އެމްއާރުއެމް

އެމްއާރުއެމްގެ ޖަލްސާގެ އަދަދު ހަމަ: އީސީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިޔާސީ ޕާޓީ، މޯލްޑިވްސް ރިޕޯމް މޫވްމަންޓް (އެމްއާރުއެމް) އުފައްދަން ބޭއްވި ޖަލްސާގައި ގާނޫނީ އަދަދު ހަމަކޮށްފައިވާ ކަމަށް އިލެކްޝަންސް (އީސީ) އިން ބުނެފި އެވެ.

އެ ކޮމިޝަނުން މިހެން ބުނެފައިވަނީ އެމްއާރުއެމްއިން ޖަލްސާ ބޭއްވީ ގާނޫނީ އަދަދު ހަމަނުކޮށް ކަމަށް ބުނެ ދެކެވޭ ވަހާކަތަކާ ގުޅިގެނެވެ. މިމަހުގެ އަށްވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއަށް ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހާޒިރުވަންދެން ޖަލްސާ ފެށުން ފަސް ކުރި އެވެ. ޖަލްސާ ފެށީ ކަނޑައަޅާފައިވާ ވަގުތަށްވުރެ ފަހުންނެވެ.

އީސީގެ އިސް ތަރްޖަމާން އަހުމަދު އަކްރަމް ވިދާޅުވީ އެމްއާރްއެމް އުފެއްދުމަށް ބޭއްވި ޖަލްސާ އިލެކްޝަންސް ކޮމިޝަނުން އޮބްޒާވްކުރި ކަމަށެވެ. އަދި އެ ޖަލްސާ ފަށާފައިވަނީ ޕާޓީއެއް އުފައްދަން ބާއްވާ ޖަލްސާގައި ހަމަވާންޖެހޭ ގާނޫނީ އަދަދު ކަމަށްވާ 300 މެންބަރުން ހާޒިރުވުމުން ކޮމިޝަންގެ އޮބްޒާވަރުންގެ ހުއްދަ ލިބިގެން ކަމަށެވެ.

އަކްރަމް ވިދާޅުވީ އެ ޖަލްސާގައި ކަންކަން ހިނގާފައިވަނީ ގާނޫނުތަކާއި އެއްގޮތަށް ކަމަށެވެ.