މުހައްމަދު ނާޒިމް

ސިފައިންނާ ފުލުހުންގެ ބަޖެޓް ބޮޑުކުރަންޖެހޭ: ނާޒިމް

ދެހާސް ވިހިވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިވާ ބަޖެޓްގައި ސިފައިންނާ ފުލުހުންނަށް ބަޖެޓްގައި މިހާރު ކަނޑައަޅާފައިވާ އަދަދު ބޮޑުކުރުމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމް ގޮވާލައްވައިފި އެވެ.

ޖޭޕީގެ ޕީޖީ ގުރޫޕްގެ ނާއިބް ލީޑަރުގެ މަގާމުގައިވެސް ހުންނެވި ނާޒިމް މިކަމަށް ގޮވާލެއްވީ އަންނަ އަހަރަށް ލަފާ ކުރާ 37.5 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުންނެވެ.

ނާޒިމް ވިދާޅުވީ 2020 ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަށް ބަލާލުމުން މިއީ ވަރަށް ފުރިހަމަ އަދި ރައީސް ސޯލިހްގެ ރިޔާސީ ވައުދުތައް ފުއްދޭނެ ބަޖެޓެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް ބަޖެޓްގައި ރަނގަޅުކޮށްލެވޭނެ ބައެއް ކަންކަން ހުރިކަން ފާހަގަކުރެވޭ ކަމަށެވެ.

އެގޮތުން ފުލުހުންނާއި ސިފައިންގެ ހިދުމަތް އިތުރަށް ފުޅާކޮށް ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތް ދިނުމަށް ބޭނުންވާ ބައެއް އާލަތްތައް ހޯދުމަށް އެކަށީގެންވާ ފައިސާ ބަޖެޓްގައި ހިމަނާފައި ނުވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އެހެން ކަމުން އެފަދަ ވަސީލަތްތައް ހޯދުމަށް އެކަށީގެންވާ ބަޖެޓެއް އެ ދެ މުއައްސަސާއަށް ދެއްވުމަށް ނާޒިމް ގޮވާލެއްވި އެވެ.

"އަޅުގަނޑަށް ގަބޫލުކުރެވެނީ އެންމެ އެކަށޭނަ ވަަރަށް ސިފައިންނާ ފުލުހުންނަށް ބަޖެޓް ނެތްކަން. އަޅުގަނޑު މިހެން މި ދަންނަވާލީ ހަމައެކަނި ރިކަރަންޓް ހަރަދުގެ ގޮތުގައި ފުލުހުންނާ ސިފައިންނަށް ބޭނުންވާ ފައިސާ ހަމަޖެހިފައި އޮތަސް، ފުލުހުންނާ ސިފައިން ބޭނުންވާ އާލަތްތައް ހޯދުމަށް އެކަށީގެންވާ ބަޖެޓް ހަމަޖެހިފައި ނެތްކަން. އެގޮތުން އަޅުގަނޑު ސަރުކާރަށް އިލްތިމާސްކުރަން ސިފައިންނާ ފުލުހުންގެ ބަޖެޓް މިއަށްވުރެ ބޮޑުކުރަން." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މިފަހުން އަލިފާނުން ލިބޭ ގެއްލުން ބޮޑުވަމުންދާއިރު، އެފަދަ ހާލަތްތަކަށް ބޭނުންކުރެވޭނެ ވަސީލަތްތައް ހޯދަން ޖެހިފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މުދާ ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ސިފައިންނާ ފުލުހުން އިތުރު ވަސީލަތްތައް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

"އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުސް ޝްޓޭޝަންތައް ގާއިމްކުރުމަށް ބޭނުންވާ ބަޖެޓްވެސް އިތުރުކުރަންޖެހޭ."

ނާޒިމް ވިދާޅުވީ ސިއްހީ ދާއިރާއާއި، ތައުލީމީ ދާއިރާއަށް ބަޖެޓްގައި ވަރަށް ޚާއްސަ އަހަންމިއްޔަތުކަން ދީފައިވާ ކަމަށެވެ. އެގޮތުން ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ގާއިމުކުރުމުގެ މަސައްކަތާއި، އެއްދަންފަޅިއަށް ސުކޫލްތައް ބަދަލުކުރުމަށް އައު އިމާރާތްތައް ގާއިމްކުރުމާ، ނާސްތާ ޕްރަގްރާމް ކުރިއަށް ގެންދިއުމަށް ބަޖެޓްގައި ފައިސާ ހިމަނާފައިވާ ކަމަށެވެ.

މީގެ އިތުުރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށާއި، އިޖްތިމާއީ ދުޅަހެޔޮކަމަށްވެސް ބަޖެޓްގައި ވަރަށް ބޮޑަށް އިސްކަންދީފައިވާ ކަމަށެވެ. އަދި 2020 ގެ ބަޖެޓަކީ ލާމަރުކަޒު ކުރުމަށް މުހިންމު އަމާޒުތަކެއް ހިފާފައިވާ ބަޖެޓެއްކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ބަޖެޓްގައި އާމްދަނީ ހޯދުމަށްވެސް ރަނގަޅު ގޮތްތަކެއް ކަނޑައަޅާފައިވާއިރު ޓީބިލް ވިއްކުމުގެ ނިޒާމަށް ބަދަލުތަކެއް ގެނެސް، ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ފައިދާވާނެ ގޮތަކަށް އެކަންކަން ކުރިއަށް ގެންދެވޭނެ ނިޒާމެއް ގާއިމްކުރުމަށް ހުށައަޅުއްވާ ކަމަށެވެ.

އަދި ސަރުކާރުގެ ބައެއް ވިޔަފާރިތައް ހުއްޓާލާ، ރައްޔިތުންގެ އަތްމައްޗަށް އެފަދަ ވިޔަފާރިތައް ދޫކޮށްލުމާއި، ސަރުކާރުގެ ބަޖެޓުން ޚަރަދުކުރާ މަޝްރޫއުތައް ހަމައެކަނި ދިވެހިންނަށް ދެވޭނެ އިންތިޒާމެއް ހަމަޖެއްސުންވެސް މުހިންމު ކަމަށެވެ.

ނާޒިމް ވިދާޅުވީ މުޅި ބަޖެޓަށް ބަލާލުމުން މިއީ ވަރަށް ފުރިހަމަ އަދި ރައީސް ސޯލިހްގެ ރިޔާސީ ވައުދުތައް ފުއްދޭނެ ބަޖެޓެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި މި ބަޖެޓަކީ ވަރަށް ހިކުމްތްތެރިކަމާ، ވިސްނުންތެރިކަމާއެކު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށްޓަކައި ހުށައަޅާފައިވާ ވަރަށް ފުރިހަމަ ބަޖެޓެއް ކަމުގައި އަޅުގަނޑު ދަންނަވާލަން ބޭނުން. އާދެ މި ބަޖެޓަކީ ދިވެހި ރައްޔިތުންގެ ވިންދާ އިހުސާސްތަކާއި ގުޅި، އެ ރައްޔިތުން ބޭނުންވާ ކަންކަން ހާސިލްކުރުމަށްޓަކައި އަދި މި ސަރުކާރު ގެނައުމަށް ވެވުނު ވައުދުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފުއްދުމަށް އެހީތެރިވެދާނެ ބަޖެޓެއްކަމުގައިވެސް އަޅުގަނޑު ފާހަގަކޮށްލަން." ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވަނީ އޭނާ ނިސްބަތްވާ ދަނގެތީ ދާއިރާގެ ރަށްރަށައްވެސް މުހިންމު މަޝްރޫއުތަކެއް ހިމަނާފައިވާކަން ފާހަގަ ކުރައްވާފައެވެ.

ދަނގެތީ ދާއިރާގެ ރަށްރަށައް ބަޖެޓްގައި ހިމެނިފައިވާ ކަންކަން

  • މަންދޫ: ޖެޓީގެ މަސައްކަތް
  • ދިއްދޫ: ފެނާއި ނަރުދަނާ އަދި ބަދަރުގެ މަސައްކަތް
  • ދިގުރަށް: ފެނާއި ނަރުދަމާ، މިސްކިތެއް ބިނާކުރުން
  • އޮމަދޫ: ފެނުމުގެ ނިޒާމް ގާއިމްކުރުން، ނަރުދަމާގެ މަސައްކަތް ނިންމާ ޚިދުމަތް ދިނުން
  • ދަނގެތި: ފެނުގެ ނިޒާމް އިތުރަށް ރަނގަޅުކުރުން، ނަރުދަނާގެ ނިޒާމް، މިސްކިތް ބިނާކުރުން

މީގެ އިތުރުން ދިގުރަށުގައި އޭޓީއެމްގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި ރަށްގިރުމުގެ މައްސަލައަށް ހައްލު ހޯދުމަށް ބަޖެޓްގައި ހިމަނަން މަސައްކަތް ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ދަނގެތީގައި ރަނގަޅު ފެންވަރުގެ ދަނޑެއް ގާއިމްކުރުން ބަޖެޓްގައި ހިމަނަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ 2020 ގެ ބަޖެޓް ފުރިހަމައަށް ތަންފީޒްކުރެވިއްޖެނަމަ ދާއިރާއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި އެންމެ އަހަރަކުން ހުރިހާ ކަމެއް ނުވީނަމަވެސް ދައުރު ނިމުމުގެ ކުރިން ދާއިރާގައި ހުރި މައިގަނޑު މައްސަލަތައް ހައްލުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށް ނާޒިމް ވިދާޅުވި އެވެ.