ރައީސް އަބްދުﷲ ޔާމީން

ކައުންސިލް އިންތިޚާބެއް ނުބާއްވާނެ: ޔާމީން

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބު މި ސަރުކާރުން ނުބާއްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ "ފުނޑާލައިިފި" ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރޭ ބޭއްވި ރެލީގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. އެ މަނިކުފާނު ވިދާޅުވީ އިންތިޚާބާ ދިމާކޮށް މި ސަރުކާރުން ރައްޔިތުންނަށް ހުވަފެން ދައްކަމުންދާ ކަމަށެވެ. މަޖިލީސް އިންތިޚާބުގައިވެސް ސަރުކާރުން އަމަލުކުރީ އެ ގޮތަށް ކަމަށް ވިދާޅުވިއެވެ.

އަދި މިހާރު ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށްވެސް ސަރުކާރުން ރައްޔިތުންނަށް ހުވަފެން ދައްކަމުންދާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ދެން އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ލޯކަލް ކައުންސިލް އިންތިޚާބު ނުބާއްވާނެ ކަމަށެވެ.

"އަނެއްކާވެސް ހުވެފެނީ ކޮންމެވެސް ވާހަކައެއް މި ދައްކަނީ. ލޯކަލް ކައުންސިލް އިންތިޚާބެއް ކައިރިވީމަ. ނުބާއްވާނެ ލޯކަލް ކައުންސިލް އިންތިޚާބެއް. ނުބާއްވާނެ އިންތިޚާބެއް. މި ބޭފުޅުންނަށް ހީފުޅުވަނީތޯ މި ބޭފުޅުންނަށް ރައްޔިތުންގެ ތާއީދު އެބޯތޭ. މި ބޭފުުޅުންނަށް ރައްޔިތުންގެ ތާއީދެއް ނެތް. [ރިޔާސީ] އިންތިޚާބަކީ ފޭރި ގަނެގެން ގެންގޮސްފައިވާ އިންތިޚާބެއް." ކުރީގެ ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ރިޔާސީ އިންތިޚާބަކީ އޮޅުވާލާފައިވާ އިންތިޚާބެއް ކަމަށާ އެ އިންތިޚާބު "ވަގަށް" ނަގައި "ހިލާލީ" ކަމަށެވެ. އަދި ފުލުހުން މައްސަލަ ތަހުގީގު ކުރަނިކޮށް ވޯޓް ކަރުދާސްތައް ނައްތާލުމަކީ އިންތިޚާބުގައި އޮޅުވާލުން އޮތް މިންވަރު ހާމަވާ ކަމެއް ކަމަށެވެ.

"ފުލުހުން ތަހުގީގު ކުރަން ފެށީ އިންތިޚާބުގެ ކަންތައްތައް. ވޯޓް ކަރުދާސްކޮޅުތައް ބަލާ ހިސާބަށް ދިޔަތަނުން އަޅުގަނޑުމެން އެންމެން ލޯ ކުރިމަތީގައި ނޫންތޯ ވޯޓް ކަރުދަސްތައް ނައްތާލީ. މިކަން ދަންނަ އެއްވެސް މީހަކު ނެތް ކަމަށް ވަނީ. މި ކަމާ ދޭތެރޭ އަތް އުފުލާލި، އިނގި އުފުލާލި ހަމަ އެއްވެސް މުއައްސަސާއެއް ނެތް."

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިބާހު އޭޕްރީލް މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ބާއްވަން އިލްކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެންމެ ފަހުން ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާފައިވަނީ 2017 ވަނަ އަހަރު އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެ ފަހަރު އިންތިޚާބު ބޭއްވީ އެތައް ފަހަރަކު ފަސް ކުރުމަށްފަހު އެވެ. އެ އިންތިޚާބު ފަސްކުރީ ރައީސް ޔާމީން ނިސްބަތްވާ ޕީޕީއެމުން އެދިގެންނެވެ.