ވިޔަފާރި

ރާއްޖޭގެ ހަނދާނީ ނޫޓަށް ބޭރުގެ މަނީ ކަލެކްޓަރުންގެ ތަރުހީބު އޮހެނީ!

Aug 18, 2015
1

މަރުކަޒީ ބޭންކުން މިނިވަން 50 ގެ މުނާސަބަތުގައި ނެރުނު ހަނދާނީ ނޫޓަށް ބޭރުގެ މަނީ ކަލެކްޓަރުންނާއި ޓޫރިސްޓުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ މީޑިޔާ އެންޑް މާކެޓިން އަހުމަދު ފަޒާލް ވިދާޅުވީ ހަނދާނީ ނޫޓު އެއާޕޯޓް ޑިއުޓީ ފްރީގައި ބެހެއްޓުމާއެކު ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.

"ރާއްޖޭން ފުރާ ވަރަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ހަނދާނީ ނޫޓު ދަނީ ގަންނަމުން. ބޭރުގެ މަނީކަލެކްޓާސްގެ ފަރާތުންވެސް ބޮޑު ތަރުހީބެއް ލިބޭ. ގިނަބަޔަކު ނޫޓު ހޯދަން އުޅޭ،"  ފަޒާލް ވިދާޅުވި އެވެ.

މިނިވަން 50 ހަނދާނީ ނޫޓަށް ރާއްޖޭގެ މާޒީ އާއި މިއަދުގެ މަންޒަރު ސިފަވެ އެވެ. ނޫޓުގައި މީގެ ބައި ގަރުނު ކުރިން މާލޭގެ މޫނުމަތި އޮތާއި މިއަދު މާލޭގެ މަލަމައްޗަށް އައިސްފައިވާ ބޮޑު ބަދަލު ފެނެ އެވެ. އެ މަންޒަރު ކިޔައިދެ އެވެ. އަދި ނޫޓުގެ އަނެއް ފަރާތުގައިވާ ކުރެހުންތަކުން ރަމްޒު ކޮށްދެނީ ރާއްޖޭގެ މިނިވަންކަން ލިބުމުގެ އެއްބަސްވުމުގައި 26 ޖުލައި 1965 ގައި ސޮއިކުރި މާހައުލެވެ. އެ މާހައުލުގެ ސުލްހަވެރި ކަމެވެ. މީގެ އިތުރުން ނޫޓުގެ މެދުގައިވާ ކުރެހުމުން ދައްކުވައިދެނީ ދިވެހިންގެ އަމިއްލަ ވަންތަކަމާއި އިސްލާމީ އާދަކާދަ އާއި ދިވެހިންގެ މުއްސަނދި ތަރިކަ އެވެ.

ފަޒާލް ވިދާޅުވީ އެމްއެމްއޭ އިން މިހާރު ތައްޔާރުވަމުން ދަނީ ހަނދާނީ ނޫޓު ރިސޯޓުތަކުގައި ވިއްކުމަށް ކަމަށެވެ.

"ނޫޓަށް ވަރަށް ރަނގަޅު ތަރުހީބެއް ލިބޭ. ހަމައެކަނި ބޭރު މީހުންނެއް ނޫން. ދިވެހިންގެ ތަރުހީބު ވެސް ބޮޑު،" ފަޒާލް ވިދާޅުވި އެވެ.