އަލީ އާޒިމް

ފާސްކުރާ ބަޖެޓްގައިވާ ގޮތަށް ނޫން ގޮތަކަށް ހޭދަކޮށްގެން ނުވާނެ: އާޒިމް

ސަރުކާރުން އަންނަ އަހަރު ހަރަދު ކުރަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓްގައިވާ ގޮތަށް ކަމަށާއި އެ ނޫން ގޮތަކަށް ނޫނީ ބަޖެޓްގައި ނުވާ ކަމަކަށް ހަރަދުކޮށްގެން ނުވާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރުގެ ބަޖެޓަށް ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީގެ ގޮތުގައި ބަޖެޓްގައި ހިމަނާފައިވާ ފައިސާތަކުގެ ބޮޑު ބައެއް ހިއްސާވަނީ ދިވެހި ރައްޔިތުން ދައުލަތަށް ދައްކާ ޓެކްސްގެ މައްޗަށް ކަމަށެވެ. އެހެންކަމުން އެ ފައިސާ ހަރަދު ކުރަންވާނީ އެ ރައްޔިތުން އެދޭ ގޮތަށް ރައްޔިތުން ބޭނުންވާ ކަންކަން ހާސިލު ކުރުމަށްޓަކައި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި ބަޖެޓްގައި ރައްޔިތުން ބޭނުންވާ ކަންކަން ހިމެނުމުގެ ޒިންމާ އޮތީ މަޖިލީހުގައި ތިއްބަވާ ރައްޔިތުންގެ މަންދޫބުންނަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގޮތަށް ބަޖެޓް ހޭދަ ކުރަން ޖެހޭ ކަމަށާއި އެއީ ބަޖެޓް ދޫކުރާ ހުރިހާ މުއައްސަސާގެ ވެރިންގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ބަޖެޓް މި ދޫކުރަނީ ސަރުކާރުގެ ވުޒާރާތަކުގެ ވެރިންނަށް. ކުންފުނިތަކުގެ ވެރިންނަށް. މުއައްސަސާތަކުގެ ވެރިންނަށް. މޭޔަރުންނަށް. ކައުންސިރުންނަށް. ދޫކުރަނީ އެއް ގޮތަކަށް ވެސް އެ މީހުން ހިތުހުރި ގޮތަކަށް މި ބަޖެޓް ތަޅާ ދުއްވާލަކަށް ނޫން." އާޒިމް ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ގަވާއިދާ ހިލާފަށް އެއްބަސްވުންތައް އުވާލުމުގެ ސަބަބުން ދައުލަތަށް ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހިފައި އޮތުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގައި ވެސް ބިލިއަނެއްހާ ރުފިޔާ ވަނީ އެފަދަ ކަންކަމަށް ހިމަނާފަ އެވެ.

އާޒިމް ވިދާޅުވީ ބަދަލުގެ ދިނުމުގެ ގޮތުގައި ބަޖެޓްގައި ހިމަނާފައިވާ ފައިސާއަށްވުރެ އިތުރަށް އެއްވެސް ފައިސާއެއް ދައްކައިގެން ނުވާނެ ކަމަށެވެ. ފައިސާ ހަރަދު ކުރެވެން ވާނީ މަޖިލީހުން ފާސްކުރާ ބަޖެޓްގައިވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މަޖިލީހުން ފާސްކުރާ ބަޖެޓްގައި އޮތް ގޮތަށް ނޫން ގޮތަކަށް ހަރަދު ކޮށްގެން ވާނެ ކަމަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން، ރައްޔިތުން ޓެކްސް ދައްކަނީ ބަދަލުގެ ގޮތުގައި ފައިސާތަކެއް ބަޔަކަށް ދިނުމަކަަށް ނޫން،" އާޒިމް ވިދާޅުވި އެވެ.

އޭގެ އިތުރަށް އާޒިމް ފާހަގަ ކުރެއްވީ އިންކަމް ޓެކްސްގެ ގޮތުގައި ބަޖެޓްގައިވާ ކަންކަމަށެވެ. އެ ކަމަށް އިޝާރާތް ކުރައްވާ ވެސް އޭނާ ވިދާޅުވީ މަޖިލީހުން ބަޖެޓް ފާސް ކުރަން ވާނީ އެ ފާސްކުރާ ބަޖެޓާ އެއް ގޮތަށް އަމަލު ކުރެވޭނެ ކަންކަން ޔަގީން ކޮށްފަ އެވެ.

ބަޖެޓްގައި އިންކަމް ޓެކްސްއިން ދައުލަތަށް ލިބޭނެ އާމްދަނީގެ ގޮތުގައި ހިމަނާފައި ވަނީ އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ލިބޭ ފައިސާ އެވެ. އެކަމަކު، އާޒިމް ވިދާޅުވީ އިންކަމް ޓެކްސް ނެގުމަށް އިތުރު މުއްދަތު ބޭނުންވާ ކަމަށާއި އެ ގޮތަށް ބަޖެޓް އިސްލާހު ކުރަން ޖެހޭ ކަމަށެވެ.

"އިންކަމް ޓެކްސްގެ ބިލް ހުށަހެޅިތާ ވެސް މާ ގިނަ ދުވަހެއް ނުވޭ، އަޅުގަނޑުމެން މި އުޅޭނީ އެ ޓެކްސް ނަގަން ފެށޭނެ ޓްރެޝްހޯލްޑާ މެދު ވެސް އެއްބަސްނުވެވިގެން. އަދި އެ ކަމަށް މީހުން އަހުލުވެރި ކުރަން ވެސް ޖެހޭ. އެހެންކަމުން އެ ކަމަށް މުއްދަތެއް ދޭން ޖެހޭ އެބަ." އާޒިމް ވިދާޅުވި އެވެ.