ސިއްހަތު

ރޭގަ ރަނގަޅަށް ނިދުނުތަ؟

Aug 18, 2015

ބައެއް މީހުންނަކީ އޮއްސޭ އިރާ އެކު އެނދަށް އަރައި ނިދިބޮޅަކަށް ވެއްޓިގަންނަ މީހުންނެވެ. އަދި ނިކަން ފަތިހާ ހޭލާ މީހުންނެވެ. މީހުން ބުނަނީ މިގޮތަށް އުޅޭ މީހުން ސިއްހަތުން ގަދަވެފައި އަތްމަތި ތަނަވަސްވެފައި ނިކަން ބުއްދިވެރި ވެސް ކަމަށެވެ.

ނަމަވެސް އެންމެންނަކީ މިފަދަ ނަސީބުވެރިންނެއް ނޫނެވެ. ނިދުމަކީ ބައެއް މީހުންނަށް އެހާ ފަސޭހަކަމެއް ނޫނެވެ. ވަކިން ހާއްސަކޮށް ކަރަންޓާއި ސްމާޓް އާލާތްތަކުގެ އަލި ގަދަވެފައިވާ މި ޒަމާނުގައި ގަދަ އަށް ނިދުމަކީ އެހާ ފަސޭހަ ކަމެއް ވެސް ނޫނެވެ.

ބައެއް ފަހަރަށް އެނދަށް އަރައި މި އޮވެވެނީ ވެސް އަތުގައި އޮންނަ ފޯނަށް ބަލަހައްޓައިގެން އެއާ ކުޅޭށެވެ. ނުވަތަ ލެޕްޓޮޕެއް އުނގަށް ލައިގެން ފިލްމެއް ބަލައިލެވެނީ އެވެ. މި ހުންނަނީ ހައްތަހާ ވެސް އޭގެ ސަބަބުން ނިންޖަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަންކަމެވެ.

އެހެންވީމަ މިފަދަ ލައިފްސްޓައިލެއްގައި އަހަރެމެން މިއަދު ބަންދުވެފައި ތިބިއިރު ހަމަ ނިދި ނުލިބޭ މީހާ އަށް ރަނގަޅަށް ނުނިދޭ ބައެއް ސަބަބުތަކަށް ބަލައިލަމާ ހިނގާށެވެ.

ފިނިގަދަ މާހައުލެއް އެންމެނަށް ކަމުނުގޮސްފާނެ އެވެ. ނަމަވެސް ދިރާސާތަކުން އެނގިފައިވާ ގޮތުން އަރާމު ނިންޖެއް ބޭނުން ނަމަ ކޮޓަރީގެ ފިނިހޫނުމިން 18.5 ޑިގްރީ ސެލްސިއަސް އަށް ވައްޓާލުމަކީ އެކަން ކާމިޔާބުވެދާނެ ކަމެކެވެ.

ތަޖުރިބާކާރުން ބުނަނީ މި ފިނިހޫނުމިނަކީ ނިދަން އެންމެ އަރާމުވާނެ ޓެމްޕަރޭޗާ ކަމަށެވެ.

ނިދުމުގެ ކުރިން ހަށިގަނޑުގެ އެތެރޭގެ ފިނިހޫނުމިން ދާނީ ދަށްވަމުންނެވެ. އަދި ނިދާފައި އޮންނައިރު ވެސް އިންޓާނަލް ޓެމްޕަރޭޗާ ދާނީ ދަށަށެވެ. ފިނިކޮށްފައިވާ ކޮޓަރިއެއްގައި ނިދަން އަރާމުވަނީ މި ސަބަބާ ހެދި އެވެ.

ނިދުނީ ނަމަ ހަށިގަނޑުގެ އާންމު މަސައްކަތްތައް ހުއްޓުމަކަށް އަންނާނެ އެވެ. ހަށިގަނޑު ސްވިޗް އޮފްކޮށްލަނީ އެވެ. ނަމަވެސް ސިކުނޑި ނުއެއް ނިދަ އެވެ.

ހަށިގަނޑު ރެސްޓްކުރާއިރު ސިކުނޑި ހޭލާ އޮންނަނީ ކީއްވެގެން ކަން އެނގޭ ހެއްޔެވެ؟ އެއީ މުޅި ދުވަހު ސިކުނޑިއަށް ޖަމާކުރި ޑާޓާ ޕްރޮސެސްކުރުމަށެވެ.

ނިދީގައި އެކި މަރުހަލާތަކެއް ތަޖުރިބާކުރެވޭއިރު އާރްއީއެމް ނުވަތަ ރެޕިޑް އައި މޫވްމަންޓްއޭ ކިޔުނު ނިދީގެ މަރުހަލާ އަކީ އެންމެ ގަދަފަދަ ނިންޖެވެ. މި މަރުހަލާގައި ހަށިގަނޑުގެ މަސްތައް ޕެރެލައިޒްކޮށްލަ އެވެ. އަދި ސިކުނޑިން އިހްސާސްތަކާއި ހުވަފެންތަކާ ކުޅޭއިރު ހަރަކާތްކުރާނީ ލޯ އެކަންޏެވެ.

ސްމާޓް ފޯނައި ޓެބްލެޓް އަދި ލެޕްޓޮޕް ފަދަ އާލާތްތަކަކީ ވަރަށް ގަދަ އަށް ބްލޫ ލައިޓް ބޭރުކުރާ އެއްޗިއްސެވެ. މިއީ ނިދަން އުނދަގޫކުރާ އައްޔެކެވެ.

އެހެންވީމަ އެންމެ ރަނގަޅު ގޮތަކީ ފޯނު ނުވަތަ މިފަދަ އާލަތެއްގެ ސްކްރީނުގެ އަލި ދަށްކޮށްލުމެވެ. ނުވަތަ އެންމެ ބުއްދިވެރި ގޮތަކީ ފޯނާއި މިފަދަ އާލާތްތައް ނިއްވާލައިގެން އެނދަށް އެރުމެވެ.

އަލީގެ އަސަރު ނިންޖަށް ކުރަނީ ކިހިނެތް ހެއްޔެވެ؟

ރޭގަނޑު ގަޑީގައި އަހަރެމެންގެ ހަށިގަނޑުން މެލަޓޮނިންއޭ ކިޔުނު ހޯމޯންއެއް އުފައްދަ އެވެ. ނިދި އަންނަ ސަބަބަކީ މިއީ އެވެ.

އަލީގެ އަސަރު ލޮލަށް ކުރީމަ މި ހޯމޯން އުފައްދާ މިންވަރު ދަށްކޮށްލަ އެވެ. އެހިސާބުން ދެން ހޭލެވެނީ އެވެ.

އެހެންވީމަ ނިދާ ކޮޓަރީގައި ޓީވީ އޮންކޮށްލައިގެން އުޅުމަކީ ވެސް ނިދަން އުނދަގޫކޮށްފާނެ ކަމެކެވެ. ފޯނާއި ޓީވީގެ އަލިން ސަލާމަތްވެ އާދައިގެ ފަނޑު އަލިކަމެއްގެ ދަށުގައި އޮވެ ފޮތެއް ކިޔައިގެން ވެސް މާ ފަސޭހައިން ނިދާލެވިދާނެ އެވެ.

ނިދަން ފަސޭހަކޮށްދޭ ކެމިކަލް އެއް ދުވާލުގެ ގަޑީގައި ވެސް އަހަރެމެންގެ ހަށިގަނޑުން އުފައްދަ އެވެ. އެއަށް ކިޔަނީ އެޑިނޯސައިން އެވެ.

ކޮފީ ފަދަ ކެފެއިންގެ އަސަރުގަދަ ބުއިންތައް ދުވާލުގެ ގަޑިތަކުގައި ނެގީމަ މެންދުރު ގަޑީގައި އެ އަންނަ ނިދިގަނޑުން ސަލާމަތްވަނީ ކެފެއިންގެ އަސަރުކޮށް މި ދެންނެވި ކެމިކަލްގެ އަސަރު ކުޑަކޮށްލާތީ އެވެ.

މިގޮތަށް ކެފެއިން ގިނަ ގިނައިން ނެގުމަކީ ހަމަ ނިދި ހޯދަން ވަރަށް އުނދަގޫކޮށްފާނެ ކަމެކެވެ. ކެފެއިންގެ އަސަރު ގަދަވުމަކީ އަރާމު ފުން ނިންޖަކަށް އެޅޭ ހުރަހެކެވެ. އެހެންވީމަ ނިދަން އެނދަށް އެރުމުގެ ކުރިން ކޮފީ ނުބޮއެވޭތޯ ބަލައްޗެވެ.

މިއީ ވެސް ބައެއް މީހުންނަށް ނިދަން އުނދަގޫވާ ކަމެކެވެ. ހަމަ ކުޑަކުޑަ އަޑެއް ގޮވާލާ އިރަށް ހޭލެވޭ މީހުން ވެސް އުޅެ އެވެ.

ނިދާފައި އޮންނައިރު ސިކުނޑި އެންމެ ބިޒީ އަރުވާލައިގެން އުޅެނީ ވަށައިގެންވާ މާހައުލުން އިވޭ އަޑުތައް މޮނީޓާކުރުމަށެވެ. މިގޮތަށް ރިކޯޑްކުރާ އަޑުތަކުގެ އަސަރު އެންމެ ބޮޑަށް ކުރަނީ ފުން ނިންޖަކަށް ނުގޮސް އާދައިގެ ތިލަ ނިންޖެއްގައި ތާށިވެފައިވާ މީހުންނަށެވެ.

ނިދީގައި އޮންނަ މީހާގެ ސިކުނޑި އަޑުތަކަށް ރިއެކްޓްކުރާ ގޮތް ވެސް ތަފާތުވެ އެވެ. މިސާލަކަށް ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑަށް ނިކަން ފަސޭހައިން ހޭލެވިދާނެ އެވެ. ނަމަވެސް ގޭގެ ބޭރުގައި އޮންނަ ބޮޑު ޓްރެފިކެއްގެ އަޑަށް ނުވަތަ މިއުޒިކްގެ އަޑަށް ވެސް ބައެއް މީހުންނަށް ހޭނުލެވެ އެވެ.

އަދި ފެރީއެއްގައި ދަތުރުކުރާއިރު އޭގެ އިންޖީނުގެ އަޑު ކިތަންމެ ގަދަޔަސް ބައެއް މީހުން ނިދިގެން ވެއްޓޭ މަންޒަރު ފެނެ އެވެ. އަދި ހަމަ އެ އިންޖީނެއްގެ އަޑު ކެނޑުމާ އެކު އެހާ ފަސޭހައިން ނިދިން ހޭ ވެސް ލެވެ އެވެ.

ވަރަށް ގިނަ ގައުމުތަކުގައި މެންދުރުގެ ނިދިބޮޅަކީ އާންމު ކަމެކެވެ. މި ގަޑީގައި ނެޕެއް އަޅާލާ މީހުން ވަރަށް ވެސް ގިނަ އެވެ. މިއީ ސިއްހީ ގޮތުން ބަލާއިރު ވަރަށް ވެސް ރަނގަޅު ކަމެކެވެ.

އޭގެ ސަބަބުން ހިތުގެ މައްސަލަތައް ކުޑަކޮށް ސިކުނޑި އަށް ހަމަޖެހުން ގެނެސްދެ އެވެ. އެއީ މޫޑް ވެސް ރަނގަޅުކޮށްދޭ ކަމެކެވެ.

މެންދުރު އެއް ގަޑި އިރަށް ނިދުމުން ސިކުނޑީގެ ގާބިލުކަން 10 ގަޑިއިރަށް މަތިކޮށްދޭ ކަމަށް ދިރާސާތަކުން އެނގިފައިވެ އެވެ.

މެންދުރު ގަޑީގައި ނިދުމަކީ ނިކަން މަޝްހޫރު ބުއްދިވެރިންނާއި އިލްމުވެރިން ވެސް ކޮށް އުޅުނު ކަމެކެވެ. އެގޮތުން އެފަދަ ދެ ވަނަ އެއް ނެތް ލިއަނާޑޯ ޑާ ވިންޗީ އަކީ އަކީ ކޮންމެ ހަތަރު ގަޑިއިރުން 20 މިނެޓްގެ ނެޕެއް ނަގައިގެން އުޅުނު އިލްމުވެރިއެކެވެ.

ނިންޖާ ގުޅޭ އެހެން ވާހަކަތަކަށް ބަލާލާއިރު އެންމެ ގިނަ އިރުވަންދެން ނުނިދައި އުޅެފައި ވަނީ ޓޯނީ ރައިޓް ނަމަކަށް ކިޔާ މީހެކެވެ. އޭނާ އެ ރިކޯޑް ހެދީ 11 ދުވަހާއި 11 ރޭގަނޑު ވަންދެން ނުނިދައި ހުރެގެންނެވެ.