދާފައެވެ. އަދި އަނެއް ބަައުޒަރުވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަދާފައެެވެ. އެތައްހާސް ލީޓަރުގެ ޕެޓްރޯލާއެކު ދެ ބައުޒަރު އަދައިގެން ދިއުމުން ކުންފުނީގެ އޮޕަރޭޝަން ވަނީ ހުއްޓިފައެވެ.
ޝިހާބް ވިދާޅުވީ ދިވެހި އިންޝުއަރެންސްގެ ޚިދުމަތާއިމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި އަލިފާނުގެ ހާދިސާއާއި ގުޅިގެން ކުންފުންޏަށް ލިބުނު ގެއްލުމަށް ފުރިހަމަ ބަދަލު އެ ކުންފުނިން ދީފައިވާ ކަމަށެވެ.
"ހަގީގަތުގައި އެކްސްޕެކްޓެއްވެސް ނުކުރެވޭ މިހާ އަަވަސްވާނެ ކަމަށް. ގާތްގަނޑަކަށް މަހެއްހާ ދުވަހުގެ ތެރޭގައި ގެއްލުމަށް ފުރިހަމަ ބަދަލެއް މި ލިބުނީ. އެކަމަށްޓަކައި ދިވެހި އިންޝުއަރެންސްއަށް ވަަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަނެއްކޮޅުން މި ހާދިސާ ހިނގުމާއެކު އެ ކުންފުނިން ވަގުތުން ވަނީ އެކަމަށް އެޓެންޑްވެފައި. އެކަންވެސް ފާހަގަކޮށްލަން." ޝިހާބް ވިދާޅުވިއެވެ.
ދިވެހި އިންޝުއަރެންސް އިން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ކުންފުނިތަކަށް ލިބޭ މިފަދަ ގެއްލުންތަކުގެ ފުރިހަމަ ބަދަލެއް ދިނުމަށް އަބަދުވެސް އިސްކަންދޭނެ ކަމަށެވެ.
ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހު މެންދުރު ފަހު 3:40 ގައި މާލޭގެ ހުޅަނގު ދެކުނު ޓީޖެޓީއާ ކައިރިން ސިނާއީ ސަރަހައްދުގެ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ހިނގި ނުރައްކާތެރި، ބޮޑު އަލިފާނުގައި ހަތް މީހަކު ފިހުނެވެ. އަދި އަލިފާނުގައި ތިން ކުންފުންޏެއްގެ ހަ ތެޔޮ ބައުޒަރާއި އިތުރު ކުންފުންޏެއްގެ ލޯންޗެއް އަނދައިގެން ގޮސް ލިބުނު ގެއްލުން 20 މިލިއަން ރުފިޔާއަށްވުރެ ބޮޑުވިއެވެ.
އޭގެ ތެރޭގައި އެޗްއެމްއެޗްއައިގެ ތިން ބައުޒަރަކާއި މެރީޑިއަމްގެ ދެ ބައުޒަރެއްގެ އިތުރުން ފިއުލް އެކްސްޕްރެސްގެ ދެ ބައުޒަރެއް ވަނީ އަނދައި ބޭނުން ނުކުރެވޭވަރުވެފަ އެވެ.