ސައިންސް

ޗާންދްރަޔާން 2 ގެ ބައިތައް ހޯދައިފި

Dec 4, 2019
1

ޖައްވީ ރޭހުގައި ކުރިއަރާފައިވާ ގައުމުތަކާ އެއް ހަމައަށް ދާން އިންޑިއާގެ ޖައްވީ އިދާރާ، އިންޑިއަން ސްޕޭސް ރިސާޗް އޯގަނިޒޭޝަން (އިސްރޯ) އިން މި އަހަރުގެ ޖުލައި 22 ވަނަ ދުވަހު ހަނދަށް ފޮނުވާލި ޖައްވީ އުޅަނދު ޗާންދްރަޔާން 2 ހަނދަށް ޖައްސަން އުޅުނު މިޝަން ވަނީ ނާކަމިޔާބުވެފަ އެވެ. އެއީ ވަރަށް ބޮޑު ނާކާމިޔާބީ އެކެވެ.

ނަމަވެސް ގައުމުތަކުން އިސްރޯއިން ކުރި މަސައްކަތަށް ތައުރީފުކޮށް ގުޅިގެން މަސައްކަތް ކުރުމުގެ ދައުވަތެއް ވަނީ ދީފަ އެވެ. އޭގެ ތެރޭގައި އިސްރޯގެ ވާދަވެރި އެމެރިކާގެ ޖައްވީ އިދާރާ ދަ ނޭޝަނަލް އެއިރޯނޮޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) ވެސް ހިމެނެ އެެވެ.

ހަނދުގެ ދެކުނު ތަނޑިއާވީ ހިސާބުގައި ޖައްވީ އުޅަނދެއް ޖައްސާ، ދިރާސާ ކުރާ ފުރަތަމަ ގައުމަށް ވުމުގެ ޝަރަފު ހޯދަން އިންޑިއާއިން ޖައްވަށް ފޮނުވި ޗާންދްރަޔާން 2 ގެ މިޝަން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ކުރިޔަށް ދިޔައީ މިޝަން ރާވާފައިވާ ގޮތަށެވެ. ނަމަވެސް ހަނދުގެ ސަތަހައާ 2.1 ކިލޯމީޓަރު ކައިރިން ދިވާމި މައްސަލަތަކާއި ގުޅިގެން އެ މިޝަން ނާކާމިޔާބު ވީ އެވެ.

އެއީ މޫން ކްރޭޝް ލޭންޑިން އެކެވެ. މި ލޭންޑިންއާއެކު ޗާންދްރަޔާން 2 ގެ ބައެއް ކަމަށްވާ "ވިކްރަމް" އުޅަނދުން ވަކިވެ ގެއްލުނެވެ. ވިކްރަމް ވެއްޓިފައިވަނީ ހަނދަށެވެ. ނަމަވެސ ވެއްޓިފައިވަނީ ހަނދުގެ ކޮން ތަނަކަށް ކަމެއް ނޭނގުނެވެ. ވިކްރަމް ހޯދުމުގެ މަސައްކަތް އިސްރޯއިން ކުރަމުން ދިޔަ ނަމަވެސް، އިސްރޯއަށް އެކަން ކުރެވިފައިނުވެ އެވެ. ނަމަވެސް ވިކްރަމް މިހާރު ވަނީ ފެނިފަ އެވެ.

ވިކްރަމް ހޯދާފައި ވަނީ ނާސާއިންނެވެ. ނާސާއަށް ވިކްރަމް ފެނިފައި ވަނީ އެ އިދާރާއިން ކުރިއަށް ގެންދާ "ނާސާ މޫން" މިޝަންގެ ތެރެއިން ވިކްރަމް ވެއްޓުނު ސަރަހައްދުތަކުގެ ސެޓްލައިޓް ފޮޓޯ ދިރާސާ ކުރަމުން ދަނިކޮށެވެ. ނާސާއިން ބުނި ގޮތުގައި ހަނދުން ވިކްރަމް ފެނިފައިވަނީ އިންޑިއާ ރައްޔިތަކަށެވެ. ނާސާއިން މިހާރު ވަނީ ވިކްރަމް ހޯދުމުގެ ހުރިހާ ކްރެޑިޓެއް ނާސާގައި މަސައްކަތް ކުރާ އިންޑިއާގެ އިންޖީނެރަށް ކަމަށްވާ ޝަންމުގާ ސުބްރަމާނިއަން އަށެވެ. އޭނާ ވަނީ ނާސާގެ ފޮޓޯއެއް ވަރަށް ބޮޑަށް ދިރާސާކޮށް ޖައްވީ އުޅަނދުގެ ބައިތައް ފާހަގަ ކޮށްފަ އެވެ. އެތިކޮޅުތައް ފާހަގަ ކޮށްފައި ވަނީ ޖައްވީ އުޅަނދު ހަނދަށް ވެއްޓުނު ސަރަހައްދުގެ ހުޅަނގު އުތުރުން 750 މީޓަރު ދުރުންނެވެ.

ވިކްރަމް ހަނދަށް ލޭންޑުކުރި ތަނުގެ ސެޓްލައިޓު ފޮޓޯ ނާސާގެ ޖައްވީ އިދާރާއަކުން ވަނީ ސެޕްޓެމްބަރު މަހު ނަގައިފަ އެވެ. މި ފޮޓޯތަށް ނަގާފައިވަނީ އިރާކޮޅޫ އަދިރީގައި ކަމަށްވާތީ ހަނދުގައި ވިކްރަމް އޮތްކަން އޭރު ފާހަގަ ކުރެވިފައިނުވެ އެވެ. ޗަންދްރަޔާން 1 އަދި ޗަންދްރަޔާން 2 މިޝަން ފެއިލްވުމުން އިސްރޯއިން މިހާރު ތައްޔާރުވަމުންދަނީ ޗަންދްރަޔާން 3 ގެ މިޝަނަށެވެ.