ޔޫއެން

ސްޕެޝަލް ރެޕަޓުއާ މެލްޒާ ރާއްޖެ ވަޑައިގަންނަވަނީ

އދ. ގެ ސްޕެޝަލް ރެޕަޓުއަރު އޮން ޓޯޗާ، ނިލްސް މެލްޒާ ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ނޮވެމްބަރު މަހުގެ 17 އިން 24 އަށް ނިލްސް މެލްޒާ ރާއްޖެއަށް ވަަޑައިގަންނަވަނީ ސަރުކާރުގެ ދައުތަކަށެވެ.

ސަރުކާރުން ބުނީ މެލްޒާ ރާއްޖެ ވަޑައިގަތުމަށް ނިންމެވީ ރާއްޖޭގައި މީގެ ކުރިން ހިނގާފައިވާ ރަހުމުކުޑަ، ލާއިންސާނީ، އަދި ދަށުދަރަޖައިގެ އަމަލުތަކާއ އަދަބުތައް ހުއްޓުވުމަށާއި، އެފަދަ އަމަލުތައް ކުރިއަށް އޮތް ތާނގައި ނުހިގާނެކަން ޔަގީންކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިނުމުންނެވެ. އަދި ސްޕެޝަލް ރެޕެޓުއާގެ މިދަތުރުގައި މިފަދަ އަމަލުތައް ހުއްޓުވުމަށް އެޅިފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯއާއި، ކުރިއަށް އޮތްތާނގައި ރަނގަޅުކުރަންވީ ކަންތައްތަކަކީ ކޮބައިކަން ބެލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ދަތުރުގެ ތެރެއިން ސަރުކާރުގެ އިސް ފަރާތްތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ޖުޑީޝިއަރީގެ އިސް ބޭފުޅުންނާ މަދަނީ ޖަމިއްޔާތަކާއި، ނެޝަނަލް ހިއުމަން ރައިޓްސް މެކޭނިޒަމްގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި، ގާނޫނީ ވަކީލުންނާއި، އިލްމުވެރިންނާއި، އެކްޓިވިސްޓުންނާއި، އަނިޔާ ލިބިފައިވާ ފަރާތްތަކާއި އެ ފަރާޓްތަކުގެ އާއިލާތަކާވެސް ރެޕަޓުއާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސްޕެޝަލް ރެޕެޓުއާ ގެ މި ދަތުރުގައި ޖިނާއި އަދުލުގެ ނިޒާމުގެ ތެރޭގައްޔާއި، އިމިގްރޭޝަންއާއި، ސިއްހީ ދާއިރާގެ އިތުރުން އިޖްތިމާއި ހާއްސަ އެހީ ބޭނުންވާ ފަރާތްތަކާއި މިނިވަންކަމުން މަހުރޫމްވެފައިވާ މީހުން ބޭތިއްބުމަށް ހާއްސަ ތަންތަނަށް ޒިޔާރަތްވެސް ކުރާނެ އެވެ.

މިދަތުރުގައި އޭނާ ދިވެހި ނޫސްވެރިންނާއި ބައްދަލުކުރާނެ އެވެ. އަދި މާޗް 2021 ގައި އދ ގެ ހިއުމަން ރައިޓްސް ކައުންސިލް އަށް ދަތުރާ ގުޅޭ ރިޕޯޓް ހުށައަޅާނެ އެވެ.