ކުޅިވަރު

އެތުލީޓުންނަށް ބާރުދީ އެމްއޯސީގެ އާ ގަވާއިދު ފާސްކޮށްފި

އޮލިމްޕިކް ކޮމިޓީގެ ކޮންގްރެސްގައި ސީދާ އެތުލީޓުންގެ ފަރާތުން ބަސްބުނުމުގެ ފުރުސަތު ލިބޭ ގޮތަށް އެމްއޯސީ އާ ގަވާއިދު ފާސް ކޮށްފި އެވެ.

މިއަދު ބޭއްވި އެމްއޯސީގެ އަހަރީ ކޮންގްރެސްގައި، އެމްއޯސީގެ އާ ގަވައިދު ފާސް ކުރުމަށް ކޮންގްރެސްއަށް ހުށަހެޅީ ގަވާއިދަށް އެންމެ ގިނަ އިސްލާހް ހުށަހެޅި ހޭންޑްބޯލް އެސޯސިއޭޝަނުންނެވެ. ހޭންޑްބޯލްގެ ހުށަހެޅުމަށް ތާއީދު ކުރީ ބޮޑީބިލްޑީން އެސޯސިއޭޝަނުންނެވެ. ހޮޓެލް ޖެންގެ ކޮންފަރެންސް ހޯލްގައި އެމްއޯސީގެ ގަވާއިދު ފާސް ކުރީ ހާޒިރުވި ހުރިހާ އެސޯސިއޭޝަނެއްގެ ވޯޓާ އެކު އެވެ.

އާގަވާއިދުގެ ދަށުން އެތުލީޓުންނަށް ލިބޭނެ އެންމެ ބޮޑު ބާރަކީ އެތުލީޓް ކޮމިޝަނެއް އުފެދިގެން ދިއުމެވެ. އެތުލީޓުންގެ ފަރާތުން ތަމްސީލް ކުރާ އެތުލީޓުންގެ ކޮމިޝަނަށް އެމްއޯސީގެ ކޮންގްރެސްގައި ވޯޓް ދިނުމާއި ކަންކަން ހުށަހެޅުމުގެ ބާރު ލިބިގެން ވެއެވެ. އަދި އެމްއޯސީގެ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތުވެސް ލިބިގެން ދެ އެވެ.

އޮލިމްޕިކް ކޮމިޓީގެ ގަވާއިދުގައި މިހާރު އޮންނަ ގޮތުން ޖެނަރަލް ސެކެޓްރީ އާއި ހަޒާންދާރަކީ އިންތިހާބުގައި މެންބަރު އެސޯސިއޭޝަން ތަކުން ވޯޓް ދީގެން ހޮވާ ދެ މަގާމެވެ. މިއަދު ފާސް ކުރި ގަވާއިދުގެ ދަށުން އެ ދެމެގާމަކީވެސް އެމްއޯސީގެ އެގްޒެކެޓިވް ކޮމިޓީން އައްޔަން ކުރާ ދެ މަގާމަށް ވެގެންދާނެ އެވެ.

އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީ އަހްމަދު މަރުޒޫގް (މަރޭ) ވިދާޅުވީ ކުރިން އެމްއޯސީގެ ގަވާއިދު އޮތީ، އޭރު ޖަމްއިއްޔާތަކުގެ ގާނޫނުގެ ދަށުން ރަސޖިސްޓްރީ ކޮށްފައިވާ ބޮޑީއެއްގެ ގޮތުގައި އޮތުމުން އެ ގާނޫނަށް ފެތޭ ގަވާއިދެއްގެ ގޮތުގައި ކަމަށެވެ. އެހެންނަމަވެސް ކުޅިވަރު ގާނޫނުގެ ދަށުން އޮލިމްޕިކް ކޮމިޓީ އަކީ ކުޅިވަރުގެ މުހިންމު އެއް ގުނަނެއްގެ ގޮތުގައި އޮތުމުން އެކަމަށް ފެތޭ ގޮތަށް ގަވާއިދު އިސްލާހު ކުރުމުމުން މުޅި ގަވާއިދަށް ބަދަލު އައިސްފައިވާނެ ކަމަށެވެ. އިސްލާހް ގެނައިރު ކުޅިވަރު އެސޯސިއޭޝަންތަކުން ހުށަހެޅި ކަންތައްތަކާއި އިންޓަނޭޝަނަލް އޮލިމްޕިކް ކައުންސިލުން (އައިއޯސީ) ހުށަހަހަޅާފައިވާ ކަންކަން ހިމެނޭނެ ކަމަށް މަރުޒޫގް ވިދާޅުވި އެވެ.

މަރުޒޫގް ވިދާޅުވީ އާ ގަވައިދު ތަންފީޒު ކުރަން ފަށާނީ އައިއޯއައިސީ އަށް ފޮނުވައިގެން ރަޖިސްޓްރީ ކޮށް އަދި އޭގެ ފަހުގައި ސްޕޯޓްސް ކޮމިޝަނާގެ އޮފީހުގައި ރަޖިސްޓްރީ ކުރެވުމުން ކަމަށެވެ.

މިއަދު ބޭއްވި ކޮންގްރެސްގައި ބައެއް އެސޯސިއޭޝަންތަކުން ވަނީ ކުޅިވަރު އެސޯސިއޭޝަންތަކުގެ މެދުގައި ހަމަހަމަކަން ގެންގުޅުމަށް އެމްއޯސީއަށް ގޮވާލާފަ އެވެ. ބޯޑީ ބިލްޑިން އެސޯސިއޭޝަންގެ ނައިބު ރައީސް އަލީ ރިފާއު ވިދާޅުވީ ރާއްޖެއަށް މިހާރު އެންމެ ގިނައިން މެޑަލް ގެންނަ އެސޯސިއޭޝަނަކަށް ބޮޑީބިލްޑިން އެސޯސިއޭޝަން ވެގެންދާނެ ކަމަށެވެ. އެހެންނަމަވެސް އެހެން އެސޯސިއޭޝަންތަކަށް ނިސްބަތްވާ ގައުމީ ޓީމުތައް މެޑަލް ހޯދުމުން އެކަން ފާހަގަކުރާ ގޮތާއި ބޮޑީބިލްޑިންގެ އެތުލީޓުން ވޯލްޑް ޗެމްޕިއަންޝިޕުން މެޑަލް ހޯދުމުންވެސް އެކަން ފާހަގަ ނުކުރާ ކަމަށެވެ.

އެމްއޯސީގެ ކޮންގްރެސްއަށް ހާޒިރު ނުވަނީ، ސާފިން އެސޯސިއޭޝަނުންނެވެ، ކޮންގްރެސްގައި ވީއޭއެމް ބައިވެރި ނުކުރަން އެމްއޯސީން ވަނީ ނިންމާފަ އެވެ. އެއީ މިހާރު ވީއޭއެމްގެ ލީޑާޝިޕާމެދު އުފެދިފައިވާ މައްސަލަތަކާއެކު އެފްއައިވީބީ އާއި އޭޝިއާގެ އޮލިމްޕިކް ކައުންސިލްގެ ލަފާގެ މަތިން އެމްއޯސީން ނިންމި ނިންމުމެއް ކަމަށް އެމްއޯސީން ބުނެ އެވެ.