ކާނާ

ބަތް ކޭމަ ފަލަވާނެތަ؟ ތަޖުރިބާކާރުން ބުނަނީ ކީކޭ؟

ބަތަކީ އެންމެ ގިނަ ބަޔަކު ކޮންމެ ދުވަހަކު ކައި އުޅޭ ކެއުމެކެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ބަތް ކާ މީހުން ވަރަށް ގިނަ އެވެ. ނަމަވެސް ބަތާ ބެހޭ ގޮތުން ވަރަށް ގިނަ މީހުންނަށް ތަފާތު ކުށް ހީތައް ކުރެވިފައި ވެއެވެ. ބަތް ކެއުން ފަލަވާނެ ކަމަށާއި ހަކުރު މައްޗަށް ދާނެކަމަށް ވަރަށް ގިނަ މީހުން ގަބޫލު ކުރެ އެވެ.

ބަރުދަން ލުއި ކުރުމަށް ހިތަށް އަރުވާ ކޮންމެ މީހަކުވެސް އެންމެ ފުރަތަމަ ވިސްނަނީ ބަތް ކެއުން މެދު ކުރުމަށެވެ. ނުވަތަ މުޅިން ހުއްޓާލުމަށެވެ. ކާބޯހައިޑްރޭޓްސް ގިނަ ކަމުން ބަތަކީ ބަރުދަން އިތުރުވާތީ އުޅޭ މީހުން ކާން އެންމެ ކަމުނުދާ ކެއުމަށް ވެފައި ވެއެވެ.

ނަމަވެސް ހަގީގަތުގައި ވެސް ބަތަކީ އެހާ ގޯސް އެއްޗެއް ހެއްޔެވެ؟ ތަޖުރިބާކާރުން މިކަމާ ދޭތެރޭ ބުނަނީ ކީކޭ ހެއްޔެވެ؟
ތަޖުރިބާކާރުން ބުނާ ގޮތުގައި ބަތް ނޫނަސް ހޯލް ގްރެއިންގެ ތެރޭގައި ހިމެނޭ ކޮންމެ އެއްޗެއްގައި ވެސް ތިން ބައެއް ހުރެ އެވެ. އެއީ ބްރޭން، ޖާމް އަދި އެންޑޯސްޕާމް އެވެ.

ބްރޭން އަކީ ގޮވާން ފުކުގެ ބޭރު ފަށަލަ އެވެ. އެތެރެބައިގެ ރައްކަލަށް ލެވިފައި އިންނަ މި ހަރު ފަށަލަ ވަނީ ފައިބަރު، މިނަރަލްސް އަދި އެންޓިއޮކްސިޑަންޓްސް އިން މުއްސަނދިވެފަ އެވެ. ޖާމް އަކީ ފައިދާހުރި ނިއުޓްރިއަންޓްސް ރައްކާކޮށްފައި ހުންނަ ބައެވެ. މި ބައިގައި ކާބްސް، ފެޓް، ޕްރޮޓީން، ވިޓަމިންސް، މިނަރަލްސް އަދި އެންޓިއޮކްސިޑަންޓްސް ހުންނާނެ އެވެ. ގޮވާންފުކުގެ އެންމެ ބޮޑު ބަޔަކީ އެންޑޯސްޕާމް އެވެ. މި ބައިގައި ހުންނަނީ ކާބްސް އާއި ވަރަށް މަދު ޕްރޮޓީން އެކެވެ.

ބްރައުން ރައިސް އާއި ވައިޓް ރައިސްގެ ތަފާތު

ބްރައުން ރައިސްގައި އެކުލެވިގެންވަނީ ބްރޭން އާއި ޖާމް އެވެ. އެހެންވެ ވައިޓް ރައިސް އަށް ވުރެ މި ހަނޑުލުގައި ސިއްހަތަށް ފައިދާހުރި ބައިތައް ގިނަ އެވެ. މި ހަނޑުލުގައި ފައިބަރާއި އެންޓިއޮކްސިޑަންޓްސް ވަރަށް މައްޗަށް އެކުލެވިގެން ވެއެވެ. މި ހަނޑުލުގެ ނިއުޓްރިޝަނަލް ވެލިއު އަކީ 130 އެވެ. ކާބްސް 29 ގްރާމެވެ.

ހުދު ހަނޑުލާ ބެހޭ ގޮތުން މިހާތަނަށް ތަޖުރިބާކާރުން ދައްކާފައިވާ ވާހަކަތަކުގައި ވަރަށް އޮޅުންބޮޅުން އެބަހުއްޓެވެ. ބައެއް ހޯދުންތައް ބުނާ ގޮތުން ހުދު ހަނޑުލުގެ ބަތް ކެއުމަކީ ބަރުދަން އިތުރުވެ ފަލަބައްޔަށް މަގުފަހިވާނެ ކަމެކެވެ. އަނެއްބައި ދިރާސާތައް ބުނަނީ ހުދު ހަނޑުލުގެ ބަތް ކެއުމުން ބަރުދަން އިތުރުވާ ކަމުގެ ހެއްކެއް ނެތް ކަމަށެވެ. އަދި ހުދު ހަނޑުލުގެ ބަތް ކެއުމުން ބަރުދަން ލުއިވާ ކަމަށް ބުނާ ބައެއް ހޯދުންތައް ވެސް އެބަހުއްޓެވެ. އެހެން ކަމަށްވާނަމަ ބްރައުން ރައިސް ނޫނަސް ހުދު ހަނޑޫ ވެސް ބަރުދަން ލުއިކުރުމަށް ކެވިދާނެ އެވެ.

ހަގީގަތުގައި މައްސަލައަކީ ބަތެއް ނޫނެވެ. ބަރުދަން އިތުރުވުން ބިނާވަނީ ކޮންމެ އެއްޗެއް ވިޔަސް އެމީހަކު ކާ މިންވަރެއްގެ މައްޗަށެވެ. ޕޯޝަން މަދުކޮށްލުމުން ކޮންމެ ކެއުމެއް ވެސް ހަށިގަނޑަށް ގެއްލުމެއް ނުވެ ކެވޭނެ އެވެ. އަހަރެމެން ކާ ކޮންމެ ކާނާއެއްގައި ވެސް ކޮންމެވެސް ކަހަލަ ފައިދާތަކެއް އެކުލެވިގެން ވާނެ އެވެ. ނަމަވެސް މާގިނައިން ކެއުމުން ކާނާއިން ލިބޭ ފައިދާއަށް ވުރެ ގެއްލުން އިތުރުވަނީ އެވެ.

ބަތަކީ ބަރުދަން އިތުރުކުރާ އެއްޗެއް ނޫންކަން ސާބިތުކޮށްދީފައިވާ ހޯދުންތައް ވަރަށް ގިނަ އެވެ. ބަތް ކާ މީހުން ބަލަން ޖެހޭނީ އެމީހުން ރެއަކާ ދުވާލު ކާ ބަތުގެ މިންވަރު މަދުކުރުމަށެވެ.

ވަރަށް ގިނަ ހޯދުންތައް ބުނާ ގޮތުން ބޮޑެތި ތަށީގައި ކެއުމަކީ ވެސް ގިނައިން ކެވެން މެދުވެރިވާ ކަމެކެވެ. އެއީ ކޮންމެ ވައްތަރެއްގެ ކާނާ އަކަށް ވިޔަސް މާ ބޮޑެތި ތައްޓަށް ކާނާ އަޅާނަމަ ކިތަންމެ ގިނައިން އެޅިޔަސް މާ ގިނަކަމަށް ލޮލަށް ނުފެނިދާނެ އެވެ. އަދި އެހެންގެ ބޮޑެތި ތަށީގައި ކާ މީހުންނަށް ކުޑަ ތައްޓެއްގައި ކާ މިންވަރަށް ވުރެ މާ ގިނައިން ކެވޭ ގޮތް މެދުވެރިވެ އެވެ.

ބަތް ކާ މިންވަރު މަދުކުރުމަށްޓަކައި ކޮންމެ ދުވަހަކުވެސް ކުޑަ ބޯތައްޓެއްގެ ބަތް ކާން އާދަކުރާށެވެ. ބަތަކީ ބަރުދަން އިތުރުވާ އަދި ލުއިވާ އެއްޗަކަށް ވެސް ހެދިދާނެ އެވެ. ކާ މިންވަރެއްގެ މައްޗަށް ބިނާ ކޮށެވެ.