ޓެކްނޯލޮޖީ

ސްޕޭސް އެކްސް: ކުދި 60 ސެޓްލައިޓް ފޮނުވައިފި

Nov 13, 2019

އިންޓަނެޓުގެ ސްޕީޑް އަވަސް ހިދުމަތް ލިބުމަކީ އިންޓަނެޓް ބޭނުންކުރާ ހުރިހާ މީހުން ވެސް އެދޭ ކަމެކެވެ. ލޯޑު ނުވެގެން ފަސް ސިކުންތަށް މަޑު ކޮށްލަން ޖެހުމަކީ ވެސް ކެތްތެރިކަން ކޮޅުންލާ ކަމެކެވެ. މި ތުރާތަކަށް ނިމުން ގެނައުމުގެ ބޭނުމުގައި ޓެލެކޮމިއުނިކޭޝަން ކުންފުނިތަކުން ދަނީ ތަފާތު ޓެކްނެލޮޖީ ބޭނުން ކުރަމުންނެވެ. ޓޫޖީން ފެށިގެން މިހާރު މިވަނީ ފައިވް ޖީ އަށް ވެސް އައިސްފަ އެވެ. އެކަމަކު ވެސް އިންޓަނެޓް ފާސްޓެއް ނުވެއެވެ.

އިންޓަނެޓުގެ ސްޕީޑު އެ ނެޓްވޯކެއް ދޫކުރާ ސެޓްލައިޓާ ވެސް ގުޅިފައިވެ އެވެ. ޓެލެކޮމިއުނިކޭޝަން ކުންފުނިތަކުން އިންޓަނެޓުގެ ހިދުމަތް ދިނުމުގެ ގޮތުން ބޭނުންކުރާ ސެޓްލައިޓުތަކުން އެތަކަށް ގައުމަކަށް ހިދުމަތްދެ އެވެ. މުއާސަލާތީ ހިދުމަތްދޭ 750 ކުންފުނި ދުނިޔޭގައި ވެއެވެ. އެކަމަކު މުޅި އިންޑަސްޓްރީ ބިނާވެފައިވަނީ އެންމެ 54 ކުންފުނިން ޖައްވަށް ފޮނުވާފައިވާ ސެޓްލައިޓުތަކަށެވެ. އެހެންކަމުން މުއާސަލަތީ ހިދުމަތްތައް އެންމެ އެކަށީގެންވާ ބާރު މިނުގައި ދިނުމަށް ކުންފުނިތަކާ ގިނަ ފަހަރާ ނުކުޅެދެ އެވެ. އަދި ސެޓްލައިޓަށް ވެސް ސިގްނަލް އެންމެ އަވަސް މިނުގައި ފޮނުވުމަށް ދަތިތަކާ ދިމާވެ އެވެ. މިއީ އިންޓަނެޓުގެ ސްޕީޑު ދަށްވާން މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.

އަވަސް ސްޕީޑުގައި އިންޓަނެޓުގެ ހިދުމަތް ދޭން މަސައްކަތް ކުރާ ކަމަށް އެންމެ ފަހުން އިއުލާންކުރީ ސްޕޭސް އެކްސް ކުންފުނިންނެވެ. އެކުންފުނިން ވަނީ އަވަސް ސްޕީޑެއްގައި އިންޓަނެޓުގެ ހިދުމަތް ދިނުމުގެ ގާބިލްކަން ލިބިގެންވާ 40،000 ކުދި ސެޓްލައިޓް ޖައްވަށް ފޮނުވަން ތައްޔާރުވަމުންދާ ކަމަށް ބުނެފަ އެވެ.

ސްޕޭސް އެކްސް ކުންފުނިން މިކަން އިއުލާންކުރީ ވެސް 60 އިންޓަނެޓް ސެޓްލައިޓު ޖައްވަށް ފޮނުވަން ތައްޔާރު ކުރުމަށްފަހު އެވެ. އޭރު ދިޔައީ ކަމާބެހޭ ފަރާތްތަކުން ސެޓްލައިޓުތައް ޖައްވަށް ފޮނުމަށް ނަގަން ޖެހޭ ހުއްދަ ނަގަމުންނެވެ. އެ ހުއްދަ ލިބުމާއެކު ކުންފުނިން ވަނީ ކުޑަ 60 ސެޓްލައިޓު ޖައްވަށް ފޮނުވާފަ އެވެ. ސެޓްލައިޓުތައް ޖައްވަށް ފޮނުވާފައިވަނީ މިދޔަ ހޯމަ ދުވަހު އެވެ. ސެޓްލައިޓުތައް ޖައްވަށް ގެންދިޔައީ ފަލްކޯން 9 ނަމަކަށް ކިޔާ ސްޕޭސް ރޮކެޓެއްގަ އެވެ.

ސްޓާލިންކު ނަމުގައި ކުރިއަށް ގެންދާ މި މިޝަނުގައި ބާކީ އޮތް ބައި ކުރިއަށް ގެންދާނީ އަންނަ އަހަރު އެވެ. އެ އަހަރު ސެޓްލައިޓުތައް ޖައްވަށް ފޮނުވުމުގެ 24 މިޝަނެއް ކުރިއަށް ގެންދަން ސްޕޭސް އެކްސް ކުންފުނިން ވަނީ ނިންމާފަ އެވެ. މަސައްކަތުގެ އަވަސް މިނަށް ބަލާފައި ސްޕޭސް އެކްސް ކުންފުނިން ނިންމާފައިވަނީ އިތުރު 30،000 ސެޓްލައިޓު ޖައްވަށް ފޮނުވާށެވެ.