އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓު 25 ބިލިއަނަށް ކުޑަކުރަން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ގޮވާލައްވައިފި އެވެ.
ސަލީމް އެފަދައިން ގޮވާލެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔަ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.
ސަލީމް ވިދާޅުވީ ކޮވިޑުގެ ހާލަތުގައި ދަރަނި އިންތިހާއަށް މައްޗަށް ދިއުމުން ދެން މަސައްކަތް ކުރަަން ޖެހޭނީ ދަރަނި ކުޑަކުރަން ކަމަަށެވެ. އެހެން ނަމަވެސް އޭގެ ބަދަލުގައި ދަރަނި ކުރިން ހުރި މިންވަރުގައި ހިފަހައްޓައިގެން ކުރިއަށް ދިއުމަކީ ދައުލަަަތަށް އަދި ރައްޔިތުންނަށް ވެސް އުފުލޭނެ ބުރައެއް ނޫން ކަމަށެވެ.
ސަލީމް ފާހަގަކުރެއްވި ގޮތުގައި ކޮންމެ އަހަރަކުވެސް 14 ވަރަަކަށް ބިލިއަން ރުފިޔާ ދަރަނިވެރި ވެއެވެ. މިއީ ނުރައްކާތެރި މައްސަލައެއް ކަަމަށާއި ދައުލަތުގެ މަތީ ފަންތީގައި ތިބޭ މީހުންނަށް މީގެ އަސަރު ނުކުރިޔަސް އާންމު ރައްޔިތުންނަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާ ކަމަށެވެ.
ބަޖެޓުގެ ދަރަނި ބޮޑުވާ ވަަރަކަށް ޑޮލަރުގެ އަގު ބޮޑުވެ ތަކެތީ އަގު ވެސް އިންތިހާއަށް އުފުލިގެންދިއުމުގެ ކަންބޮޑުވުން ސަލީމް މިއަދު ފާޅުކުރެއްވި އެވެ.
"ބަޖެޓުގެ ދަރަނި ބޮޑުވެގެން ގޮސް ޑޮލަރުގެ އަގު ނުހިފޭއްޓިގެން މި އުޅެނީ. ޑޮލަރު ރާއްޖެއަށް ނުވަންނަކީ ނޫން. ޑޮލަރު ރާއްްޖެއަށް ބޭނުންވާ ވަރަށް އެބަ ވަދޭ. އެއީ ބޮޑު އަގުގައި ގަންނަން ވެއްޖިއްޔާ ފައިސާ އެބަ ލިބޭ ވިއްޔާ. ނުލިބިގެން އުޅޭކަށް ނުޖެހޭ. އެހެންވީމާ އަޅުގަނޑުމެން އެ ކަންތައްތައް ކުރިއަށް ދެވޭނީ ދައުލަތުގެ ދަރަނި އިންތިހާއަށް ކުޑަކޮށްގެން.
"އަޅުގަނޑު ގޮވާލަން ދައުލަތުގެ ބަޖެޓު 25 ބިލިއަނަށް ކުޑަކުރުމަށް. ކުޑަކޮށްފައި އަލުން ބަޖެޓު މި މަޖިލީހަށް ގެނައުމަށް." ސަލީމް ވިދާޅުވި އެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި މިއަދު މަޖިލީހަށް ހުށަހަޅާފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުން އަންނަ އަހަރު 34 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވާއިރު އޭގެތެރެއިން ރިކަރަންޓް ހަރަދުގެ ގޮތުގައި 24.8 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވެ އެވެ. އަންނަ އަހަރުގެ އާމްދަނީއަށް ބަލާއިރު ޓެކުހުގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން އެހެން ގޮތްގޮތުން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ ހަ ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން 2.9 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ވެސް ސަރުކާރުން ލަފާކުރެ އެވެ.