ކުޅިވަރު

ރައީސްގެ އިނާމު ފައިސަލަކަށް ނުލިބުނު

ގައުމަށް ރީތި ނަން ހޯދައިދޭ އެކި ފަރާތްތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާ މަތީ ދަރަޖައިގެ ހާއްސަ އިނާމު 39 ފަރާތަކަށް ރޭ ދެއްވި އެވެ. ވަކިވަކި ފަރުދުންނަށް ހާއްސަ އިނާމު ލިބުނު އެންމެ މުހިންމު ކެޓަގަރީއަކީ ބައިނަލްއަޤްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުންނާއި ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވައިގެން ލިބުނު ހާއްސަ އިނާމުގެ ކެޓަގަރީ އެވެ.

ދެކުނު އޭޝިއާ އާއި މި ސަރަހައްދުން ބޭރުން އެކި މުބާރާތްތަކުންނާއި މައުރަޒުތަކުން އެންމެ މަތީ ވަނަ ނުވަތަ އެންމެ މޮޅު މަގާމު ހޯދުމުން ހަތް ފަރާތަކަށް ރޭ އިނާމު ލިބިގެން ދިޔަ އެވެ. ނަމަވެސް މިދިޔަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ގައުމީ ޓީމުގެ ގޯލް ކީޕަރު މުހައްމަދު ފައިސަލަށް ރޭ އިނާމެއް ނުލިބުނެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ކީޕަރަކު ހޯދުމަކީ އުނދަގޫ ވެސް ކަމެކެވެ. ކީޕަރަކަށް ވުރެ ފީލްޑް ކުޅުންތެރިޔަކަށް މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުން އޮންނަނީ ފަސޭހަ ކަމެއްގެ ގޮތުގަ އެވެ. ސަ ސާފް ޗެމްޕިއަންޝިޕްގެ 26 އަހަރުވީ ތާރީހުގައި ކީޕަރަކަށް މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނީ ތިން ފަހަރު އެވެ. އެއީ 2009 ވަނަ އަހަރު އެވޯޑް ހޯދި އިންޑިއާގެ ކުރީގެ ކީޕަރު އަރިންދަމް ބަޓްޗާރިޔާ އާއި 2013 ވަނަ އަހަރު އަފްގާނިސްތާންގެ އޭރުގެ ކީޕަރު މަންސޫރު ފަގިޔާރެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި، ވާދަ ކުރި ކީޕަރުންގެ ތެރެއިން، އެންމެ ގިނަ ސޭވް ކުރި ކީޕަރަކީ ފައިސަލެވެ. ވަންޓު ވަން ޑައިރެކްޓް ހަމަލާތަކުގައި ވެސް ފައިސަލް ފެނުނީ ވަރަށް ހުޝިޔާރު ކަމާއެކު ޓީމު ސަލާމަތް ކޮށްދިންތަނެވެ. މުބާރާތް ރާއްޖެއަށް ކާމިޔާބު ކޮށްދިނުމަށްޓަކައި އޭނާ ވަނީ އުނދަގޫ ދަނޑިވަޅުތަކުގައި ނުރައްކާތެރި ސޭވްތަކެއް ކޮށްފަ އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ކުޅެނީ، ގޯލްކީޕަރާއި ދިފާއީ ފަރާ ދެމެދު ބޮޑު ޖާގައެއް ދީގެންނެވެ. ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް އޭރު ބުނީ އެގޮތަށް ގޭމް އަތުރާލީ ފައިސަލްއާ މެދު އޮންނަ އިތުބާރު ބޮޑު ކަމުން ކަމަށެވެ.

ކުޅިވަރު މުބާރާތުން ރަން ވަނަ ހޯދައިގެން ސާފް ޗެމްޕިއަންޝިޕް ހޯދި ޓީމުގެ ކުޅުންތެރިންނަށް އިނާމު ލިބުނެވެ. ފައިސަލްއަށް ވެސް ލިބުނީ މުޅި ޓީމަށް ލިބުނު އިނާމެވެ. އެހެން ނަމަވެސް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމުން ފައިސަލްއަށް އިނާމެއް ނުލިބުނެވެ.

ދެން އެވޯޑް ލިބުނީ އިންޑިއަން އޯޝަން އައލެންޑް ގޭމްސްގެ ޓޭބަލްޓެނިސްގެ ޓީމު އިވެންޓުން ރަން މެޑަލް ހޯދި ރާއްޖޭގެ އަންހެން ޓީޓީ ޓީމަށާއި ޑަބަލްސް ކެޓަގަރީން ރަން މެޑަލް ހޯދި އައިޝާތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ އަށެވެ. ދީމާ އާއި ބެޑްމިންޓަން ކުޅުންތެރިޔާ އާމިނަތު ނަބީހާ އަށް ވަނީ ސިންގަލްސް ކެޓަގަރީން ރަން މެޑަލް ހޯދުމުން ހާއްސަ އިނާމު ލިބިފަ އެވެ.