ދުނިޔެ

53 ބިލިއަން ފީފާގެ ތެޔޮ ވަޅެއް އީރާނުން ފެނިއްޖެ

އިރާނުން 53 ބިލިއަން ފީފާގެ ތެޔޮ ވަޅެއް ފެނިއްޖެ އެވެ. އަލަށް ފެނުނު ތެޔޮ ވަޅާއެކު އިރާނުގެ ތެލުގެ ރިޒާވް ތިން ގުނަ އިތުރު ވެގެންދާނެ ކަމަށް އިރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ ވިދާޅުވެފަ އެވެ.

މި ތެޔޮ ވަޅު ފެނިފައިވަނީ އިރާނުގެ ޔަޒްދު ނަމަކަށް ކިޔާ ސިޓީ އަކުންނެވެ. އަލަށް ފެނުނު ތެޔޮ ވަޅާ ގުޅޭ ގޮތުން ރޫހާނީ ވިދާޅުވީ އެ ތެޔޮ ވަޅަކީ 2،400 އަކަ ކިލޯމީޓަރު ހުންނަ ތެޔޮ ވަޅެއް ކަމަށެވެ. އަދި އެ ތެޔޮ ވަޅުން ސާފު ނުކުރާ 53 ބިލިއަން ފީފާގެ ތެޔޮ ނެގޭނެ ކަމަށެވެ. ތެޔޮ ވަޅު ފެނިފައިވަނީ 80 މީޓަރު އަޑިންނެވެ.

އިރާނުގެ ތެލުގެ ރިޒާވް އަކީ 150 ބިލިއަން ތެޔޮ ފީފާ އެވެ. ދުނިޔޭގެ ހަތަރު ވަނައަށް ތެލާއި ގޭހުގެ އެންމެ ބޮޑު ރިޒާވް އޮތީ އިރާނުގަ އެވެ.

އީރާނުން އަލަށް ފެނުނު ތެޔޮ ވަޅާއެކު އެ ގައުމުގެ ތެލުގެ ރިޒާވް އިތުރު ވިނަމަވެސް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިރާނުން އުފައްދާ ތެޔޮ ގަންނަނީ މަދު ގައުމު ތަކެކެވެ. އެކަން ފާހަގަ ކުރައްވާ ރޫހާނީ ވިދާޅުވީ، އެމެރިކާއިން އިރާނުގެ ތެލުގެ ވިޔަފާރި ހަލާކު ކޮށްލަން މަސައްކަތް ކުރަމުން ދަނިކޮށް، އެ ވިޔަފާރި އިތުރަށް ކުރި އަރައިފި ކަމަށެވެ.

އަލަށް ފެނުނު ތެޔޮ ވަޅަކީ އިރާނުގެ ދެ ވަނައަށް އެންމެ ބޮޑު ތެޔޮ ވަޅެވެ. މީގެ ކުރިން ފެނުނު ތެޔޮ ވަޅުގެ ކެޕޭސިޓީއަކީ 65 ބިލިއަން ފީފާ އެވެ.