މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިދިޔަ އޮކްޓޫބަރު މަހު 927.61 މިލިއަން ރުފިޔާ ބަލައިގެންފި އެވެ.
މީރާއިން މިއަދު އާންމު ކުރި ތަފާސް ހިސާބުތައް ބުނާ ގޮތުން މިދިޔަ މަހު އެ އޮތޯރިޓީއަށް ބަލައިގެންފައި ވަނީ މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށްވުރެ 6.8 ޕަސެންޓް އިތުރު އަދަދެކެވެ. ނަމަވެސް މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ލިބުނު އާމްދަނީ އަށްވުރެ ދަށް އަދަދެެކެވެ.
ހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅައިބަލާއިރު، މި އަހަރުގެ އޮކްޓޫބަރު މަހު ޖީޖީއެސްޓީ، އާއި ޓީޖީއެސްޓީ އާއި ބީޕީޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ ފައިސާ ވަނީ މަދުވެފަ އެވެ.
މީރާއަށް ލިބިފައިވާ ޖުމްލަ އާމްދަނީ، ކުރީ އަހަރުގެ އޮކްޓޫބަރު މަހު ލިބުނު އާމްދަނީއަށްވުރެ ދަށްވެފައިވަނީ މިދިޔަ އަހަރު އޮކްޓޫބަރު މަހުގައި ލޭންޑް އެކިއުޒިޝަން ފީ އަދި ކޮންވަޝަން ފީ ގެ ގޮތުގައި ލިބިފައިވާ ފައިސާއަކީ ހަމައެކަނި އެ މުއްދަތުގައި ދައްކަންޖެހޭ ފައިސާއަކަށް ވާތީ އެވެ.
މިއަހަރު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ އިތުރަށް ފައިސާ ލިބިފައި ވަނީ އޮކްޓޫބަރު މަހުގެ ތެރޭ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ނުވާ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބެންޖެހޭ ބައެއް ފައިސާ ސުންގަޑި ހަމަވުމަށްފަހު ދެއްކުމުގެ ސަބަބުންނެވެ.
ހިސާބު ދައްކާގޮތުން މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ.
އެއީ ލިބުނު އާމްދަނީގެ 59.8 ޕަސެންޓް ނުވަތަ 554.88 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 8.5 ޕަސެންޓް ނުވަތަ 79.07 މިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 5.7 ޕަސެންޓް ނުވަތަ 53.03 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 51.12 މިލިއަން ރުފިޔާ، އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 50.37 މިލިއަން ރުފިޔާގެ އިތުރަށް އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 139.14 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި 35.4 މިލިއަން އެމެރިކާ ޑޮލަރު އާމްދަނީގެ ގޮތުގައި މިދިޔަ މަހު މީރާއަށް ވަނީ ބަލައިގަތެވެ.