މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑްގެ ގޭމްސްއަށް ފަހު ދިވެހި ކުޅިވަރަށް ކުރިމަތިވާނެ އެންމެ ހާއްސަ ދުވަހަކަށް މިއަދު ވާނެ އެވެ. ރާއްޖޭގެ އެންމެ ބޮޑު ދެ ކުޅިވަރު ކަމަށްވާ ފުޓްބޯޅަ އާއި ވޮލީބޯޅައަށް ނިސްބަތްވާ ދެ ޓީމެއް މުހިންމު މެޗުތަކަކަށް ނުކުންނަ ދުވަހެވެ.
ވޮލީބޯޅައިގައި މި ސަރަހައްދުގެ އެންމެ ބޮޑު މުބާރާތް ސެންޓްރަލް ޒޯންގައި ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމު ފައިނަލުގައި ނޭޕާލާ ދެކޮޅަށް ނުކުންނާނެ އެވެ. ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ފައިނަލަށް ރާއްޖެ ދިއުމަކީ ރާއްޖޭގެ އަންހެން ވޮލީބޯޅައިގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބެވެ.
ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ފައިނަލަށް ދިއުމަކީ ރާއްޖެއިން ކުރި ބޮޑު އުންމީދެކެވެ. ސެންޓްރަލް ޒޯން ވޯލްޑްކަޕް ކޮލިފިކޭޝަން މުބާރާތް 2017 ވަނަ އަހަރު ރާއްޖޭގައި ބޭއްވިއިރު އެ މުބާރާތުން ރަނގަޅު ކާމިޔާބެއް ހޯދުމަކީ ރާއްޖޭގެ އަންހެން ޓީމުން ކުރި އުންމީދެކެވެ. އެހެންނަމަވެސް އަމިއްލަ ގައުމުގައި ކުޅެ ދިވެހި ވޮލީޓީމަށް އެކަށީގެންވާ ކާމިޔާބެއް ނުލިބުނެވެ.
އެހިތްދަތި ކަމުން އަރައި ގެނެ މިއަހަރުގެ މުބާރާތަށް ގައުމީ އަންހެން ވޮލީ ޓީމު ތައްޔާރު ވަމުން ދިޔައީ ވަރުގަދަ އަޒުމަކާއެކު އެވެ. ބަންގުލަދޭޝްގައި މިއަދު ނިމޭ މުބާރާތަށް ގައުމީ އަންހެން ޓީމު ތައްޔާރުވީ އުނދަގޫ ހާލަތެއްގެ ތެރެއިންނެވެ. ސްޕޯޓްސް މިނިސްޓްރީ އާއި ވީއޭއެމްގެ އެކްސްކޯއިން އެސޯސިއޭޝަންގެ ލީޑާޝިޕަށް ތަޅާ ފޮޅަމުން ދިޔައިރު މުޅި ވޮލީ އާއިލާގެ ސަމާލުކަން ހުއްޓުނީ އެކަމަށެވެ. އެހެންނަމަވެސް އަންހެން ވޮލީޓީމުން ފޯކަސް ބަހައްޓައިގެން މަސައްކަތް ކުރަމުން ދިޔައީ ކުރިމަތީގައި އޮތް ސެންޓްރަލް ޒޯން މުބާރާތުގައި ދިވެހިން ހިނިތުންވާނެ ވަރުގެ ކާމިޔާބެއް ހޯދުމަށެވެ.
މުޅި މުބާރާތުގައި މިހާތަނަށް ރާއްޖެ ދެއްކި ކުޅުމުންވެސް އެކަން ފާހަގަ ވެގެން ދިޔަ އެވެ. ދިވެހި ކުޅުންތެރިން ކޮންމެ މެޗެއްގައިހެން ކުޅެމުން ދިޔައީ ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓައިގެންނެވެ. މުބާރާތް ބާއްވާ ގައުމު ބަންގުލަދޭޝް އާ ދެކޮޅަށް ކުޅުނު މެޗުގައި އެކަން ވަރަށް ބޮޑަށް ފާހަގަވެގެން ދިޔަ އެވެ. މިއަދުގެ މެޗުގައި ރާއްޖެއިން ނުކުންނަ ނޭޕާލަކީ މުބާރާތުގައި އޮތް އެންމެ ވަރުގަދަ ޓީމެވެ. ރައުންޑް ރޮބިން ލީގްގެ އެއް ވަނަ ހޯދައިގެން ނޭޕާލް ފައިނަލަށް ދިޔައީ މެޗުތަކުގެ އެއްވެސް ސެޓަކުން ބަލި ނުވެ އެވެ.
ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ މިއަދު މާލޭގައި ނުކުންނާނީ ފިލިޕީންސްއާ ދެކޮޅަށެވެ. ކޮލިފައިންގައި ރާއްޖޭގެ ޓާގެޓެއްގެ ގޮތުގައި އޮތީ އޭޝިއަން ކަޕަށް ކޮލިފައި ވުމުވެ. އެ ރޭހުގައި މިއަދު ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރާއްޖެއިން ކުރިއަށް ދިއުމުގައި މުހިންމު މެޗެކެވެ. އޮސްޓްރޭލިއާގައި 2015 އަހަރު ބޭއްވި އޭޝިއަން ކަޕަށް ދިއުމަށް ކުރު މަގެއް ރާއްޖެއަށް ހުޅުވިފައި ވަނިކޮށް އެ ފުރުސަތަށް ހުރަސް އެޅީ ފިލިޕީންސެވެ. ރާއްޖޭގައި 2014 ވަނަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖު ކަޕްގެ ސެމީި ފައިނަލުގައި ރާއްޖޭގެ މައްޗަށް ފިލިޕީންސް ކާމިޔާބު ހޯދީ 3-2 ންނެވެ.
ފަސް އަހަރު ކުރީގެ އޭރު އޮތް ޓީމާ މިހާރު ރާއްޖޭގެ އޮތް ޓީމު މުޅިން ކަހަލަ ގޮތަކަށް ބަދަލު ވެއްޖެ އެވެ. އެ މުބާރާތުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން މިހާރު ސްކޮޑްގައި ތިބީ ފަސް ކުޅުންތެރިންނެވެ. އެއީ އަލީ އަޝްފާގް (ދަގަނޑޭ) އާއި އަކްރަމް އަބްދުލް ގަނީ އާއި އަސަދުﷲ އަބްދުﷲ، އަލީ ފާސިރު (ސެންޓޭ) ކީޕަރު މުހައްމަދު ފައިސަލް އެވެ. މިހާރު މުޅި ޓީމު ބަދަލުވެއްޖެ އެވެ. ޓީމުގައި ޑޮމިނޭޓްކޮށް ނަގާކިޔަން ތިބީ މިދިޔަ އަހަރު ތެރޭ ގައުމީ ޓީމުން ޖާގަ ހޯދަން ފެށި ކުޅުންތެރިންނެވެ. ގައުމީ ކޯޗް ޕީޓާ ޝެގަޓްގެ ބަހުންނަމަ ފުޓްބޯޅައިގެ އާ ޖީލެވެ.
ފިލިޕީންސާ ދެކޮޅަށް މިއަދު ކުޅޭ މެޗަށް ފަހު، މިއަންނަ އަންގާރަ ދުވަހު ރާއްޖެއިން ނުކުންނާނީ ގުއާމް އާ ދެކޮޅަށެވެ. މި ދެ މެޗު ރާއްޖެއަށް ކާމިޔާބު ކުރެވިއްޖެ ނަމަ ކޮލިފައިންގައި ރަނގަޅު ހިސާބަކަށް ރާއްޖެއަށް ދެވޭނެ އެވެ.