ރިތިކް ރޯޝަން

ރިތިކް ދެކެ ލޯބިވާތީ އަންހެނުން މަރާލައިފި

ހަސަދަ އަކީ ފަނާކުރަނިވި ޖަޒުބާތެކެވެ. ވަރަށް ރަނގަޅު ގުޅުމެއްގައި ވެސް ހަސަދަ އަށް ޖާގަ ދެވިއްޖެނަމަ އެ ގުޅުމެއް ފަނާވެގެން ދިއުން އޮންނާތީ ވަރަށް ގާތުގަ އެވެ. އިންޑިއާ ނަސްލުގެ ފިރިހެނަކަށް ވެސް އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް ވައްޓާލެވުނީ ހަސަދައިގެ ސަބަބުންނެވެ.

ނިއުޔޯކް ސިޓީގައި ދިރިއުޅޭ އިންޑިއާގެ 33 އަހަރުގެ ދިނޭޝްވަރް ބުދިދަތު އާއި އޭނާގެ އަންހެނުން ޑޮނީ ޑޮޖޯއީ، 27، ގެ ކައިވެނީގައި ވެސް ޖެހުނު މައްސަލަ އަކީ ޑޮނީގެ ހިތުގައި ވަރަށް ޅަ އިރުއްސުރެ ބޮލިވުޑް ބަތަލު ރިތިކް ރޯޝަން އަށް އޮތް ލޯތްބެވެ.

ބުދިދަތު އާއި ޑޮނީ ކައިވެނި ކޮށްފައިވަނީ މިއަހަރުގެ ޖުލައި މަހު އެވެ. ކައިވެންޏަށްފަހު މި ދެމަފިރިންގެ މެދުގައި ޖެހެމުން ދިޔަ މައްސަލައަކީ ރިތިކް ދެކެ ޑޮނީ ލޯބިވާކަން އެނގިގެން އެކަމާ ހަސަދަވެރިވެގެން ޖެހެމުންދިޔަ މައްސަލަ އެވެ.
މިގޮތަށް ވީ އަރާރުމެއްގައި މިދިޔަ ބުދަ ދުވަހުގެ ރޭ ބުދިދަތު ވަނީ އޭނާގެ އަންހެނުން މަރާލާފަ އެވެ.

އަންހެނުން މަރާލުމަށްފަހު ބުދިދަތު އޭނާގެ އަންހެނުންގެ ކޮއްކޮއަށް ކުރި މެސެޖެއްގައި އެކަމަށް އިއުތިރާފުވެފައި ވެއެވެ.
ފަހުން ބުދިދަތު ވެސް ވަނި އަމިއްލައަށް މަރުވެފަ އެވެ. އޭނާ ޑޮނީ މަރާލީ އަނިޔާކުރާތީ ކޯޓުގައި މައްސަލަ ޖެއްސުމުން އަންހެނުން ހުންނަ ގެއަށް ނުދާން ކޯޓުން ބުދިދަތު އަށް އަމުރުކޮށްފައި ވަނިކޮށް އެގެއަށް ވަދެ އެވެ.