އަހުމަދު ސަލީމް (ރެޑްވޭވް)

އާންމުންގެ ޖީބަށް އިތުރު ނުވަންޏާ ބޮޑު ބަޖެޓްގެ ބޭނުމެއް ނެތް: ސަލީމް

އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް -- ފޮޓޯ: މަޖިލީސް
0%
0%
0%

އަހަރަކަށް ފަހު އަހަރަކު ދައުލަތުގެ ބަޖެޓް ބޮޑު ކުރާއިރު އެއިން އާންމު ދިވެހި ރައްޔިތުންގެ ޖީބަށް މަންފާއެއް ނުވާނަމަ އެ ކަން ކުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާ ކުރާ 37.5 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ އެއް އަހަރުން އަނެއް އަހަރަށް ދައުލަތް ހިންގުމުގެ ހަރަދުތަކާއި ދައުލަތުގެ ބަޖެޓް ދަނީ ބޮޑުވަމުން ކަމަށެވެ. އަދި އެއިން ރައްޔިތުންނަށްވާ ފައިދާއެއް ނުފެންނަ ކަމަށެވެ. އެހެންކަމަށްވާނަމަ ބަޖެޓް ބޮޑު ކުރަމުން ދިއުމުގެ ބޭނުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބަޖެޓް ބޮޑު ކިތަންމެ ކަމުގައި ވިޔަސް އަޅުގަނޑުމެންގެ ރައްޔިތުންގެ ޖީބަށް ބޮޑު ނުވާ ކަމަށް ވަންޏާ އެއިން ރައްޔިތުންނަށް ވާނެ އެއްވެސް ފައިދާއެއް ނެތް، ދައުލަތުގެ ބަޖެޓް ބޮޑުވާ ވަރަކަށް ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ވާން ޖެހޭނެ، އެހެން ނޫން ކަމަށް ވަންޏާ ބަޖެޓް ބޮޑު ކުރުމުގެ ބޭނުމެއް ނެތް،" ސަލީމް ވިދާޅުވި އެވެ.

މި އަހަރަކަށް ލަފާކޮށް މިދިޔަ ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ 30 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ އޭރުގައި ރާއްޖޭގެ ތަރީހުގައި މަޖިލީހަށް ހުށަހެޅުނު އެންމެ ބޮޑު ބަޖެޓެވެ. މި އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅީ އެއަށްވުރެ ބޮޑުކޮށް 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މި 37.5 ބިލިއަން ރުފިޔާގެ ބަޖެޓްގެ ތެރެއިން 20 ބިިލިއަނަށްވުރެ ގިނަ ރުފިޔާ ހިމަނާފައި ވަނީ ރިކަރެންޓް ހަރަދަށް ކަން ފާހަގަ ކުރައްވާ ސަލީމް ވިދާޅުވީ ދައުލަތުގެ ބަޖެޓް ބޮޑުވާއިރު ރިކަރެންޓް ހަރަދު އެ ބަޖެޓްގެ 60 ޕަސެންޓަށް އަރައިގެން ދިއުމަކީ ނުރައްކާތެރި ސިގްނަލެއް ކަމަށެވެ.

ފަރުނީޗަރު ވެސް ވިއްކާ މަޝްހޫރު ވިޔަފާރިވެރިޔާ ވިދާޅުވީ ދައުލަތުގެ އޮފީސްތަކުގައި އެކަށީގެން ނުވާ ބޭކާރު ހަރަދު އިތުރު ކަމަށާއި ކޮންމެ އަހަރަކު އޮފީސްތަކުގެ ގޮނޑި ބަރި އާ ކުރުމަކީ އާންމު ކަމެއް ކަމަށެވެ. ކުޑަ އަގެއްގައި ލިބެން ހުންނަ ތަކެތި ވެސް އެއަށްވުރެ ބޮޑު އަގުގައި ގަންނަ ކަމަށެވެ.

"އޮފީސްތަކުން އަބަދުވެސް އެކަށީގެންނުވާ ހަރަދު ކުރޭ، 300 ޑޮލަރަށް ގަންނަން ލިބެން ހުންނަ އެއްޗެއް ގަނެދާނެ 600 ޑޮލަރަށް ނޫނީ 900 ޑޮލަރަށް ވެސް ގަނެފާނެ، ދައުލަތުގެ ޑެފިސިޓް ފޫ ބެއްދުމަށްޓަކައި 300 މިލިއަން ރުފިޔާގެ ބަޖެޓެއް ލިބޭނެ ކަމަށް ބުނޭ،" ސަލީމް ވިދާޅުވި އެވެ.

އޭގެ އިތުރަށް އޭނާ ވިދާޅުވީ ދައުލަތުގެ އޮފީސްތަކުގެ ފަރާތުން މުވައްޒަފުން ކުރާ ދަތުރުތައް ވެސް ގިނަ ކަމަށާއި އެހެން ކަމުގެ ސަބަބުން އޮފީސްތަކުގެ ދަތުރުތަކަށް ކުރާ ހަރަދުތައް ވެސް އިތުރުވާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910