ހަބަރު

ޑިންގީ ބަންޑުން ޖަހާލި ހާދިސާގައި އެކަކު މަރުވެއްޖެ

ހަ މީހުންނާއެކު ދަތުރުކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލައި، އޭގެން ދަތުރުކުރި އެކަކު މަރުވެއްޖެ އެވެ.

އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ކުޑަހުވަދޫ ކަނޑުއޮޅިން ޑިންގީއެއް ބަންޑުން ޖަހާލައިގެން އުޅޭކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ލިބިފައިވަނީ މިއަދު ހަވީރު 16:22 ގައި ކަމަށާ މި ހާދިސާގައި ބަންޑުން ޖަހާލި ޑިންގީގައި 6 މީހުން ތިބި ކަމަށެވެ. އެއީ، ހަތަރު ބިދޭސީންނާ ދެ ދިވެހިންނެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން އެސަރަހައްދަށް ދިޔައިރު، ޑީންގީގައި ތިބި ހަ މީހުން، ކުޑަހުވަދޫން ޖެޓްސްކީގައި އައި ބަޔަކު ސަލާމަތްކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އެމީހުންނަށް ކުޑަހުވަދޫ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންދާއިރު މަރުވެފައިވަނީ ފަތުރުވެރިއެއްގެ ގޮތުގައި ރާއްޖެ އައިސް އުޅުނު ސްވިޑަން މީހެކެވެ.

ކުޑަހުވަދޫ ކައުންސިލުން ބުނީ ޑިންގީ ބަންޑުން ޖަހާލާފައިވަނީ ފަތުރުވެރިންނާއެކު މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ކަމަށެވެ. ޑިންގީގައި ތިބި ހަތަރު ބިދޭސީންނަކީވެސް ފަތުރުވެރިންގެ ގޮތުގައި އެ ރަށުގެ ގެސްޓް ހައުސްއެއްގައި ތިބި ބައެކެވެ. މަރުވި ސްވިޑަންގެ އެ ފަތުރުވެރިޔާ ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ އެ ރަށު ކައުންސިލުން ހޮސްޕިޓަލާ ހަވާލާދީ ވަނީ ބުނެފައެވެ.