ކުޅިވަރު

ބާކީ އެއް މެޗު އޮއްވައި ރާއްޖެ ފައިނަލަށް

ރާއްޖެއިން ކުޅުނު ތިން ވަނަ މެޗުގައި އަފްގާނިސްތާން ސީދާ ތިން ސެޓުން ބަލިކޮށް އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ފައިނަލުން ރާއްޖެ، ޖާގަ ކަށަވަރު ކޮށްފި އެވެ.

މިހާތަނަށް ކުޅުނު ހުރިހާ މެޗެއްވެސް ރާއްޖެއިން ކާމިޔާބު ކޮށް ފައިނަލުގެ ޖާގަ ދިވެހި ޓީމުން ޔަގީން ކުރީ ބާކީ އެއް މެޗު އޮއްވައެވެ. ލީގް އުސޫލުން ކުޅޭ ރައުންޑް ރޮބިން ބުރުގައި ރާއްޖޭގެ ފަހު މެޗުގައި ބުދަ ދުވަހު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.

މިއަދު ކުޅުނު މެޗުގެ ތިން ސެޓްވެސް ރާއްޖެއިން ކާމިޔާބު ކުރީ ފަސޭހަ ކަމާއެކު ބޮޑު ލީޑެއް ހޯދައިގެންނެވެ. އެއްވެސް ސެޓެއްގައި އަފްގާނިސްތާންގެ ކުޅުންތެރިންނަށް ދެ އަދަދާ ހަމައަށް ޕޮއިންޓް ހޯދިފައެއް ނުވެ އެވެ. ފުރަތަމަ ސެޓް ކާމިޔާބު ކުރީ، 25-6 ންނެވެ. ދެ ވަނަ ސެޓް ކާމިޔާބު ކުރީ 25-7 ންނެވެ. ތިން ވަނަ ސެޓް ކާމިޔާބު ކުރީ 25-8 ންނެވެ.

މިއީ ރާއްޖޭގެ އަންހެން ވޮލީބޯޅައިގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބެވެ.

މުބާރާތުގެ ފައިނަލުގެ ޖާގަ ލިބެނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށެވެ. ތިން ވަނަ ޓީމާއި ހަތަރު ވަނަ ޓީމު ވާދަ ކުރާނީ ތިން ވަނަ ހޮވާ މެޗުގައެވެ.