ކުޅިވަރު

100 ޕަސަންޓް ރެކޯޑާއެކު ނޭޕާލް ޗެމްޕިއަންކަން ހޯދައިފި

ފައިނަލުގައި ރާއްޖޭގެ މައްޗަށް ކާމިޔާބު ހޯދައި، ސައްތައިން ސައްތަ ރެކޯޑަކާއެކު، އޭޝިއާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ނޭޕާލުން ހޯދައިފި އެވެ.

ނޭޕާލުގެ ޓީމުން މެޗު ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މުބާރާތުގައި ކުޅުނު ހުރިހާ މެޗެއްގެ ހުރިހާ ސެޓަކުން ނޭޕާލް ވަނީ މޮޅުވެފަ އެވެ.

މިއަދު ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގެ އެއްވެސް ހިސާބެއްގައި ނޭޕާލްގެ މައްޗަށް ލީޑް ނަގާނެ އެއްވެސް ފުރުސަތެއް އެ ޓީމުން ރާއްޖެއަށް ދީފައެއް ނުވެ އެވެ. މެޗުގެ ފުރަތަމަ ސެޓް ނޭޕާލުން ކާމިޔާބު ކުރީ 52-13 އިންނެވެ. ދެ ވަނަ ސެޓް ކާމިޔާބު ކުރީ 25-12 އިންނެވެ.

މެޗުގައި ނޭޕާލަށް ބޯޅައިގެ ކޮންޓްރޯލް ނުލިބި އެ ޓީމު އަތުން ބޯޅަ ދޫވެގެން ޕޮއިންޓް ގެއްލުނީ އެންމެ ފަހަރަކު އެވެ. ދެ ވަނަ ސެޓްގައި ދިޔަ އެ ހާލަތު ފިޔަވައި އަމިއްލަ ކުޅުންތެރިން އަތުގައި ޖެހިފައި ބޯޅަ ބޭރަށް ދިޔަ އެއްވެސް ހާލަތެއް ނުޅި މެޗުގައި ނޭޕާލަށް ނާދެ އެވެ.

މެޗުގެ ތިން ވަނަ ސެޓަށް ނޭޕާލް ނުކުތީ އިތުބާރާއެކު އެވެ. އެ ޓީމުން ސެޓް ކާމިޔާބު ކުރީ ކުރިން ދިޔަ ދެ ސެޓަށްވުރެ ފަސޭހަކާމާއެކު އެވެ. ސެޓުން ނޭޕާލް މޮޅުވީ 25-8 ންނެވެ.

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރިހި މެޑަލް ހޯދުމަކީ ރާއްޖޭގެ އަންހެން ވޮލީބޯޅައިގެ ތާރީހްގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބެވެ. ރާއްޖެއިން ފައިނަލަށް ދަތުރު ކުރީ ލީގް ބުރުގައި ނޭޕާލް ފިޔަވައި އަނެއް ތިން ޓީމު އަތުންވެސް މޮޅުވެގެންނެވެ. އޭގެ ތެރޭގައި މުބާރާތުގެ ހޯސްޓް ބަންގުލަދޭޝްވެސް ހިމެނެ އެވެ.