އަހުމަދު ޝިޔާމް

"އޮތީ އޮޅުވާލުން، މިއީ ގައުމު ކަފުން ކުރާނެ ބަޖެޓެއް"

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ 37.5 ބިލިއަން ރުފިޔާގެ ބަޖެޓްގައި އޮތީ ހިޔާލީ ފޮލާތަކާއި އޮޅުވާލުންތައް ކަމަށާއި އެއީ ދިވެހި ގައުމުގެ މާލީ ހާލާތު "ކަފުން" ކުރާނެ ބަޖެޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރުގެ ބަޖެޓަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި ވެރިކަން ކުރެއްވި ބައެއް ބޭފުޅުން ދިވެހި ރައްޔިތުން "ހިޔާލީ ފޮލާތަކެއްގެ" ތެރޭގައި ގެންގުޅުއްވަން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އަންނަ އަހަރުގެ ބަޖެޓްގައި ވެސް ފެންނަނީ އެފަދަ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ބަޖެޓް ވެސް މިއަދު ފެންނަނީ ހަމަ އެކަހަލަ [ހިޔާލީ ފޮލާތައް] ގޮތަކަށް. މާލޭގައި އަޅުގަނޑު ދިރިއުޅޭއިރު ހެނދުނު ފަތިހު އިރުމަތީ ފަރާތަށް ދިޔަމައި އިރު އަރައިގެން ދިޔައިމަ ފެންނަނީ ރަންރީނދޫ ކުލައިގެ ބްރިޖެއް އަޅާފައި އޮންނަ މަންޒަރު، އަޅުގަނޑު ނައިފަރުގައި ހުރެ ބެލީމަ ވެސް ފެންނަނީ ރީތި ނަލަނަލަ ބްރިޖެއް،" ބަޖެޓްގައިވާ ކަންކަމަށް ފާޑުވިދާޅުވަމުން އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ ރާއްޖެ "ކަފުން" ކުރުމަށްޓަކައި ތައްޔާރު ކުރެވިފައިވާ ބަޖެޓެއް ކަމަށެވެ. ރާއްޖޭގެ ތަރީހުގައި ވެސް މިހާތަނަށް ނުދެކޭ ވަރުގެ ބޮޑު ބަޖެޓެއް ހުށަހަޅާފައިވާއިރު އެ ފައިސާ ހޯދާނެ ގޮތްތަކާ މެދު އޭނާ ސުވާލު އުފެއްދެވި އެވެ.

"އާމްދަނީގެ ގޮތުގައި ވެސް ޖެހިދާނެ ބޭނުން އަދަދެއް. އަދި ޕީއެސްއައިޕީގެ ގޮތުގައި ވެސް ޖެހިދާނެ ބޭނުން އަދަދެއް. އެކަމަކު ޕީއެސްއައިޕީގެ ބަޖެޓަށް ފައިސާ ހޯދަން އެނގޭ ބަޔަކަށް އެ ފައިސާ ހޯދޭނީ. އަދި އެ ފައިސާ ލިބުނަސް މަޝްރޫއުތައް ހިންގުމަށް ބޭނުންވާ، ހިންގަން އެނގޭ ބަޔަކަށް ނޫނީ އެ ފައިސާގެ އަދަދުތަކެއް ބޭނުން ކުރާކަށް ނޭނގޭނެ." ޝިޔާމް ވިދާޅުވި އެވެ.

ބަޖެޓްގެ ޑެފިސިޓްގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަން ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވީ ބަޖެޓްގެ ޑެފިސިޓް އެއަށްވުރެ ބޮޑުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށް ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ. އެ ގޮތުން އިންކަމް ޓެކްސްގެ ބިލް ފާސްނުކޮށްފައިވާ ކަން ފާހަގަކުރެއްވި އެވެ.

މި އަހަރު ނިމޭއިރު ޖުމުލަ ދަރަނީގެ ނިސްބަތް ހުންނާނީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 67.9 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް ލަފާކޮށްފައިވާ ކަން ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވީ އަންނަ އަހަރު ނިމޭއިރު އެ އަދަދު 80 ޕަސެންޓަށްވުރެ އިތުރުވެދާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އެއީ ވަރަށް ބޮޑު "ނުރައްކަލެއްގެ" ގޮތުގައި ސިފަ ކުރެއްވި އެވެ.

"މި ބިރު ހުރި ކަމެއް، ބިރުވެރި ކަމެއް، އެހެންވެ އަޅުގަނޑު މި ދަންނަވަނީ މިއީ މި ދިވެހިރާއްޖެ ކަފުން ކުރާނެ ބަޖެޓެއް ކަމަށް، ދަރަނި މި ވަރަށް އަރައިގެން ދިއުމަކީ ނުރައްކަލެއް،" ޝިޔާމް ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓްގައި އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނެ ކަމަށް ލަފާ ކުރެވޭ އަދަދު ނެތް ކަން ހުޅުދޫ ދާއިރާގެ މެންބަރު އިޔްލާސް ލަބީބް ވެސް މިއަދު ފާހަގަ ކުރެއްވި އެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވީ، އެ އަދަދު ނޭނގި ބަޖެޓް ފާސްކުރަން ވޯޓަށް ނޭހޭނެ ކަމަށެވެ.

ދާއިރާއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މި އަހަރުގެ ބަޖެޓްގައި ވެސް ނައިފަރަށް ހަޖައްސާފައިވާ ކަންކަމުގެ ތެރެއިން ބޮޑު ބައެއް އަހަރު ނިމޭއިރު ވެސް ހާސިލު ކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓްގައި ނައިފަރަށް ހިމަނާފައިވާ 66 މިލިއަން ރުފިޔާއަކީ އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ވޯޓު ހޯދަން ޖެހި އަދަދަކަށް ހަދައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ނައިފަރު ރައްޔިތުން ބޭނުންވާ ކަންކަން ތަރުތީބުކޮށްފައި ލިސްޓެއް އެކުލަވާލުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިދިޔަ ސެޕްޓެމްބަރު މަހު ސިޓީއެއް މެދުވެރިކޮށް ފޮނުވާފައިވާ ކަމަށެވެ. އެކަމަކު ބަޖެޓްގައި އެ ކަންކަމުގެ ތެރެއިން ވެސް ފެންނަނީ މަދު ކަންކަން ކަމަށެވެ.