ކުޅިވަރު

ބީޑަބްލިއުއެފްގެ މުބާރާތުން ރާއްޖެއަށް ދެ ރަން މެޑަލް

ދުނިޔޭގެ ބެޑްމިންޓަން ފެޑްރޭޝަންގެ އިންޓަނޭޝަނަލް ސީރީޒްގައި ހިމެނޭ ޔޮނެކްސް ސަންރައިޒް ޕާކިސްތާން އިންޓަނޭޝަނަލް ސީރީޒް މުބާރާތުން ރާއްޖޭގެ މިކްސް ޑަބަލްސް ޕެއާ އާއި އަންހެން ޑަބަލްސް ޕެއާއިން ރަން މެޑަލް ހޯދައިފި އެވެ.

މިއަދު ކުޅުނު ފުރަތަމަ ފައިނަލުގައި މިކްސް ޑަބަލް ކެޓަގަރީގައި، ރާއްޖޭގެ ހުސައިން ޒަޔާން އާއި ފާތިމަތު ނަބާހާ އަބްދުރައްޒާގް ނުކުތީ ނޭޕާލްގެ ދިޕޭޝް ދަމީ އާއި އަމިތަ ގިރީގެ ޕެއާ އާ ދެކޮލަށެވެ. ޒަޔާން އާއި ނަބާހާގެ ޕެއާ މެޗު ކާމިޔާބު ކުރީ 21-16 އަދި 21-19 އިންނެވެ.

މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވުނު، ނޭޕާލްގެ މި ދެޕެޢާ ފައިނަލަށް ދަތުރު ކުރީ ޕާކިސްތާންގެ މުހައްމަދު އަލީ ލަރޯޝް އާއި ގަޒާލާ ސައްދޫގީ ބަލި ކުރުމަށް ފަހު އެވެ. ރާއްޖޭގެ ޕެއާ ފައިނަލަށް ދަތުރު ކުރީ ޕާކިސްތާންގެ އަބްދު ރަހްމާން އާއި ސައިމާ ވައްގާސްގެ ޕެއާ ބަލި ކުރުމަށް ފަހު އެވެ.

އަންހެން ޑަބަލްސް ފައިނަލު މެޗަށް ނަބާހާ އާއި އޭނާގެ އެއްމާބަނޑު ދައްތަ އާމިނަތު ނަބީހާ ނުކުތީ، ޕާކިސްތާންގެ ޕެއާ ކަމަށްވާ ބުޝްރާ ގައްޔޫމް އާއި މަހޫރުގެ ޕެއާ އަށް ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ދިވެހިން ބަލި ނުކުރެވޭނެ ކަމުގެ އަޒުމާއެކު އެވެ. ބުޝްރާ އާއި މަހޫރުގެ ޕެއާ ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލުގައި ނިލާ އަހްމަދު ނަޖީބު އާއި މައިސާ ފަތުހުﷲ ބަލިކޮށްގެންނެވެ.

ބުޝްރާ އާއި މަހޫރުގެ ޕެއާގެ މައްޗަށް ނަބާހާ އާއި ނަބީހާގެ ޕެއާ ކުރ ހޯދީ 21-17 އަދި 21-13 އިންނެވެ.

މިއީ ބެޑްމިންޓަން ސާކިއުޓްގެ މުބާރާތަކުން ރާއްޖެއަށް ރަން މެޑަލް ލިބުނު ފުރަތަމަ ފަހަރެވެ. ވޭތުވެދިޔަ ތިން އަހަރަށް ބަލާއިރު ރާއްޖެއިން ވަނީ ބެޑްމިންޓަން އިންޓަނޭޝަނަލް ސީރީޒްގައި ބޮޑެތި ކުރި އެރުންތަކެއް ހޯދާފަ އެވެ. މޮރިޝަސް އިންޓަނޭޝަނަލް ސރީރީޒް މުބާރާތުގައި ޒަޔާން އާއި ނަބީހާ އަދި ނަބާހާ ވަނީ މީގެ ކުރިން ރިހި މެޑަލްވެސް ހޯދާފަ އެވެ.