ދުނިޔެ

ލަންކާ އިންތިހާބު: ގޮތަބަޔަ އަދި ކުރީގައި

Nov 17, 2019

ސްރީލަންކާގެ ވާދަވެރި ރިޔާސީ އިންތިހާބުގެ ނަތީޖާތައް މިހާރު އަންނަމުންދާއިރު، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު ގޮތަބަޔަ ރާޖަޕަކްސަ ހަނި ލީޑެއް ނަންގަވައިފި އެވެ.

އާ ރައީސަކު ހޮވުމަށް އެތަކެއް މިލިއަން މީހުން އިއްޔެ ނުކުމެ ވޯޓު ލާފައިވަނީ، މިދިޔަ އޭޕްރީލް މަހު ލަންކާގައި ދިން ބޮމުގެ ހަމާތަކަށްފަހު އެ ގައުމުގެ އިގުތިސޯދު ވަރަށް ބޮޑަށް ވަޅުޖެހިފައިވާ ދަނޑިވަޅެއްގަ އެވެ.

ތަމަޅަ ޓައިގަރުންނާއެކު ލަންކާ ސަރުކާރުން ކުރި 25 އަހަރުގެ ދާހިލީ ހަނގުރާމަ ނިންމުމަކަށް ގެނައުމުގައި އިސްދައުރެއް އަދާކުރެއްވި ކުރީގެ ޑިފެންސް ސެކްރެޓަރީ ގޮތަބަޔަ ވަނީ ބުޑިސްޓް މެޖޯރިޓީ އޮންނަ ދެކުނުގެ ގިނަ ސަރަހައްދުތައް ކާމިޔާބު ކުރައްވައިފަ އެވެ.

ގޮތަބަޔައާ އެންމެ ގާތުން ވާދަކުރައްވާ، ހައުސިންގް މިނިސްޓަރު ސަޖިތު ޕްރޭމަދާސާ ވަނީ ތަމަޅަ މެޖޯރިޓީ އޮންނަ އުތުރުގެ ސަރަހައްދުތަކުން ތާއީދު ހޯއްދަވައިފަ އެވެ.

މިހާތަނަށް އާންމުކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު، ގޮތަބަޔަ ވަނީ 52.87 ޕަސަންޓް ވޯޓު ހޯއްދަވައިފަ އެވެ. ބައި މިލިއަނެއްހާ ވޯޓު ގުނާފައިވާއިރު، ޕްރޭމަދާސަ އަށް ލިބިވަޑައިގެންފައިވަނީ 39.67 ޕަސަންޓް ވޯޓެވެ.

ގާތްގަނޑަކަށް 16 މިލިއަން މީހުނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، އޭގެ ތެރެއިން 80 ޕަސަންޓް މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ލަފާކޮށްފަ އެވެ.

ރިޔާސީ ދައުރެއްގެ މުއްދަތަކީ ހަ އަހަރު ކަމަށް ކަނޑައަޅާފައި ވަނިކޮށް ގާނޫނު އަސާސީ އަށް ގެނައި 19 ވަނަ އިސްލާހުގެ ދަށުން ރިޔާސީ ދައުރު މިހާރު ވަނީ ފަސް އަހަރަށް ކުރުކޮށްފަ އެވެ. އަދި އެކަކަށް ވެރިކަން ކުރެވޭނީ ދެ ދައުރުގައި ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.