ހަބަރު

އިޒްރޭލުން ގާޒާއަށް ދިން ވައިގެ ހަަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދިން ވައިގެ ހަމަލާތަށް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

އިޒްރޭލުގެ ހަމަލާތަށް ކުށްވެރިކުރައްވާ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިޒްރޭލުން ވެރިވެގަނެގެން އުޅޭ ގާޒާއަށް ދިން ހަމަލާތަކުގެ ސަބަބުން އެތަކެއް ބަޔަކު މަރުވެ ޒަހަމްވެފައިވާ ކަމަށެވެ. އަދި ހަމަލާތަށް ހުއްޓުވުމަށް މިސްރުގެ ސަރުކާރުން ކުރި މަސައްކަތަށް ރާއްޖެއިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ރާއްޖޭގެ ސަރުކާރާއި ދިވެހި ރައްޔިތުން ހަމްދަރުދީ މިވަގުތު ވަނީ މަރުވެ ދިޔަ އާއިލާތަކާއި ޒަހަމްވި މީހުންގެ އާއިލަތާއެކު ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އިޒްރޭލު ސިފައިން ގާޒާ ރައްޔިތުންނަށް އަނިޔާކުރުމަކީ ރާއްޖެއިން އެއްވެސް ވަރަކަށް ބަލައިނުގަންނަ އަދި އިޒްރޭލު ސިފައިން ގާޒާގެ އާންމު ރައްޔިތުންނަށް ހާއްސަކޮށް އަންހެނުނަށާއި ކުޑަކުދިންނަށް ހިމެނޭގޮތަށް އަނިޔާކުރުމަކީ ރާއްޖެއިން ނުހަނު ކަންބޮޑުވާ ކަމެއްކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އިޒްރޭލުން ގާޒާއަށް ވެރިވެގަނެގެން އުޅެނީ ބައިނަލްއަގްވާމީ ގާނޫނާއި އަދި އދގެ ސެކިއުރެޓީ ކައުންސިލްގެ ޖެނެރަލް އެސެމްބްލީގެ ރިސޮލިއުޝަންތަކާއި ހިލާފަށް ކަމަށެވެ. ރާއްޖެއިން ވަނީ އިޒްރޭލާއި ފަލަސްތީނާއި ދެމެދު 1967 ވަނަ އަހަރު ހެނދުނު އެއްބަސްވުމަށް އަމަލުކުރުމަށް ވެސް ގޮވާލާފަ އެވެ.

ޕަލަސްތީނާ އިޒްރޭލާ ދެމެދު ހަމަލާ ބަދަލުކުރުން މިއަދު ހުއްޓާލިއިރު އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ 38 މީހުން ވަނީ މަރުވެފަ އެވެ. އިޒްރޭލުން ވައިގެ ހަމަލާތަށް އަމާޒު ކޮށްފައިވަނީ އާންމު އެއްވެ އުޅޭ ތަންތަނަށާއި އިމާރާތްތަކަށެވެ.