ދައުލަތުގެ ބަޖެޓް

ބަޖެޓް ފުރިހަމަ، ވައުދު ފުއްދޭނެ: ނާޒިމް

ދެހާސް ވިހިވަނަ އަހަރަށް އަމާޒުކޮށް ސަރުކާރުން ހުށައަޅާފައިވާ ބަޖެޓަކީ ވަރަށް ފުރިހަމަ އަދި ސަރުކާރުން ވެފައިވާ މުހިންމު ވައުދުތައް ފުއްދުމަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ބަޖެޓެއް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރާ 37.5 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުންނެވެ.

ޖޭޕީގެ ޕީޖީ ގުރޫޕްގެ ނާއިބް ލީޑަރުގެ މަގާމުގައިވެސް ހުންނެވި ނާޒިމް ވިދާޅުވީ ސިއްހީ ދާއިރާއާއި، ތައުލީމީ ދާއިރާއަށް ބަޖެޓްގައި ވަރަށް ޚާއްސަ އަހަންމިއްޔަތުކަން ދީފައިވާ ކަމަށެވެ. އެގޮތުން ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ގާއިމުކުރުމުގެ މަސައްކަތާއި، އެއްދަންފަޅިއަށް ސުކޫލްތައް ބަދަލުކުރުމަށް އައު އިމާރާތްތައް ގާއިމްކުރުމާ، ނާސްތާ ޕްރަގްރާމް ކުރިއަށް ގެންދިއުމަށް ބަޖެޓްގައި ފައިސާ ހިމަނާފައިވާ ކަމަށެވެ.

މީގެ އިތުުރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށާއި، އިޖްތިމާއީ ދުޅަހެޔޮކަމަށްވެސް ބަޖެޓްގައި ވަރަށް ބޮޑަށް އިސްކަންދީފައިވާ ކަމަށެވެ. އަދި 2020 ގެ ބަޖެޓަކީ ލާމަރުކަޒު ކުރުމަށް މުހިންމު އަމާޒުތަކެއް ހިފާފައިވާ ބަޖެޓެއްކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ބަޖެޓްގައި އާމްދަނީ ހޯދުމަށްވެސް ރަނގަޅު ގޮތްތަކެއް ކަނޑައަޅާފައިވާއިރު ޓީބިލް ވިއްކުމުގެ ނިޒާމަށް ބަދަލުތަކެއް ގެނެސް، ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ފައިދާވާނެ ގޮތަކަށް އެކަންކަން ކުރިއަށް ގެންދެވޭނެ ނިޒާމެއް ގާއިމްކުރުމަށް ހުށައަޅުއްވާ ކަމަށެވެ.

އަދި ސަރުކާރުގެ ބައެއް ވިޔަފާރިތައް ހުއްޓާލާ، ރައްޔިތުންގެ އަތްމައްޗަށް އެފަދަ ވިޔަފާރިތައް ދޫކޮށްލުމާއި، ސަރުކާރުގެ ބަޖެޓުން ޚަރަދުކުރާ މަޝްރޫއުތައް ހަމައެކަނި ދިވެހިންނަށް ދެވޭނެ އިންތިޒާމެއް ހަމަޖެއްސުންވެސް މުހިންމު ކަމަށެވެ.

ނާޒިމް ވިދާޅުވީ މުޅި ބަޖެޓަށް ބަލާލުމުން މިއީ ވަރަށް ފުރިހަމަ އަދި ރައީސް ސޯލިހްގެ ރިޔާސީ ވައުދުތައް ފުއްދޭނެ ބަޖެޓެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި މި ބަޖެޓަކީ ވަރަށް ހިކުމްތްތެރިކަމާ، ވިސްނުންތެރިކަމާއެކު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށްޓަކައި ހުށައަޅާފައިވާ ވަރަށް ފުރިހަމަ ބަޖެޓެއް ކަމުގައި އަޅުގަނޑު ދަންނަވާލަން ބޭނުން. އާދެ މި ބަޖެޓަކީ ދިވެހި ރައްޔިތުންގެ ވިންދާ އިހުސާސްތަކާއި ގުޅި، އެ ރައްޔިތުން ބޭނުންވާ ކަންކަން ހާސިލްކުރުމަށްޓަކައި އަދި މި ސަރުކާރު ގެނައުމަށް ވެވުނު ވައުދުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފުއްދުމަށް އެހީތެރިވެދާނެ ބަޖެޓެއްކަމުގައިވެސް އަޅުގަނޑު ފާހަގަކޮށްލަން." ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވަނީ އޭނާ ނިސްބަތްވާ ދަނގެތީ ދާއިރާގެ ރަށްރަށައްވެސް މުހިންމު މަޝްރޫއުތަކެއް ހިމަނާފައިވާކަން ފާހަގަ ކުރައްވާފައެވެ.

ދަނގެތީ ދާއިރާގެ ރަށްރަށައް ބަޖެޓްގައި ހިމެނިފައިވާ ކަންކަން

  • މަންދޫ: ޖެޓީގެ މަސައްކަތް
  • ދިއްދޫ: ފެނާއި ނަރުދަނާ އަދި ބަދަރުގެ މަސައްކަތް
  • ދިގުރަށް: ފެނާއި ނަރުދަމާ، މިސްކިތެއް ބިނާކުރުން
  • އޮމަދޫ: ފެނުމުގެ ނިޒާމް ގާއިމްކުރުން، ނަރުދަމާގެ މަސައްކަތް ނިންމާ ޚިދުމަތް ދިނުން
  • ދަނގެތި: ފެނުގެ ނިޒާމް އިތުރަށް ރަނގަޅުކުރުން، ނަރުދަނާގެ ނިޒާމް، މިސްކިތް ބިނާކުރުން

މީގެ އިތުރުން ދިގުރަށުގައި އޭޓީއެމްގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި ރަށްގިރުމުގެ މައްސަލައަށް ހައްލު ހޯދުމަށް ބަޖެޓްގައި ހިމަނަން މަސައްކަތް ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ދަނގެތީގައި ރަނގަޅު ފެންވަރުގެ ދަނޑެއް ގާއިމްކުރުން ބަޖެޓްގައި ހިމަނަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ 2020 ގެ ބަޖެޓް ފުރިހަމައަށް ތަންފީޒްކުރެވިއްޖެނަމަ ދާއިރާއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި އެންމެ އަހަރަކުން ހުރިހާ ކަމެއް ނުވީނަމަވެސް ދައުރު ނިމުމުގެ ކުރިން ދާއިރާގައި ހުރި މައިގަނޑު މައްސަލަތައް ހައްލުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ މި ބަޖެޓަކީ އަޅުގަނޑުމެންގެ ދާއިރާއަށް މުހިންމު މަސައްކަތްތަކެއް ހިމެނިފައިވާ ބަޖެޓެއްކަން."