ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރޭ ސީރިއާ އަތުން 2-1 ން ބަލިވުމުން މި އަހަރު ތެރޭ ދެ ވަނަ ފަހަރަށް ޗައިނާގެ ކޯޗް ކަމުން މާސެލޯ ލިއްޕީ އިސްތިއުފާ ދީފި އެވެ.
ޖަރުމަންގައި 2006 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އަމިއްލަ ގައުމު އިޓަލީއަށް ހޯދައިދިން ލެޖެންޑަރީ ކޯޗް، ޗައިނާގެ ޓީމުން މި އަހަރު އެންމެ ފުރަތަމަ އިސްތިއުފާ ދިނީ ޖަނަވަރީ މަހު އަރަބި އެމިރޭޓްސްގައި ބޭއްވި އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލުން ޗައިނާ ކެޓި ހިސާބުންނެވެ. އޭގެ ފަހުން އަލުން ޗައިނާގެ ކޯޗް ކަމަށް އޭނާ ހަމަޖެއްސީ މި އަހަރުގެ މެއި މަހު އެވެ. އެ ދެމެދުގައި ޗައިނާގެ ކޯޗް ކަމާ ހަވާލުވީ ލިއްޕީގެ ކޯޗް ކަމުގެ ދަށުން އިޓަލީއަށް ވޯލްޑް ކަޕް ހޯދައިދިން ފަބިއާ ކަނަވާރޯ އެވެ.
"އަހަރެންނަށް ޗައިނާއިން ވަރަށް ބޮޑު މުސާރައެއް ދޭ، އަހަރެން ފުރިހަމަ ޒިންމާ ނަގަން،" ޗައިނާގެ ޒުއަންގޫ އެވަގްރާންޑޭއަށް ކުރިން ކޯޗް ކޮށްދިން ލިއްޕީ މެޗަށް ފަހު ބުންޏެވެ. "އަހަރެން ޗައިނާގެ ކޯޗް ކަމުން އިސްތިއުފާ މިދިނީ އަދި މީގެ ފަހުން ޗައިނާ ކޯޗް ކަމުގައި އަހަރެން ނުވާނަން."
ޗައިނާގެ ފުޓްބޯލް އެސޯސިއޭޝަނުން ވަނީ ލިއްޕީގެ އިސްތިއުފާ ގަބޫލު ކުރިކަން ހާމަ ކޮށްފަ އެވެ. ސީއެފްއޭ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މެޗުގައި ކުރިމަތިވި ހިތްދަތި ބައްޔާއެކު ޗައިނާގެ ފުޓްބޯޅަ ސަޕޯޓަރުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ.
"ސީއެފްއޭއިން އެނބުރި އަލުން ޓީމު ރީބިއުލްޑް ކޮށް ވޯލްޑް ކަޕްގެ ކޮލިފައިންގެ ކުރިއަށް ހުރި މެޗުތަކުގައި ވަރުގަދަ ކުރާނަން." އެފްއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.
އަރަބި އެމިރޭޓްސްގެ ދުބާއީގައި ރޭ ސީރިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ ސީރިއާއިންނެވެ. މެޗުގެ 19 ވަނަ މިނެޓްގައި އުސާމާ އުމަރީ ސީރިއާއަށް ލީޑް ނަގައިދިނެވެ. އޭގެ 10 މިނެޓް ފަހުން ޗައިނާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ސްޕެއިންގެ އެސްޕަންޔޯލްއަށް ކުޅެމުން ގެންދާ ވޫ ލީ އެވެ. ސީރިއާއިން މެޗުގެ ލީޑް ނެގި ލަނޑަކީ އުމަރު އަލް ސޯމާ ފޮނުވާލި ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ޗައިނާގެ ޒެންގް ލިންޕެންގް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު ޗައިނާ މޮޅުވީ ދެމެޗުންނެވެ. އެއީ ރާއްޖެ އާއި ގުއާމް އަތުންނެވެ. ފިލިޕީންސާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ އެއްވަރު ވެގެންނެވެ.