ފަހުގެ ތާރީހެއްގައި ޖައްވީ ކަންކަމުގައި އިންޑިއާއަށް ދިމާވި އެންމެ ބޮޑު ލަދުވެތި ކަމަކީ އިންޑިއާގެ ޖައްވީ އިދާރާ އިންޑިއަން ސްޕޭސް ރިސާޗް ސެންޓާ (އިސްރޯ) އިން ހަނދަށް ފޮނުވާލި ޖައްވީ އުޅަނދު ޗަންދުރަޔާން 2 ކަށް ދިމާވި ޓެކްނިކަލް މައްސަލަތަކަކާ ހެދި މިޝަން ފޭލި ވުމެވެ. އިސްރޯއިން ދެކޭ ގޮތުގައި އެއީ ވަރަށް ލަދުވެތި ކަމެކެވެ. އެއަށްވުރެ ބޮޑަށް އިސްރޯއިން ލަދު ގަތީ ޓެކްނިކަލް މައްސަލަތެއް ދިމާވެގެން ވެއްޓުނު ޗަންދްރަޔާން 2 ލޮކޭޓް ކުރުމަށް ކުރި މަސައްކަތް ނާކާމިޔާބު ވުމެވެ. އެކަން ވެސް ކުރަން ޖެހުނީ އެހެން ގައުމެއްގެ އެހީގަ އެވެ.
އަހަރުތަކެއް ވަންދެން ބޮޑެތި ޖައްވީ މިޝަންތައް މެދު ކެނޑިފައި ވަނިކޮށް 2020 އަހަރާއި 2021 އަށް ގައުމުތަކުން މިވަނީ ބޮޑެތި ޖައްވީ މިޝަންތަށް ކުރިއަށް ގެންދަން ނިންމާފަ އެވެ. މިޝަންތަކުގެ ތެރޭގައި ހަނދަށް ދިއުމާއި މާސްއަށް ދިއުން ހިމެނެ އެވެ. ހަނދަށާއި މާސް، އެ ދެ ތަނަަށް ދާން ބޭނުންވާ ގައުމުތަށް ވެސް ވެއެވެ.
މި ރޭހުގައި ބައިވެރިވާ ގައުމުތަށް ގިނަ އެވެ. އަލަށް ވާދަކުރާ ގައުމުތަށް ވެސް ހިމެނެ އެވެ. ހަމައާއެކު ކުއްލިއަށް ރޭހުގެ ތެރެއަށް ވަން ގައުމެއް ވެސް ހިމެނެ އެވެ. އެހެން ކަމުން މި ދެ އަހަރު ވެގެންދާނީ ގައުމުތަކުގެ ޖައްވީ އިދާރާތަކުގެ ފެންވަރު އެނގިގެންދާނެ އަހަރުތަކަށެވެ. އިތުބާރު ގެއްލެމުންދާ އިންޑިއާގެ ޖައްވީ އިދާރާ އިސްރޯއިން ވެސް އަނެއްކާވެސް ވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު އަލުން ހަނދަށް ދިޔުމުގެ މަސައްކަތް ކުރާނެ ކަމަށް އިއުލާން އެވެ.
އިސްރޯއިން 2020 ގައި ހަނދަށް ފޮނުވާލަން ނިންމާފައި ވަނީ ޗަންދުރާޔަން 3 އެކެވެ. އިސްރޯއިން މިހާރު ވެސް ގެންދަނީ އެ އުޅަނދު ބަނުމުގެ މަސައްކަތް ކުރަމުންނެވެ. އަލުން ހަނދަށް ދާން އިސްރޯއިން ނިންމާފައި ވަނީ މިދިޔަ އޮކްޓޫބަރު ކުރިއަށް ދިޔަ ބައްދަލުވުންތަކެއްގެ ތެރެއިންނެވެ. ޗަންދުރާޔަން 2 ހަނދަށް ފޮނުވާލުމުގެ ކުރިން އިސްރޯގެ ސައިންސްވެރިން ބުނެފައިވަނީ މިޝަން ފޭލި ވުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށެވެ. މި ފަހަރު ވެސް ބުނަމުންދަނީ ހަމަ އެހެންނެވެ. ޗަންދުރާޔަން 2 ކަަށް ޓެކްނިކަލް މައްސަލައެއް ދިމާވީ ހަނދަށް ލޭންޑް ކުރަން ދިޔަ ވަގުތު ކޮންޓްރޯލް ރޫމުގެ މުވައްޒިފުންގެ ފަރުވާ ކުޑަކަމުން ކަމަށް އިސްރޯއިން ވަނީ ބުނެފަ އެވެ.
ވިހި ވިހީގެ މިޝަނަށް ވަމުންދާ ތައްޔާރީތަކުގެ މައުލޫމާތު އިސްރޯއިން ވަނީ ހާމަކޮށްފަ އެވެ. ބުނަނީ ޗަންދުރާޔަން 3 ބަނުމުގެ މަސައްކަތް ކުރަމުންދަނީ ޖައްވީ އިދާރާއިން އަލަށް އުފެއްދި ޓެކްނޮލޮޖީއެއްގެ ބޭނުން ހިފައިގެން ކަމަށެވެ. އަދި އޮޅުން އަރާފަދަ އެއްވެސް ޓެކްނޮލޮޖީއެއް ބޭނުން ނުކުރަން ވެސް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން އުޅަނދު ލޭންޑު ކުރަން ހަމަޖެހިފައިވާ ހަނދުގެ ސަރަހައްދުގެ މަޝްވަރާތައް ވެސް ވަނީ ފަށާފަ އެވެ.
ޗަންދުރާޔަން 3 ސިފަތަކަށް ބަލާއިރު، މި އުޅަނދުގެ ލޭންޑިން ލެގްސް އިންޑިއާއިން މީގެ ކުރިން ހަނދަށް ފޮނުވާލި އުޅަނދުތަކަށް ވުރެ ވަރުގަދަވާނެ އެވެ. އެއީ ދިމާވެދާނެ ޓެކްނިކަލް މައްސަލައަކުން އަރައިގަތުމުގެ ބޭނުމުގަ އެވެ. މި އުޅަނދުގައި ފިއުލް ރައްކާކުރާނެ ޓޭންކަރެއް ވެސް ހިމަނާނެ އެވެ.