ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ގުރޫޕް އޭ ގައި ބުރާސްފަތި ދުވަހު ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް، މާލެ އައި ފިލިޕީންސް ޓީމު ބިނާ ކޮށްފައި ވަނީ ޔޫރަޕްގެ ކުޅުންތެރިންނާއެކު އެވެ. އަދި ދުނިޔޭގެ އެންމެ ވާދަވެރި ލީގް، ޕްރިމިއާ ލީގްގެ ތަޖުރިބާހުރި ކުޅުންތެރިޔަކުވެސް ފިލިޕީންސް ޓީމުގައި ހިމެނެ އެވެ.
ފިލިޕީންސްގެ ގޯލްކީޕަރު ނީލް އެތުރިޖް އަކީ މިދިޔަ އަހަރު ޕްރިމިއާ ލީގްގައި ވާދަ ކުރި ކާޑިފް ސިޓީގެ ގޯލްކީޕަރެވެ. އަދި ކުރިން ޕްރިމިއާ ލީގްގައި ވާދަކުރި ފުލަހަމްގައި ވެސް އޭނާ ހިމެނުނެވެ. އެތުރިޖްގެ އަސްލު ނިސްބަތް ވަނީ އިންގްލެންޑަށެވެ. އިންގްލެންޑްގެ 16 އަހަރުން ދަށުގެ ގައުމީ ޓީމުގައި ވެސް އޭނާ ހިމެނުނެވެ.
ފިލިޕީންސްގެ ގައުމީ ޓީމަށް އޭނާ ކުޅެނީ ނެޗުރަލައިޒް އުސޫލުންނެވެ. ފުޓްބޯޅައިގައި ނެޗުރަލައިޒްކޮށްގެން ނިސްބަތްވާ ގައުމުގެ ބަދަލުގައި އެހެން ގައުމެއްގެ ގައުމީ ޓީމަށް ކުޅުމަކީ ކުޅުންތެރިޔާއަށް އޮންނަ އިހްތިޔާރެކެވެ. ނެޗްރަލައިޒް އުސޫލުން ފިލިޕީންސްގެ ގައުމީ ޓީމަށް ކުޅެމުން ދަނީ އޭނާ އެކަންޏެއް ނޫނެނެވެ.
ފިލިޕީންސް ޓީމުގެ ފޯވަޑުން
- ޕެޓްރިކް ރައިކޭލްޓް - ޖަރުމަން
- ހޯސޭ އެލްމާ ޕޮޓޭރިއާ - އެމެރިކާ
- މާކް ހާޓްމަން - އިންގްލެންޑް
- ކާޓް ޑިޒޮން - އިންގްލެންޑް
ފިލިޕީންސްގެ މުޅި ސްކޮޑު ބިނާ ކޮށްފައި ވަނީ ނެޗްރަލައިޒް އުސޫލުން އެހެން ގައުމުތަކުގެ ކުޅުންތެރިންނަށް ފިލިޕީންސްގެ ގައުމީ ޓީމުން ފުރުސަތު ދީގެންނެވެ. އެ އުސޫލުން ގައުމީ ޓީމުން ފުރުސަތު ދީފައިވާ އެންމެ ފާހަގަ ކުރެވޭ ކުޅުންތެރިންގެ ތެރޭގައި ކުރިން ޖަރުމަންގެ 18 އަހަރުން ދަށް، 19 އަހަރުން ދަށް، އަދި 21 އަހަރުން ދަށުގެ ގައުމީ ޓީމަށްވެސް ކުޅުނު ސްޓެފާން ޝުރޯކް ފާހަގަ ކޮށްލެވެ އެވެ. އޭނާ ވަނީ ޖަރުމަންގެ މަޝްހޫރު ދެ ކުލަބު ކަމަށްވާ އެންޓްރެކްޓް ފްރޭންކްފާޓް އަދި ހޮފެންހަމްއަށް ވެސް ކުޅެފަ އެވެ.
ފިލިޕީންސް ޓީމުގެ މިޑްފީލްޑަރުން
- ޖޯން ޕެޓްރިކް ސްޓާސް - ޖަރުމަން
- ސްޓެފާން ޝުރޯކް - ޖަރުމަން
- އިއާން ރަމްސީ - އޮސްޓްރޭލިއާ
- މައިކް ރިގޮބާޓް އޮޓް - ޖަރުމަން
- އެންހަލް ގިރާޑޯ - ސްޕެއިން
- ޔުރިކް ގެލަންޓޭސް - ސްކޮޓްލޭންޑް / ފިލިޕީންސް
ފިލިޕީންސް ޓީމުގެ ދެ ވަނަ ގޯލްކީޕަރު މައިކަލް ފެލްކެސްގާޑް އަކީ ޑެންމާކަށް ނިސްބަތްވާ ކުޅުންތެރިޔެކެވެ. ޑެންމާކުގެ ޔޫތު ސިސްޓަމްގެ ތެރެއިން އައިސް އޭނާ ވަނީ ޑެންމާކުގެ 18، 19 އަދި 20 އަހަރުން ދަށުގެ ގައުމީ ޓީމުތަކަށް ކުޅެފަ އެވެ. އެ ޓީމުގެ ޒުވާން ޑިފެންޑަރު މިކޭލް ޖަސްޓިން ބާސް އުޅެ ބޮޑުވީ ނެދާލޭންޑްސްގަ އެވެ. އޭނާ ކުޅެމުން ދަނީ ޔޫރަޕްގެ އެންމެ ވަރުގަދަ 10 ލީގްގެ ތެރޭގައި ހިމެނޭ ޑަޗްލީގްގެ އޭޒެޑް އަކްލަމާ އަށެވެ. ހޮލެންޑްގެ 15 އަހަރުން ދަށުގެ ޓީމަށް އޭނާ ވަނީ ކުޅެފަ އެވެ.
ފިލިޕީންސްގެ ޑިފެންޑަރު
- ލޫކް ވުޑްލޭންޑް - އިންގްލެންޑް
- މާޓިން ސްޓިއުބަލް - ސްވިޒަލޭންޑް
- އެޑިސަން ސްވާޓީ މޯޑަލް - ނޯވޭ
- އަލްވާރޯ ސިލްވާ - ސްޕެއިން
- މާޓިން ސްޓިއުބަލް - ސްވިޒަލޭންޑް
- ޑައިސްކީ ސަޓޯ - ފިލިޕީންސް / ޖަޕާން
- ޝޯން ޕެޓްރިކް ކޭން - ފިލިޕީންސް
- މިކޭލް ޖަސްޓިން ބާސް - ފިލިޕީންސް ، ނެދަލޭންޑްސް
- މާކޯ ކެސަމްބާ - ފިލިޕީންސް
- އަމާނީ އަގިނާލްޑޯ - ފިލިޕީންސް
ފިލިޕީންސްގެ އަނެއް ޑިފެންޑަރު ލޫކް ވުޑްލޭންޑް އަކީ އިންގްލެންޑްގެ ކުޅުންތެރިޔެކެވެ. އިނގިރޭސި ކުލަބު ބޯލްޓަން ވޮންޑާސް އަށް ކުޅުނު ވުޑްލޭންޑް ވަނީ އިންގްލެންޑްގެ 16، 17 އަދި 18 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފަ އެވެ. ޓީމުގެ ކަނާތު ބެކް އެޑިސަން ސްވާޓީ އަކީ ނޯވޭގެ ކުޅުންތެރިޔެކެވެ. އޭނާ ވަނީ ނޯވޭގެ 19 އަހަރުން ދަށުގެ ޓީމަށް ކުޅެފަ އެވެ.
އެ ޓީމުން ދެން އެންމެ ފާހަގަ ކުރެވޭ ކުޅުންތެރިޔަކީ އެތުލެޓިކޯ މެޑްރިޑްގެ ޔޫތު ސިސްޓަމްގެ ތެރެއިން އައިސް އެ ޓީމުގެ ބީ ޓީމަށާއި ލެވަންޓޭގެ ބީ ޓީމަށް ކުޅުނު ސްޕެއިންގެ އެންހަލް ގިރާޑޯ އެވެ. އޭނާ ވަނީ ސްޕެއިންގެ ތިން ވަނަ ޑިވިޝަން ގައި މިހާރު ކުޅެމުން އަންނަ ކޯޑަބާ އެފްސީއަށްވެސް ކުޅެފަ އެވެ. ފިލިޕީންސްގެ މިޑްފީލްޑާ ޖޯން ޕެޓްރިކް ސްޓާރސް އަކީ ޖަރުމަނަށް ނިސްބަތްވާ ކުޅުންތެރިޔެކެވެ. އޭނާ މިހާރު ކުޅެމުން އަންނަނީ ޖަރުމަންގެ ދެ ވަނަ ޑިވިޝަންގަ އެވެ.
ފިލިޕީންސް ޓީމުގެ ގޯލްކީޕަރުން
- މައިކަލް ފެލްކެސްގާޑް - ޑެންމާކު
- ނީލް އެރިޖް - އިންގްލެންޑް
- ޕެޓްރިކް ޑޭޓޯ - ފިލިޕީންސް
ޔޫރަޕްގެ ކުޅުންތެރިންގެ އިތުރުން އެހެން ސަރަހައްދުތަކުން ވެސްފިލިޕީންސްގެ ގައުމީ ޓީމަށް އިމްޕޯޓް ކުރެ އެވެ. އެ ކުޅުންތެރިންނަކީ އެގައުމުގެ މަޝްހޫރު ކުލަބުތަކުގެ ޔޫތު ސިސްޓަމްގެ ތެރެއިން އުފެދިގެން އައި ކުޅުންތެރިންނެވެ. ޓީމުގެ ފޯވަޑް ހޯސޭ އެލްމާ ޕޮޓޭރިއާ އަކީ އެމެރިކާއަށް ނިސްބަތްވާ ކުޅުންތެރިޔެކެވެ. އޭނާ ވަނީ އެމެރިކާގެ ޑީސީ ޔުނައިޓަޑްގެ ޔޫތު ރޭންކުގައި ކުޅެފަ އެވެ. މިޑްފީލްޑާ އިއާން ރަމްސީ ނިސްބަތްވަނީ އޮސްޓްރޭލިއާ އަށެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ އެންމެ ވަރުގަދަ ކުލަބު ސިޑްނީ އެފްސީގެ ޔޫތު ޓީމަށް ކުޅެފަ އެވެ. ޔޫރަޕަށް ނިސްބަތްވާ އެހެން ކުޅުންތެރިންނަށް ބަލާއިރު ސްވިޒަލޭންޑްގެ މާޓިން ސްޓިއުބަލް ވަނީ ޒިޔުރިކްގެ ޔޫތު ޓީމުތަކަށް ކުޅެފަ އެވެ. މިޑްފީލްޑާ ޔުރިކް ގެލަންޓޭސް ފިލިޕީންސްގެ ގައުމީ ޓީމަށް ދިޔައީ ސްކޮޓްލޭންޑްގެ ޔޫތު ކުލަބުތަކަށް ކުޅެފަ އެވެ. ޓީމުގެ ޑިފެންޑަރު އަލްވާރޯ ސިލްވާ އަކީ ސްޕެއިންއަށް ނިސްބަތްވާ ކުޅުންތެރިޔކެވެ. ސްޕެއިންގެ މަލާގާގެ ޔޫތު ޓީމަށް ކުޅުނެވެ.
ނެޗުރަލައިޒޭޝަންގެ އުސޫލުން ފިލިޕީންސުން ބިނާ ކުރި ޓީމުން ވަނީ ބޮޑެތި ކުރި އެރުންތަކެއް ހޯދާފަ އެވެ. މި ގުރޫޕްގައި ހިމެނޭ ވަރުގަދަ ޗައިނާގެ އާ އެއްވަރު ކުރި އެވެ. މި އަހަރުގެ އޭޝިއަން ކަޕްގައި އުރުދުން އާއި އޮސްޓްރޭލިއާ އަދި ސީރިއާ ހިމެނޭ ގުރޫޕްގެ ތިން ވަނަ ހޯދި އެވެ. ޔޫރަޕްގެ ދަށް ޑިވިޝަންތަކުގައި ކުޅޭ ކުޅުންތެރިންނަށް އަމާޒުކޮށްގެން އެ ކުޅުންތެރިން ފިލިޕީންސްގެ ގައުމީ ޓީމަށް ކުޅުވުމަށް އެ ގައުމުން މަސައްކަތް ކުރެ އެވެ. ކުރިން ބަޔާން މިޔުނިކްގެ ޔޫތު ޓީމަށް ކުޅުނު ރަފޭލް އޮބާމަޔާ އަށްވެސް ފިލިޕީންސްގެ ގައުމީ ޓީމަށް ކުޅެން އެ ގައުމުން މިއަހަރު ހުށަހެޅި އެވެ. އެހެންނަމަވެސް އޭނާ އެއްބަސްނުވުމުން އެކަން ނާކާމިޔާބު ވީ އެވެ.