އާދަމް ޝަރީފު އުމަރު

ނުފޫޒު ފޯރުވި މީހުންގެ ތަހުގީގު އަވަސް ކުރަންޖެހޭ: ޝަރީފް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަން މަސައްކަތްކުރި މީހުން ހޯދާ ތަހުގީގު އަވަސް ކުރުމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ގޮވާލައްވައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާނެ ކަމުގެ ޔަގީންކަން ހޯދަން ސަރުކާރުގެ ވެރިން މަސައްކަތް ކުރެއްވި ކަމަށް ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަހުމަދު ހައިލަމް ވަނީ ވިދާޅުވެފައެވެ. އޭނާ އެހެން ވިދާޅުވީ ޖޭއެސްސީން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސަސްޕެންޑްކުރުމުން ދިފާއުގައި ނެރުނު ބަޔާނެއްގައެވެ. ހައިލަމްގެ އެ ތުހުމަތުތަކާއި ގުޅިގެން ސަރުކާރުން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އިދިކޮޅު ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރެއްގެ ގޮތުގައިވެސް ހުންނެވި މެންބަރު އާދަމް ޝަރީފް ވިދާޅުވީ ފަނޑިޔާރު ހައިލަމް ނެރުއްވި ބަޔާނާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަން މަސައްކަތްކުރި މީހުން ހޯދާ ތަހުގީގު އަވަސްކުރަން ޖެހޭ ކަމަށެވެ.

އަދި މިފަދަ މައްސަލަތަކުގައި ޕްރޮސެކިއުޓަރު ޖެނެރަލްއާ ފުލުހުން އިސްވެ މަސައްކަތް ކުރަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"މިހާރު މި ދަނީ ގާނޫނު އަސާސީގެ 42، 141 އަދި 142 ގެ ބާރު ކެނޑެމުން." މެންބަރު ޝަރީފް ވިދާޅުވި އެވެ.

ހައިލަމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން އެކިއެކި މަގާމުތަކުގައި ތިބި ފަރާތްތަކުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވިދާނެ ކަމަށް ހީކޮށް ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް ސަރުކާރުގެ އިސް ބޭފުޅުން އެންމެ ބޮޑަށް ކުރެއްވީ މި މަހުގެ ތިންވަނަ ދުވަހާއި ހަތަރު ވަނަ ދުވަހު ކަމަށެވެ. ހުކުމް އިއްވުމުގެ އަޑުއެހުން އޭރު އޮތީ ފަސް ވަނަ ދުވަހަށް ތާވަލްކޮށްފައެވެ.

"ސަރުކާރުގެ ވަރަށް އިސް މަގާމުތަކުގައި ތިބި ފަރާތްތަކުން އަޅުގަނޑަށް ސީދާ ގޮތުން މެސެޖްކޮށްގެންނާއި ގުޅައިގެންންނާއި އަޅުގަނޑު ދަންނަ މީހުން މެދުވެރިކޮށް ރައީސް ޔާމީން ޖަލަށްލުމަށް ހުކުމް ކުރާނެ ކަމުގެ ކަށަވަރުކަން ދިނުމަށް އެދުން، އަދި އެގޮތަށް ކަށަވަރުކަން ނުދެވޭނެ ކަމަށް ބުނުމުން އަލްހާންއާއެކު ހިނގި ޓްރާންސެކްޝަންގެ މައްސަލަ ޕޮލިހުގައި އެބަ އޮތްކަމާއި ހުކުމްގެ ކަށަވަރުކަން ނުލިބޭނަމަ އެ މައްސަލަ ބެލޭނެ ކަމުގެ އިންޒާރު ވެސް ދިން، އަދި ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ވެސް ދިން،" ހައިލަމް ވިދާޅުވެފައިވެ އެވެ.

ހައިލަމް ކުރައްވާފައިވާ ތުހުމަތުތަކަށް ސަރުކާރުން ޖަވާބުދާރީވާންޖެހޭ ކަމަށާ އެހެން ނޫނީ، ނުބައެއް އުޅޭކަމަށް ތުހުމަތު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ބައެއް ގާނޫނީ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.