ސައިންސް

އާ ޕްލެނެޓެއް ހޯދަން އިންޑިއާ ތައްޔާރުވަނީ!

Nov 12, 2019
3

އިންޑިއާއިން މިއަހަރު ހަނދަށް ދާން ކުރި މަސައްކަތް ނާކާމިޔާބުވުމުން ދުނިޔޭގެ ގައުމުތަކުން އިންޑިއާއަށް ހިތްވަރު ދިން ނަމަވެސް އިންޑިއާގެ ޖައްވީ އިދާރާ އިންޑިއަން ސްޕޭސް ރިސާޗް ސެންޓާ (އިސްރޯ) އިން ދެކޭ ގޮތުގައި ހަނދަށް ދިޔުމުގެ މިޝަން ފެއިލްވުމަކީ އެމީހުން ކުރިމަތިލާން ޖެހުނު ބޮޑު ލަދެކެވެ. ހާއްސަކޮށް ދެ ފަހަރެއްގެ މަތިން ހަނދަށް ދިޔުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. މިކަމުން އަރައިގަތުމުގެ ބޭނުމުގައި އިސްރޯއިން ވަނީ އެ ދުވަސްވަރު އެކި ވާހަކަތަށް ދައްކާފަ އެވެ. އެގޮތުން މާސްއަށް އުޅަނދެއް ފޮނުވާނެ ކަމަށް ވަނީ ބުނެފަ އެވެ. އެކަމަކު މިއީ އިސްރޯގެ ގާބިލްކަމާމެދު ބަލާއިރު އަދި އެކަނިމާއެކަނި ކުރެވޭނެ ކަމެއް ނޫނެވެ.

ދެހާސް އަށާރަ ވަނަ އަހަރު ނޯބަލް އިނާމު ވަނީ އާ ޕްލެނެޓުތަކާއި ދުރު ޕްލެނެޓުތައް ހޯދި ސައިންސްވެރިންނަށް ލިބިފަ އެވެ. މިއާއެކު އެމީހުން މަސައްކަތް ކުރަމުންދާ ޖައްވީ އިދާރާތަކުގެ މަގުބޫލުކަން އިތުރުވެ، ބައިނަލްއަގްވާމީ މުޖްތަމައުގައި ގޮތް ނިންމޭ ހިސާބަށް ދިޔަ އެވެ.

ހަނދުގެ މިޝަން ފެއިލްވިތާ އަދި ގިނަ ދުވަސްތަކެއް ނުވަނީސް އިސްރޯއިން ވެސް މިވަނީ ޕްލެނެޓް ހޯދުމަށް ބޭނުންކުރާ ސްޕޭސް ކްރާޕްޓެއް ޖައްވަށް ފޮނުވަން ތައްޔާރުކޮށްފަ އެވެ. މިއީ އިސްރޯއިން މަގުބޫލުވުމުގެ ބޭނުމުގައި ކުރަމުންދާ ކަމެއް ކަމަށް މިހާރު ގިނަ ބަޔަކު ބުނެ އެވެ.

ނަމަވެސް ޕްލެނެޓް ހޯދުމުގެ ގޮތުން އިސްރޯއިން ތައްޔާރުކޮށްފައިވާ ސްޕޭސް ކްރާފްޓުގެ ގާބިލްކަމާމެދު އެހެނިހެން ޖައްވީ އިދާރާތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. ސަބަބަކީ އިންޑިއާއިން ހަނދަށް ދިޔުމުގެ ބޭނުމުގައި ކުރިއަށްދިޔަ ދެ ސްޕޭސް ކްރާފްޓު ވެސް ޓެކްނިކަލް މައްސަލަތަކާ ކުރިމަތިވެ މިޝަން ފެއިލްވެފައިވާތީ އެވެ. ޖައްވީ ހޯދުންތަކުގައި ޓެކްނިކަލް މައްސަލަތައް ދިމާވުމަކީ އެ އިދާރާރެއްގެ ގާބިލްކަމުގެ މައްޗަށް ސުވާލު އުފައްދަން ހުޅުވިގެންދާ ފުރުސަތެކެވެ.

އިންޑިއާއިން މިހާރު ވެސް ގެންދަނީ ވީނަސްއާ ބެހޭ މައުލޫމާތުގެ އެއްކުރަމުންނެވެ. އެކަން ކުރަން ފެށީ އެމެރިކާއިން ވީނަސް ދިރާސާ ކުރަން ނިންމިތާ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ. އިސްރޯގެ ސައިންސްވެރިން މައުލޫމާތު ދޭ ގޮތުގައި އެ އިދާރާގެ ސްޕޭސް ކްރާފްޓު ހަރަކާތްތެރިވާނީ ވީނަސް ކައިރީގަ އެވެ. އެމީހުންގެ ދިރާސާ އެއްގައި ވީނަސް ކައިރީގައި ބާރުގަދަ ޓެލެސްކޯޕެއް ބާއްވައިފިނަމަ އެހެން ޕްލެނެޓެއް ފެނިދާނެ ކަމަށް ބުނެ އެވެ. އެހެން ނަމަވެސް އިންޑިއާ ސަރުކާރުން މި ސްޕޭސްކްރާފުޓް އުދުއްސާލުމުގެ ހުއްދަ އަދި ނުދެ އެވެ.

ސްޕޭސް ކްރާޕްޓު ޖައްވަށް ދަތުރު ކުރާއިރު ގިނަ އަދަދެއްގެ އެހެނިހެން ކުދި ޖައްވީ ހޯދުންތަކަށް ބޭނުންކުރާ ތަކެތި ވެސް ގެންދާނެ އެވެ. މިތަކެތީގެ މައިގަނޑު ބޭނުމަކަށް ވާނީ ވީނަސްގެ ބޭރު ސަތަހަ ދިރާސާ ކުރުމެވެ. އަދި ވީނަސް އިން އަލިފާން ފަރުބަދައެއް ފެނޭތޯ ހޯދުމެވެ.