ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޝަރީއަތުގައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމަށް ބުނެ އެ މައްސަލަ ތަހުގީގު ކުރުމަށް ހުށަހެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލުމުން ތިން ކޮމިޓީއަކަށް ހުށަހަޅައިފި އެވެ.
އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ފަރާތުން ފަނޑީޔާރުންނަށް ނުފޫޒު ފޯރުވި މައްސަލަ މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އެވެ.
މަޖިލީހުގެ ތަޅުމަށް މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވިކަން އެމަނިކުފާނަށް ހުކުމް ކުރި ފަނޑިޔާރުންގެ ލީކުވެފައިވާ އޯޑިއޯތަކުން ހާމަވެ ނިމިއްޖެ ކަމަަށެވެ. ހަމަ އެހެންމެ ރައީސް ޔާމީންއަށް ހުކުމް ކުރުމާއެކު ފަނޑިޔާރުންނަށް އެ ބޭފުޅުންގެ މަގާމުގެ ކުރިއެރުން ލިބޭނެކަން އެންގި އިރު އަދިވެސް ދެ ފަނޑިޔާރަށް ކުރިއެރުން ނުލިބޭކަން އޯޑިއޯތަކުން އެނގިގެންގޮސްފައިވާ ކަމަށެވެ.
މައްސަލައާ ގުޅޭ ގޮތުން ނެގި ވޯޓުގައި، އެ މައްސަަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ ހަތް މެމްބަރުން ނެވެ. ނުފެންނަކަމަށް 20 މެމްބަރުން ވޯޓު ދެއްވި އެވެ. އަދި ވަކި ކޮޅަކަށް 27 މެމްބަރަކު ވޯޓެއް ނުދެއްވި އެވެ.
އޭގެ ފަހުން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ބަލައި ނުގަތުމުން 241 ކޮމިޓީ، ހިއުމަން ރައިޓްސް ކޮމިޓީ އަދި ޖުޑިޝަރީ ކޮމިޓީއަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
އިދިކޮޅު މެމްބަރުން އިއްޔެ ވަނީ ފަނޑިޔާރުންގެ އޯޑިއޯ ލީކުވުމާއި ގުޅިގެން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖް ވެސް ކޮށްފަ އެވެ. އަދި އޭގެ ފަހުން ރައީސް އޮފީހަށް ވަޑައިގެން ޗީފް އޮފް ސްޓާފް އަލީ ޒާހިރު އާއި ބައްދަލުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްތިއުފާ ދެއްވުމަށްވެސް ވަނީ ދަންނަވާފަ އެވެ. އަލީ ޒާހިރު ވަނީ ސަރުކާރުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމަށް ކުރާ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.
އޯޑިއޯތަކާއި ގުޅިގެން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލަ ޖޭއެސްސީ އިން ވެސް އަންނަނީ ބަލަމުންނެވެ. ތިން ފަނޑިޔާރުން ވެސް ވަނީ އޯޑިއޯގައި ދައްކާފައިހުރި ވާހަކަތަކަށް އިންކާރުކުރައްވާފަ އެވެ.