އެމްއެމްޕީއާރްސީ

ބޮޑު ގޮންޖެހުމަކީ އެއާޕޯޓު ތަރައްގީ ނުވުން: ތޮއްޔިބު

ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވާ އިރު އޮތް އެންމެ ބޮޑު އެއް މައްސަލައަކީ އެއާޕޯޓު ތަރައްގީގެ މަޝްރޫއު ނުނިމި އޮތް އޮތުން ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެފި އެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ މައި ދޮރޯއްޓަކީ އެއާޕޯޓު ކަމަށާއި އެތަން ތަރައްގީ ނުވާ މައްސަލައަކީ ފަތުރުވެރިން ރާއްޖެ ގެނައުމަށް ހުރި ގޮންޖެހުމެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެއާޕޯޓު މިހާތަނަށް ތަރައްގީ ނުވެ އޮތީ ސިޔާސީ ހަމަނުޖެހުން ތަކާއި ހެދި ކަމަށާއި އެހެން ނޫންނަމަ މީގެ އަހަރު ދެ އަހަރު ކުރިން އޮންނާނީ ދުނިޔޭގެ ފެންވަރުގައި ތަރައްގީވެފައިވާ އެއާޕޯޓެއް ކަމަށެވެ.

ތޮއްޔިބު ވިދާޅުވީ ވީއައިއޭ އާއި ރާއްޖޭގެ އެހެން އިންޓަނޭޝަނަލް އެއާޕޯޓުތައް ރަނގަޅު ފެންވަރަކަށް ތަރައްގީ ވުމަކީ ވަރަށް އުންމީދެއް ކަމަށެވެ.

ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. މީގެ އިތުރުން ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. މީގެ އިތުރުން ކާގޯ ޓާމިނަލް އާއި ތެޔޮ ރައްކާ ކުރާ ނިޒާމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އަދި އާ ޕެސެންޖަރު ޓާމިނަލް ނިމި 2022 ގައި ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.