ހަބަރު

އެމްއެންޔޫއާ އެމްއެމްއޭއިން މައުލޫމާތު ސެޝަނެއް ބާއްވައިފި

Nov 14, 2019

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ގައުމީ ޔުނިވާސިޓީގެ ބިޒްނަސް ސްކޫލް ގުޅިގެން ޔުނިވާސިޓީ އަދި ކޮލެޖްތަކުގައި ކިޔަވާ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި އެވެ.

އެމްއެންޔޫ ބިޒަނަސް ސްކޫލްގެ އޮޑިޓޯރިއަމްގައި ބޭއްވި މި ސެޝަނުގައި އެމްއެމްއޭއިން ކޮށްފައިވާ ދިރާސާއެއްގެ މައުލޫމާތު ވަނީ ހުށަހަޅާފަ އެވެ.

އެގޮތުން، ދައުރުވާ ފައިސާ އަށް އަސަރުކުރުވާ ކަންތައްތަކާއި ބެހޭގޮތުން ހަދާފައިވާ މި ދިރާސާގެ މައުލޫމާތު ހިއްސާކޮށްފައި ވަނީ ރިސާޗް އެސިސްޓެންޓް އިމްތިނާން ސައުދުﷲ އެވެ.

މީގެ އިތުރުން ތާފާސްހިސާބު ވީހާވެސް ފަސޭހަކަމާއިއެކު ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެއް ކަމަށްވާ 'ވިޔަ' އެޕްއާއި ގުޅޭ މައުލޫމާތުވެސް ވަނީ ދަރިވަރުންނަށްދީފަ އެވެ.

ވިޔަ އެޕްލިކޭޝަނަކީ ދިވެހިރާއްޖޭގެ އިގްތިސާދުގެ އެކި ދާއިރާތަކާއި ގުޅުންހުރި ތަފާތު 600 އަށްވުރެ ގިނަ ތަފާސްހިސާބު ފަސޭހަކަމާއެކު އެއްތަނަކުން ލިބޭ އެޕްލިކޭޝަންއެކެވެ.

މީގެ އިތުރުން މި އެޕްލިކޭޝަން (http://viya.mma.gov.mv) މެދުވެރިކޮށް މާލީ އަދި އިގްތިސާދާ ގުޅުންހުރި ތަފާސްހިސާބު ފަސޭހަކަމާއިއެކު ޑައުންލޯޑްކުރެވޭނެކަމަށް މަރުކަޒީން ބުނެ އެވެ.