ބަންގުލަދޭޝްގައި މިހާރު ކުރިއަށްދާ، އޭޝިއާ ސެންޓްރަލް ޒޯން އަންހެން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ މައްޗަށް ސީދާ ތިން ސެޓް ކާމިޔާބު ހޯދައި ރައުންޑް ރޮބިން ލީގްގެ އެއް ވަނަ ނޭޕާލުން ހޯދައިފި އެވެ.
ރާއްޖެއަށް ލިބުނީ ދެ ވަނަ އެވެ. މުބާރާތް ހަމަޖެހިފައިވާ ގޮތުން ފައިނަލުގައި ވާދަ ކުރަނީ ރައުންޑް ރޮބިން އުސޫލުން ކުޅުނު ބުރުގެ އެއް ވަނަ ޓީމާއި ދެ ވަނަ ޓީމެވެ. މާދަމާ ކުޅޭ ފައިނަލުގައި ވާދަ ކުރާނީ ނޭޕާލް އާއި ރާއްޖެ އެވެ.
މެޗަށް ނުކުތުމުގެ ކުރިންވެސް ފައިނަލަށް ދަތުރު ކޮށްފައިވާ ރާއްޖޭގެ ޓީމުން މެޗަށް ނުކުތީ ބަދަލު ތަކާ އެކު އެވެ. ނޭޕާލުން މެޗުގެ ތިން ސެޓްވެސް ކާމިޔާބު ކުރީ ފަސޭހަ ކަމާއެކު އެވެ.
ފުރަތަމަ ސެޓް ނޭޕާލް ކާމިޔާބު ކުރީ 25-14 އިންނެވެ. ދެ ވަނަ ސެޓް އެ ޓީމުން ކާމިޔާބު ކުރީ 20 ޕޮއިންޓްގެ ލީޑަކާ އެކު އެވެ. އެ ސެޓް ނޭޕާލުން ގެންދިޔައީ 25-5 އިންނެވެ. ފަހު ސެޓް ކާމިޔާބު ކުރީ 25-23 އިންނެވެ.
މުބާރާތުގައި ވާދަ ކުރާ އެންމެ ވަރުގަދަ ޓީމަކީ ނޭޕާލެވެ. އެ ޓީމު ފައިނަލުގެ ޖާގަ ހޯދީ ރައުންޑް ރޮބިން ލީގްގައި ކުޅުނު އެއްވެސް މެޗެއްގެ އެއްވެސް ސެޓަކުން ބަލި ނުވެ އެވެ.