ދީނީ އިލްމުވެރިޔާ އަދި ކުރީގެ މަޖިލީސް މެންބަރު ޑރ. އަފްރަޝީމް އަލީ އަވަހާރަކޮށްލި މައްސަލައާއި ގުޅިގެން މަރުތައް ބަލާ ރިޔާސީ ކޮމިޝަން އިން ކުރި ތަހުގީގުގެ ރިޕޯޓް ބަލައިނުގަންނަ ކަމަށް އެ އާއިލާއިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި މަރުތައް ބަލާ ރިޔާސީ ކޮމިޝަން އިން ކުރި ތަހުގީގުގެ ރިޕޯޓު ކަމާ ބެހޭ މުއައްސަސާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ ފޮނުއްވާފައެވެ. އަދި އެ ރިޕޯޓާއި ގުޅުންހުރި މުހިންމު މައުލޫމާތުތައް މި ހަފްތާ ނިމުމުގެ ކުރިން އާންމު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ނަމަވެސް އެ މައުލޫމާތު ހާމަކުރުމުގެ ކުރިން ރިޕޯޓްގައި ހިމެނޭ މުހިންމު މައުލޫމާތުތައް ވަނީ އާންމުވެފައެވެ.
ޑރ. އަފްރަޝީމް އަލީ އަވަހާރަކޮށްލި މައްސަލައާއި ގުޅިގެން މަރުތައް ބަލާ ރިޔާސީ ކޮމިޝަން އިން ކުރި ތަހުގީގުގެ ރިޕޯޓްގައި އަފްރަޝީމްގެ މަރާ، ސިޔާސީ އެއްވެސް ފަރާތަކާއި ގުޅުވޭނެ އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށް ވަނީ ބުނެފައެވެ. އަދި އެ މަރުގެ ފަހަތުގައި ވަނީ ދީނީ ހަރުކަށި މީހުން ކަމަށް ބުނެފައިވެއެވެ. އެ މީހުންނަކީ ޑރ. އަފްރަޝީމްގެ ވިސްނުންފުޅާ ވަރަށް ދެކޮޅު ބައެއް ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.
އެ ރިޕޯޓާއި ގުޅޭގޮތުން ޑރ. އަފްރަޝީމް އަލީގެ ބޭބެ އަބްދުއްނާސިރު އަލީ ވިދާޅުވީ ކޮމިޝަންގެ ތަހުގީގު ރިޕޯޓް ގަބޫލުނުކުރާ ކަމަށެވެ. އެ ރިޕޯޓްގައި ހުރި ކަމަށް ބުނާ ވާހަކަތަކާއި، ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތައް ދިމާ އިދިކޮޅު ކަމަށް އޭނާ ވިދާޅުވި އެވެ.
ނާސިރު ވިދާޅުވީ އޭނާގެ ކޮއްކޮގެ މަރަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެން ހިންގާފައިވާ ޖަރީމާއެއް ކަމަށާ އެ ކަމަށް ޚަރަދުކުރި ފައިސާގެ އަދަދުތަކާއި ގުޅޭ ތަފްސީލްވެސް ފުލުހުން ހާމަކުރި ކަމަށެވެ. އޭގެ ފަސް އަހަރު ފަހުން މިއީ އެއްވެސް މިންވަރަކަށް ސިޔާސީ ބަޔަކާއި ގުޅުން އޮތް މަރެއް ނޫން ކަމަށް ބުނުމަކީ ހަމަޖެހޭ މީހަކު ގަބޫލުކުރާނެ ވާހަކަތަކެއް ނޫން ކަމަށް ނާސިރު ވިދާޅުވި އެވެ.
"އަޅުގަނޑު މިބުނަނީ ހުމާމަށް ކޮން އުދަގުލެއްތޯއޭ ވާނީ އަޅުގަނޑުގެ ކޮއްކޮ [ ޑރ. އަފްރަޝީމް އަލީ ] ދުނިޔޭގައި ހުރެގެން. ނުވާނެ. އެއީ މައްސަލައެއް އޮތް ދެ މީހުންނެއް ނޫން. އެކަން ކުރި ބަޔަކު ކުރީ ބަޔަކު ބުނެގެން. އެއީ ނޭންގޭ އެއްޗަކީ." ނާސިރު ވިދާޅުވި އެވެ.
ޑރ. އަފްރަޝީމް އަލީ އަވަހާރަކޮށްލާފައިވަނީ އޮކްޓޫބަރު 1، 2012 ގައެވެ.